ލޮކްޑައުންއަށް ފަހު މާލެތެރެ ހުޅުވާލާފައިވާއިރު ކުރިން ނުފެންނަ ބައިވަރު ކަންކަން އަހަރެންނަށް މަގުމަތިން ފެނެއެވެ. މާސްކު އެޅުމާއި މަގުމަތީގައި ހުއްޓި ހުރެ ގިނައިން އަތް ސާފު ކުރާ މަންޒަރެވެ. އޭޓީއެމް ފަދަ ތަނަކަށް ނިކުމެލާ ހުއްޓިލާ ސެނިޓައިޒަރ ހާކާލާ މަންޒަރެވެ. މީހުންގެ މި ފަދަ އާދަތަކުގެ އިތުރުން ދެން ވިޔަފާރި ކުރާ ތަންތަނަށް ބޮޑެތި ބަދަލުތަކެއް އައިސްވާ ކަން ވެސް ފާހަގަވިއެވެ.
މާލޭގައި ހަނި ހަނި ގޯޅިގައި ކުރިން ހެދުން، ފައިވާން، ކުޅޭ ސާމާނު އަދި ފަހާ ތަންތަން ހުރެއެވެ. މިތަންތަނަކީ މިއީ ގަދައަށް ވިޔަފާރި ލިބޭ ތަންތަނެވެ. އަބަދުވެސް މީހުން ވަދެ ނިކުމެހަދައެވެ. އެހެންނަމަވެސް ލޮކްޑައުންގައި މި ތަންތަން އެއްކޮށް ބަންދުވެ ވަންނާނެ މީހެއް ނެތެވެ. ވިޔަފާރިއެއް ނުވެއެވެ. ތަނުގެ ކުއްޔާއި މުވައްޒަފުންގެ މުސާރަ ދިނުމަށް ވިކުރާގައި ޖަހާނެ އެއްޗެއް ނެތެވެ.
މި ފަދަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިގެ ހިޔާލު މޮޅެވެ. ނުވިކޭ މުދާތަކެއް ބަހައްޓައިގެނެ ވިޔަފާރި ކުަރަން އުޅުމުގެ މާނައެއް ނެތެވެ. އިތުރަށް ވާނީ ގެއްލުމެވެ. އެހެންކަމުން ހަލުވި ހަލުވިކޮށް ފިހާރަތަށް ބަދަލުކޮށްލީ ކުދި ކުދި ތާޒާ ތަރުކާރީ އަދި މޭވާ ވިއްކާ ތަންތަނަށެވެ.
ކޮވިޑްގެ ކުރިން މާލޭގައި ކޮންމެ ކޮއްޓެއްގައި ހުރި ކެފޭތަކެއް ހުއްޓަސް މިހާރު ފެންނަނީ ތަރުކާރީ އާއި މޭވާ ވިއްކާ ކުދި ކުދި ފިހާރަތަކެވެ. ބައެއް ކެފޭތަކުގައިވެސް ތާޒާ ތަރުކާރީ މޭވާ ވިއްކާ އެބަހުރިއެވެ. ދޮންކެޔޮ ގަނޑުގަނޑާއި ކަރަލާއި ފަޅޮލެވެ. ބޭރުން އިމްޕޯޓް ކުރާ އާފަލާއި އޮރެންޖް މިހެން ގޮސް މޭވާގެ ހުރިހާ ބާވަތްތަކެވެ. ތަރުކާރީގެ ބާވަތްތަށްވެސް ކޮޕީފަތުން ފެށިގެން ނަން ހުސްކޮށެވެ.އެހެންކަމުން ބޭރު ގައުމުތަކުގައި މަގުމަތީން ފެންނަ މޭވާ ވިއްކާ ބާޒަރު ކަހަަލަގޮތަކަށް ސިފަވާން ފަށައިފިއެވެ.
ކޯވިޑް-19 އާއި އެކު މާލޭގައި ބޮޑު މާރުކޭޓު ބަންދުކުރުމަކީވެސް މި ފަދަ ތަންތަނަށް ޑިމާންޑް އުފުލުނު ކަމެކެވެ. ކަންމަތީ ފިހާރައިން ވިޔަފާރި ނިންމާލާ މިއިން ތަނަކުން ރޯ ބާވަތްތަށް ގެއަށް ގަނެލައިގެން އަންނަން ފަސޭހައެވެ.
ބައެއް ފިހާރަތަކުގައި ކުރިން ވިއްކި ފޮތި ފޭއްޔާއި އެކު އެކީ ތަރުކާރީ ވިއްކާތަން ފެނެއެވެ. މިިއިން ފިހާރައަކަށް އަހަރެންވެސް ވަދެލީމެވެ. ސޭޓު ގާތު މިއީ ކިހިނެއް ހިނގައި ކަމެއްތޯ އެހުމުން ބުނީ އެއްޗެއް ލިބޭނީ ދުވަހީ ގޮތެއްގައި މީހުން ބޭނުން ކުރާ އެއްޗެއް ވިއްކައިގެން ކަމުގައެވެ. ތަނުގެ ކުއްޔާއި މުސާރަ ދައްކަން ޖެހެއެވެ.
އަދި އޮންލައިން ވިޔަފާރީގެ ސަަބަބުން ފޮތީގެ ޑިމާންޑް އޮތީ ވަރަށް ބޮޑަށް ދަށްވެފައި ކަމުގައި އެނާ ބުންޏެވެ. އޮންލައިންކޮށް ވިޔަފާރި ކުރާ މީހުންނަކީ ގޭގައި ތަކެތި ބައިތިއްބައިގެން ވިއްކާލެވޭނެ ފަރާތްތަކެކެވެ. އަގުގެ ގޮތުން އެމީހުންނަށް އަގުހެޔޮކޮށް ވިއްކެނީ ފިހާރައިގެ މުދަލަށް އޯވަރހެޑްގޮތުގައި ކުލި ލާން ޖޭހެނޭއެވެ.
ތެދެކެވެ. މާލޭގައި މައި މާރުކޭޓުތައް ބަންދުކޮށްފައި ހުއްޓަސް މި ކުދި ކުދި ވިޔަފާރީގެ ސަބަބުން އަހަރުމެންނަށް ތަރުކާރީ މޭވާގެ ކޮންމެ ދުވަހަކު ގަންނަން ލިބެނީ މިތަންތަނުންވެ. މި އެއްޗެއްްސަކަށް ދައްޗެއް ނޫނެވެ.
އަދި އަނެއް ކަމީ ލޮކްޑައުންގައި ކެފޭތަށް ބަންދުކޮށްފައި ހުރުމުން ހުރިހާ ވަގުތަކީ ގެއިން ކާ ފަހަރު ކަމުގައި ވުމެވެ. އަދި ޖީބަށްވެސް ލުއީ މިގޮތްކަމުގައިވުމުން ގިނަ ބަޔަކު މި ގޮތުގައި އަދިވެސް ހިފަހައްޓަލައިގެން ތިބުމުން މި ތަނަށް ޑިމާންޑް އޮތީއެވެ. އަނެއްކޮޅުން އަދިވެސް ކޯވިޑްގެ ބިރާއި ހެދި ކެފޭތަކަށް ވަންނަން ޖެހިލުންވާ ބައެއްވެސް އެބަތިއްބެވެ. އެހެން ކަމުން ފްރެޝް ޖޫހެއް ކުއްޖަކަށް ދޭންވިއަސް ގޭގައި ގިރާލާ ފަަހަރު މިހާރު ގިނައީއެވެ.
ލޮކްޑައުންއާއި އެކު ލައިފްސްޓައިލަށް ބޮޑު ބަދަލު އައިސްފައިވާ އިރު އަދި ތަރުކާރީ މޭވާ މިހާ ތިޔާގި އިރެއްގައި ކެއުމަށް މި ބައިތަށް ހިމަނާލާ ސިއްހަތަށް ފައިދާ ހުރި ދުޅަހެޔޮ ކާނާ ކެއުމުގެ އާދަ އަހަރުމެންގައިގައި އަށަގަނުވުމަށް މަސައްކަތް ކުރެވިދާނެއެވެ. ބަރުދަން ލުއިކުރަން ބޭނުންނަމަ ތަރުކާރީ މޭވާއިން "ޖޫސިންގ" އަކީ ސަޅިކަމަކެވެ.
ކުދިންނަށް ސިއްހަތަށް ފައިދާ ކާން ދިނުމަށް އަހަރެން ގެންގުޅޭ އުކުޅަކީ ވިސްސާރަ ދުނީގައި ހުންނަ ކުލަތަށް ހިމޭނޭ ތަކެތި ކުދިންގެ ކެއުމުގައި އެކުލަވާލުމެވެ. އޭރުން ދުޅަހެޔޮކޮށް ހެދިބޮޑުވުމަށް ބޭނުންވާނެ ވިޓަމިނާއި މިނަރަލް ލިބޭނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އަދިވެސް ކޯވިޑް-19 އަހަރުމެންގެ ތެރެއިން އެއްކޮށް ނުފިލާތީ އެޗް.ޕީ.އޭ އިން އެދެނީ ބާޒާރު ކުރުމުގައި ގިނަ ތަކެތީގައި އަތްހަކާ ނުހެދުމަށެވެ. ބޭނުންވާ އެއްޗެއް ގަނެގެން އައިސް ރަނގަޅަށް އަތްދޮވުމަށެވެ.