ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޑަބްލިޔުއެޗްއޯއަށް ކުރާ ތުހުމަތުތައް ތަހުގީގުކުރަނީ

Jul 9, 2020

ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރުން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އިހުމާލު ވެފައިވާ ކަމަށް ކުރާ ތުހުމަތުތައް ތަހުގީގުކުރަން މިނިވަން ޕެނަލެއް އެކުލަވާލައިފި އެވެ.

އެ ޕެނަލްގައި އިސްކޮށް ހަރަކާތްތެރިވާނީ ނިއު ޒީލެއްނޑުގެ ކުރީގެ ބޮޑުވަޒީރު ހެލެން ކްލާކްގެ އިތުރުން ލައިބީރިއާ ކުރީގެ ރައީސް އެލެން ޖޯންސަން ސަރުލީފް އެވެ. އެ ޕެނަލަށް އެހެން މެންބަރުން އައްޔަނުކުރައްވާނީ އެ ދެ ބޭފުޅުންކަމަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް ވިދާޅުވި އެވެ.

އަދި އެ ޕެނަލުން ތައްޔާރުކުރާ ވަގުތީ ރިޕޯޓް އަންނަ ނޮވެމްބަރު މަހު އާއްމުކުރާއިރު، އަންނަ މެއި މަހުގެ ތެރޭގައި ފައިނަލް ރިޕޯޓް ނެރޭނެކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

"މިއީ ގޮޅިތަކެއްގަ ފާހަގަ ޖަހާލާފައި، ނެރުމަށްފަހު ހިރަފުސް އަރަން ޝެލްފެއްގައި ބާއްވާނެ ރިޕޯޓެއް ނޫން. މި ރިޕޯޓް އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ނަގާނެ،" އެ ތަހުގީގުގެ ޒަރިއްޔާއިން ކަން ހިނގައިދިއަ ގޮތުގެ ހަގީގަތް މުޅި ދުނިޔެއަށް ހާމަވެގެންދާނެކަމަށް ފާހަގަކުރައްވަމުން ޑރ. ޓެޑްރޯސް ވިދާޅުވި އެވެ.

ޗައިނާގައި ބަލި އެންމެ ފުރަތަމަ ފެތުރެން ފެށިއިރު، އެކަމުގެ ސައްހަ މައުލޫމާތު ފޮރުވަން ޑަބްލިޔުއެޗްއޯ އިން މަސައްކަތް ކުރިކަމުގެ ތުހުމަތުތައް އިސްވެ ކުރައް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

އެގޮތުން، ޑަބްލިޔުއެޗްއޯއަށް އެމެރިކާއިން ދެމުންދާ އެހީ ހުއްޓާލުމަށް ޓްރަމްޕް ނިންމަވާފައި ވާއިރު، އެ ޖަމިއްޔާއިން އެމެރިކާ ވަކިވުމުގެ މަސައްކަތްވެސް އެމަނިކުފާނުގެ ސަރުކާރުން ވަނީ ފަށައިފަ އެވެ.