ހިތާމަވެރިކަމާއި، ކަންބޮޑުވުމާއި ގިލަންވެރިކަން ފިލުވައިލުމަށް ކުރާނޭ ދުޢާތައް ކީރިތި ޤުރްއާނުގައި ވާރިދުވެފައިވެއެވެ. އަދި ކީރިތި ރަސޫލާ صلى الله عليه وسلم ގެ އުއްމަތަށްވަނީ އުނގަންނައި ދެއްވާފައެވެ. މި ލިޔުމުގައި އަޅުގަނޑު ދެން ބަލައިލަނީ އެފަދަ ބައެއް ދުޢާތަކާއި އެދުޢާތަކުގެ ކުރު ޝަރަޙައަކަށެވެ.
ހިތާމަތަކާއި ކަންބޮޑުވުންތައް ފިލުވައިލުމަށް ކިޔާނޭ ދުޢާތައް
ހިތާމަވެރިކަމާއި، ކަންބޮޑުވުމާއި ގިލަންވެރިކަން ފިލުވައިލުމަށް ކުރާނޭ ދުޢާތައް ކީރިތި ޤުރްއާނުގައި ވާރިދުވެފައިވެއެވެ. އަދި ކީރިތި ރަސޫލާ صلى الله عليه وسلم ގެ އުއްމަތަށްވަނީ އުނގަންނައި ދެއްވާފައެވެ. މި ލިޔުމުގައި އަޅުގަނޑު ދެން ބަލައިލަނީ އެފަދަ ބައެއް ދުޢާތަކާއި އެދުޢާތަކުގެ ކުރު ޝަރަޙައަކަށެވެ.
އެކެއް: މިދުޢާއަކީ ޔޫނުސްގެފާނު، ބޮޑު މަހެއްގެ ބަނޑުތެރޭގައި އޮންނަވައި ކުރެއްވި ދުޢާއެވެ. ކީރިތި ޤުރްއާނުގައި އެކަލޭގެފާނު ކުރެއްވި ދުޢާވަނީ ބަޔާން ކުރައްވާފައެވެ. އަދި އެދުޢާގެ މާތްކަމާއި މަތިވެރިކަން ކީރިތި ރަސޫލާ ޞައްލަ ވަނީ އަންގަވައި ދެއްވާފައެވެ.
ސަޢްދު ބުނު އަބީ ވައްޤާޞް ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ޛީއްނޫން (އެބަހީ: ޔޫނުސްގެފާނު) މަހުގެ ބަނޑުތެރޭ އޮންނަވައި ކުރެއްވިދުޢާ " لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ "(الأنبياء 87) މުސްލިމަކު، އެއްވެސް ކަމެއްގައި މިދުޢާ ކޮށްފިނަމަ އޭނާއަށް އިޖާބަ ނުކުރެއްވެވި ނުދާހުއްޓެވެ. (މި ޙަދީޘް ރިވާކުރެއްވީ އަލްއިމާމުއް ތިރުމިޛީ އެވެ.)
ދުޢާގެ މާނަ: "އިބައިލާހު މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެއްވެސް އިލާޙަކު ނުވެއެވެ. ހުރިހާ އުނި ސިފަތަކަކުން އިބަ އިލާހު ހުސްޠާހިރުވެގެންވއެވެ. ހަމަކަށަވަރުން މިއަޅާ ވީ އަނިޔާވެރިވީ މީސްތަކުގެ ތެރެއިންނެވެ."
މި ދުޢާއަކީ މާނަފުންވެފައި މަތިވެރިވެގެންވާ ދުޢާއެކެވެ. މި ދުޢާގައި ބޮޑުވެގެންވާ ދެ އިޢްތިރާފުވުމެއް ހިމެނެއެވެ. ފުރަތަމައީ މާތް ﷲ ގެ މަތިވެރިކަމާއި، އެއިލާހުގެ ވިޙްދާނިއްޔަތު (އެއްކައުވަންތަކަމަށް) އިޢްތިރާފުވުމެވެ. އަދި އަޅުކަން ޙައްޤުވެގެންވާ ހަމައެކަނި ފަރާތަކީ އެއިލާހުކަމުގައި ހެކިވުމެވެ. ދެވަނައީ ތިމާގެ ކިބައިން ވެވިފައިވާ އުނިކަމާއި، ކުއްފާފަތަކަށް އަރައިގަނެވިފައިވާ ކަމަށް އިޢްތިރާފުވުމެވެ. ފުރަތަމަ އިޢްތިރާފުން ދަލީލުކުރަނީ މާތް ﷲ އަށް ފުރިހަމައަށް އަޅުކަން ޚާލިޞްކުރުވޭކަމުގެ މައްޗަށެވެ. އަދި ދެވަނަ އިޢްތިފާރުން ހާމަވަނީ ގަދަފަދަ އީމާނީއާއި މާތް ﷲ އަށް ފުރިހަމައަށް ކިޔަމަން ގަތުމެވެ.
އިހުގެ ބައެއް ދަންނަބޭކަލުން ވިދާޅުވެފައިވެއެވެ. "ތައުބާ ވުމަކީ މާތް ﷲ ގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑު ޢަމަލެއްކަމުގައިވާ ކަމަކަށްޓަކައި، އެއިލާހުގެ އަޅުތަކުންގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު ބޭކަލުން (އެބަހީ: ނަބިއްޔުންނާއި ރަސޫލުން) އެކަމުގައި ވަނީ އިމްތިޙާނު ކުރައްވާފައެވެ." އާދަމްގެފާނު ސުވާރުގޭގައި ފަރީއްކުޅުވުން ނަހީކުރެއްވިގެންވާ ގަހުން ފަރީއްކުޅުއްވެވުނު ހިނދު، ތައުބާވުމަށް ކިޔާނޭ ދުޢާއެއް މާތް ﷲ އަންގަވައިދެއްވިއެވެ. އެދުޢާގައިވެސް ހިމެނެނީ މި މާނަތަކެވެ. އެދުޢަކީ "رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ" (الأعراف 23) މާނައީ: "އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙުމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."
ދޭއް: މި ދުޢާއަކީވެސް ހިތާމަ ފިއްލެވުން އެދި ކުރުމަށް ސުންނަތުގައި ވާރިދުވެފައިވާ ދުޢާއެކެވެ. ހިތާމައާއި ކަންބޮޑުވުންތައް ކުރިމަތިވާ ދަނޑިވަޅުގައި މިދުޢާ ގިނަގިނައިން ކިޔުން އެދެވިގެންވެއެވެ. އިހުގެ ޖީލުތަކުގެ ބޭކަލުން މިދުޢާ ކިޔުވައި ހެއްދެއްވިއެވެ. އަދި އެބޭކަލުން މިދުޢާއަށް دعاء الكرب އޭ ނަންދެއްވިއެވެ. (އެބަހީ: ހިތާމަވެރިކަމުގެ ޙާލަތުގައި ކިޔާ ދުޢާއެވެ.)
އިބްނު ޢައްބާސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "މުޞީބާތްތަކާއި ކަންބޮޑުވުން މެދުވެރިވެ ވަޑައިގަންނަވާހިނދު ކީރިތި ރަސޫލާ صلى الله عليه وسلم މިފަދައިން ވިދާޅުވެއެވެ. "لا إِلَهَ إِلَّا اللَّهُ العَظِيمُ الحَلِيمُ، لا إِلَهَ إِلَّا اللَّهُ رَبُّ العَرْشِ العَظِيمِ، لا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الأَرْضِ، وَرَبُّ العَرْشِ الكَرِيمِ" (رواه البخاري ومسلم)
ދުޢާގެ މާނަ: "ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ، މަތިވެރިވަންތަ އޯގާވަންތަ އިލާހެވެ. ﷲ މެނުވީ އެހެން އިލާހަކުނުވެއެވެ. އެކަލާނގެއީ، މާތްވެގެންވާ ޢަރުޝުގެ ވެރިރަސްކަލާނގެއެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެއެވެ. އަދި މާތްވެގެންވާ ޢަރުޝުގެ ވެރިރަސްކަލާނގެއެވެ."
މި ބަރަކާތްތެރި ދުޢާއަކީ އީމާންކަމުގެ މައްޗަށްވެވޭ އިޤުރާރެކެވެ. އަދި މާތް ﷲ ގެ މަތިވެރިވަންތަކަމާއި، އެއިލާހުގެ އެއްކައުވަންތަކަމަށް ހެކިވެވޭ ހެކިވުމެކެވެ. މިދުޢާއިން ދޭހަވާ ގޮތުގައި، ކަންބޮޑުވުންތަކުގެ އެންމެ ބޮޑު ފަރުވާއަކީ ހިތުގައިވާ އީމާންތެރިކަން ހަރުދަނާ ކުރުމެވެ. އަދި މާތް ﷲ ގެ ހައިބަވަންތަވެރިކަމާއި މަތިވެރިކަން ހިތް މައްޗަށް ގެނެސްގަތުމެވެ. ތިމާއަށް ކުރިމަތިވެފައިވާ ކަންބޮޑުވުމަކީ ކިތަންމެ ބޮޑު ކަމެއްގެ ގޮތުގައި ފެނުނަސް، ކާއިނާތުގެ ވެރި ރައްބު ތަބާރަކަ ވަތަޢާލާއަށް އެކަންކަމަކީ ދާދި ކުޑަކުޑަ ކަމެއްކަމުގައި ދަތުމެވެ. އަދި ހިތާމަތައް ފިއްލަވައި ދެއްވުން ވަނީ ގަދަކީރިތިވަންތަ ﷲ ޙަޟުރަތަށް އެކަނިކަން ޤަބޫލުކޮށް އެކަމަށް އީމާންވުމެވެ.
މިދުޢާގައި ހިމެނޭ މާތް ﷲ ގެ އިސްމުފުޅު العَظِيمُ (އެބަހީ: މަތިވެރިވަންތަ) މިކަލިމައިން ހާމަކޮށްދެނީ، މާތް ﷲ އަށް ބޮޑުވެގެންވާ އެއްވެސް ކަމެއް ނުވާކަމެވެ. މިއިސްމުފުޅުން ދުޢާކުރުމީ، މާތް ﷲ އަށް ބޮޑުވެގެންވާ، ބުރަވެގެންވާ، އެއްވެސް ކަމެއް މިކާއިނާތުގައި ނުވާކަން އެނގި އެކަމަށްވެވޭ އިޢްތިރާފެކެވެ.
މާތް ﷲ ގެ އިސްމުފުޅު الحَلِيمُ (އެބަހީ: އޯގާވަންތަ) މިކަލިމައިން ހާމަކޮށްދެނީ، މާތް ﷲ ގެ ޙައްޤުގައި އަޅުތަކުންގެ ފަރާތުންވެވޭ އުނިކަމާއި، އަރައިގަނެވޭ ފާފަތަކަށް އެއިލާހުގެ ކޯފާވެވޮޑިގަތުން އިސްނުކުރައްވާކަމާއި، އެއިލާހުގެ ރަޙުމަތް ތަނަވަސްވެގެންވާކަމެވެ.
މިދުޢާގައި މަތިވެރިވެގެންވާ ޢަރުޝުގެ ވާހަކަ ތަކުރާރުވެގެން އައިސްފައިވުމުގައިވެސް ފިލާވަޅުތަކެއް ވެއެވެ. މާތް ﷲ ގެ ޢަރުޝަކީ އެއިލާހު ފިޔަވައި އެހެން ހުރިހާ މަޚްލޫޤުންނަށްވުރެ ބޮޑުވެގެންވާ، މާތް ﷲ ޚަލްޤު ކުރެއްވި އެންމެ ބޮޑު މަޚްލޫޤެވެ. މިއިން ދޭހަވަނީ ޚާލިޤުވަންތަ ﷲ ގެ މަތިވެރިކަމެވެ.
ތިނެއް: ކުރިމަތިވާ އެންމެހާ ހިތާމަތަކާއި، ކަންބޮޑުވުމާއި ނުތަނަވަސްކަން ފިލުވައިލުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ކުރެއްވި ދުޢާތަކުގެ ތެރޭގައި އަންނަނިވި ބަސްފުޅަކީވެސް ވަރަށް މަތިވެރި ދުޢާއެކެވެ. އަނަސް ބުނު މާލިކު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. "ނަބިއްޔާ صلى الله عليه وسلم މިފަދައިން ވިދާޅުވެ ދުޢާކުރައްވައެވެ. "اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الهَمِّ وَالحَزَنِ، وَالعَجْزِ وَالكَسَلِ، وَالبُخْلِ وَالجُبْنِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ" (رواه البخاري ومسلم)
މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ފިކުރުބޮޑުވުމާއި، ހިތާމަތަކުންނާއި، ނުކުޅެދުންތެރިކަމުންނާއި، ކަންނެތް ކަމުންނާއި، ބަޚީލުކަމުންނާއި، ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މިއަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކާތެރިކޮށް ދެއްވުމަށް، އިބަ ﷲ ގެ ޙަޟުރަތުން އެދި ދަންނަވަމެވެ."
އިސްވެ ދެންނެވުނު ދުޢާގައިވާ ބަސްތަކަކީ އިންސާނަކަށް ކުރިމަތިވާ ހިތާމަތަކާއި ކަންބޮޑުވުމާއި ގުޅިފައިވާ ހުރިހާ ކަމަކުން ރައްކާތެރިކޮށް ދެއްވުމަށް އެދިފައިވާ، ކުރު، އެހެނަސް މާނަފުން ބަސްފުޅެކެވެ. މިދުޢާގައި ކީރިތި ރަސޫލާ صلى الله عليه وسلم ރައްކާތެރިކަން އެދިލައްވާފައިވާ ކަންކަމުގެ ތެރޭގައި، ތިމާގެ ނަފްސަށާއި، ޖިސްމަށާއި، ބުއްދިއަށާއި، ހިތަށް މެދުވެރިވާ އެންމެހައި ނުތަނަވަސްކަމަކުން ރައްކާތެރިކޮށްދެއްވުން ޝާމިލުވެއެވެ.
އަލްއިމާމު އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. "ހިތަށްވެރިވާ، ހިތްނުރުހެވޭ ކަންތައްތަކުގެ ތެރެއިން އެކަމަކީ ފާއިތުވެ ގޮސްފައިވާ ކަމެއްނަމަ އެކަމާމެދު ކުރެވޭ ހިތާމަޔަށް ކިޔަނީ الحَزَن އެވެ. އަދި އެކަމަކީ މުސްތަޤުބަލުގައި ވެދާނޭ ކަމަކާމެދު ކަންބޮޑުވުން ކަމުގައިވާނަމަ އެއީ الهَمُّ އެވެ. އަދި އެއީ އެދަނޑިވަޅުގައި ހިނގަމުންދާ ކަމަކާމެދު ކުރެވޭ ހިތާމެއް ނުވަތަ ކަންބޮޑުވުމެއްނަމަ އެއީ الغَّمُ އެވެ."
ހިތާމަތަކާއި ކެކުޅުންތަކަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން އަސަރު ކުރަނިވި ކަންތައްތަކެކެވެ. އެކަންކަން މެދުވެރިވުމުން ބުއްދި އާއި ފިކުރަށް އަސަރު ކުރުވައި، އާދަކުރަންޖެހޭ ވާޖިބުތަކަށް ބުރޫއަރައި، ހެޔޮކަމާއި އަޅުކަމުގެ އެތައް ކަމަކުން މަހުރޫމު ކުރުވައެވެ. މިއީ އެކުރާ ހިތާމަތަކަކީ ދުނިޔެވީ ކަމަކާ ގުޅިފައިވާނަމަ އެއިން ނުކުމެދާނޭ ނަތީޖާއެވެ. އެހެނެއްކަމަކު، އެމީހެއްގެ ކަންބޮޑުވުން ގުޅިފައިވަނީ އާޚިރަތާމެދު ކަމުގައިވާނަމަ އެއީ ރަނގަޅު ކަމެކެވެ. އެކަމުގެ ސަބަބުން ނަމާދާއި އަޅުކަމާއި، ހެޔޮ ޢަމަލުތަކާއި ގާތްކުރުވައެވެ.
މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެމީހެއްގެ ކަންބޮޑުވުމަކީ އެންމެ ކަންބޮޑުވުމެއް ކަމުގައިވާނަމަ، އަދި އެއީ އާޚިރަތާމެދު ކަންބޮޑުވާ ކަންބޮޑުވުމެއްނަމަ، އޭނާގެ ދުނިޔެވީ ކަންބޮޑުވުންތައް މާތް ﷲ އޭނާއަށް ފުއްދަވައި ދެއްވައެވެ. ނަމަވެސް އޭނާގެ ކަންބޮޑުވުންތަކަކީ ދުނިޔެވީ ކަމަކާހުރެ ކަންބޮޑުވާ ކަންބޮޑުވުންތަކެއްނަމަ، އޭނާ ނެތިހަލާކުވެގެން ދަނީ ކޮން ވާދީއެއްގައިތޯ މާތް ﷲ ބައްލަވައި ވޮޑިގެން ނުވެއެވެ."
އެބަހީ: ދުނިޔޭގެ ދިރިއުޅުމަކީ މަދު ހިނދުކޮޅެއްކަމާއި، މި ދުނިޔެ ދޫކޮށް ދާންޖެހޭކަން ހަނދާންނެތި، ދުނިޔޭގެ ކަންބޮޑުވުތަކުގެ ސަބަބުން އަމިއްލަ ނަފްސު ހަލާކުވެގެންދާ ހިސާބަށް ގޮސްފައިވާ މީހާ، އެކަމުގެ ތެރޭގައި ނެތިގެން ދެއެވެ. އަދި އެކަމުން އޭނާގެ ހެޔޮ ޢަމަލުތައް އިތުރު ނުވާހާލު، އޭނާގެ ދުނިޔެވީ އެދުން ބޮޑުވެގެންދެއެވެ. ނަމަވެސް އެމީހެއްގެ ކަންބޮޑުވުމަކީ އާޚިރަތުގައި ލިބޭ ދަރުމަޔާއި ސަވާބާމެދު ވެވޭ ކަންބޮޑުވުމެއް ކަމުގައިވާނަމަ، އަދި ކުރެވޭ ހެޔޮ ޢަމަލު މަދުވެދާނެތީ ކަންބޮޑުވާ ކަންބޮޑުވުމެއްނަމަ، އެފަދަ މީހަކަށް ދުނިޔެވީ ކަންކަމުގައި ދިމާވާ ހިތާމަތަކާއި ދަތިކަމާއި ވޭން ތަޙައްމަލު ކުރުމަކީ ދާދި ފަސޭހަކަމެއް ކަމުގައިވެގެން ދެއެވެ. އަދި އޭނާއަށް ފުދުންތެރިކަން މިންވަރުކޮށް ދެއްވައެވެ. މިމާނައިގައިވާ އެހެން ޙަދީޘްފުޅެއްގައި ވެއެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "އެމީހަކު ކަންބޮޑުވުމަކީ އޭނާގެ އާޚިރަތާމެދު އޮތް ކަންބޮޑުވުމެއްނަމަ، މާތް ﷲ އޭނާގެ ހިތުގައި ފުދުންތެރިކަން ލައްވައެވެ. އަދި އޭނާގެ ކަންކަން އޭނާއަށް ޖަމާކޮށްދެއްވައެވެ. (އެބަހީ ހަމަޖައްސަވައި ދެއްވައެވެ.) އަދި ދުނިޔެއިން އޭނާއަށް މިންވަރު ކުރައްވާފައި ވަރަށް އޭނާއަށް ދެއްވާނެތެވެ. ނަމަވެސް އެމީހެއްގެ ކަންބޮޑުވުމަކީ ދުނިޔެ ހޯދުން ކަމުގައިވާނަމަ، އޭނާގެ ލޮލުގެ ކުރިމަތީގައި އޭނާގެ ފަޤީރުކަން ލައްވައެވެ. އަދި އޭނާގެ ކަންކަން ބައިބައި ކުރައްވައެވެ. އަދި އޭނާއަށް ދުނިޔެއިން ލިބެނީ އޭނާއަށް މިންވަރު ކުރެއްވި ކަމެއް އެކަންޏެވެ." އެބަހީ: ދުނިޔޭގެ މުއްސަނދިކަމާއި ހަމަޖެހުން ހޯދަން އުޅޭ މީހަކަށް އަބަދުވެސް ފެންނަނީ އެނާއަށް ވުރެ ތަނަސްކަމާއި މުއްސަނދިކަމުގައި އެހެން މީހުން ކުރިއަރައިދާ ތަނެވެ. އިންސާނާގެ ހިތް ވެލިން ނޫނީ ނުފުރޭނޭ ކަމުގައިވެސް ޙަދީޘްފުޅެއްގައި އޮވެއެވެ. އެބަސްފުޅުގެ މުރާދަކީ މަރުވުމުން މެނުވީ އިންސާނާ ގެ ހިތުގެ ދަހިވެތިކަމަކަށް ނިމުމެއް ނާންނާނެއެވެ. ދުނިޔެވީ ކަންބޮޑުވުންތަކަށް އޮތް ހައްލަކީ، މިއީ ވަގުތީ ތަނެއްކަން ދެނެ، ތިމާ އެންމެ އިސްކަން ދޭ ކަމަކީ އާޚިރަތުގެ ދަރުމަޔާއި ސަވާބު ހޯދުން ކަމުގައި ހަނދާންކޮށް އެ ކަމަށް މަސައްކަތް ކުރުމެވެ.
ހަތަރެއް: ދެންވެސް އޮތީ މާތްވެގެންވާ ދުޢާއެކެވެ. އަދި މިދުޢާގައިވެސް ވަނީ ފިކުރުބޮޑުވުމާއި ކަންބޮޑުވުންތަކުން ރައްކާތެރިކޮށް ދެއްވުމަށް އެދި ކިޔާނޭ ޢިބާރާތްތަކެކެވެ. އިބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. اللهُمَّ إِنِّي عَبْدُكَ، وَابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجِلَاءَ حُزْنِي، وَذَهَابَ هَمِّي
މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން އަހުރެންނަކީ އިބަ އިލާހުގެ އަޅަކީމެވެ. އަދި އިބައިލާހުގެ ފިރިހެން އަޅާގެ ދަރިޔަކީމެވެ. އަދި އިބަ އިލާހުގެ އަންހެން އަޅާގެ ދަރިޔަކީމެވެ. މިއަޅާގެ ނިތްކުރި ވަނީ އިބައިލާހުގެ އަތްޕުޅުގައެވެ. އިބަ އިލާހުގެ ޙުކުމްފުޅު މިއަޅާގެ މައްޗަށް ތަންފީޒުވެގެންވެއެވެ. އިބަ އިލާހު ފައިޞަލާ މިއަޅާއާމެދު ޢަދުލުވެރިވެގެންވެއެވެ. އިބަ އިލާހުގެ ޒާތުފުޅަށް ޚުދު އިބަ އިލާހު ދެއްވާފައިވާ އިސްމުފުޅުތަކުން އެދި ދަންނަވަމެވެ. ނުވަތަ އިބަ އިލާހުގެ ފޮތުގައި ބާވައިލައްވާފައިވާ ނުވަތަ އިބައިލާހުގެ މަޚްލޫޤުންގެ ތެރެއިން މަޚުލޫޤަކަށް އުނގަންނައިދެއްވާފައިވާ ނުވަތަ އިބައިލާހުގެ ޙަޟުރަތުގައި ޣައިބުގެ ޢިލްމުގައި އިބައިލާހު ޚާއްޞަކުރައްވާފައިވާ، އިބަ އިލާހުގެ ހުރިހާ އިސްމުފުޅުތަކަކުން އެދި ދަންނަވަމެވެ. މިއަޅާގެ ހިތުގެ ބަހާރުކަމުގައާއި، މިއަޅާގެ ހިތުގެ ނޫރުކަމުގައާއި، މިއަޅާގެ ހިތާމަ ފިއްލަވައިދީ އަދި މިއަޅާގެ ފިކުރުބޮޑުވުން ދުރުކޮށްދޭ ވަޞީލަތްކަމުގައި ޤުރްއާން ލައްވާންދޭވެ!" (މި ޙަދީޘް ރިވާކުރެއްވީ އަލްއިމާމު އަޙްމަދު އެކަލަގެފާނުގެ މުސްނަދުގައެވެ.)
މި ދުޢާއާ މެދު ވިސްނައިލުމުން އެނގިގެންދަނީ، ހިތާމަތައް ފިއްލަވައި ދެއްވުމަށް އެދި ކުރެވޭ މިފަދަ ކޮންމެ ދުޢާއެއްގައި ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ވަނީ މާތް ﷲ ގެ އެއްކައުވަންތަކާއި، އެއިލާހުގެ މަތިވެރިކަމާއި، ތިމަންމެންނީ އެއިލާހުގެ އަޅުން ކަމުގައި ވެވޭ އިޢްތިރާފެވެ. އެއިލާހުގެ ތަނަވަސް ރަޙުމަތުން މެނުވީ އެންވެސް މީހަކަށް ހަމަޖެހުމެއް ނުވާކަން ހަންދާން ކުރުމެވެ.
މި ދުޢާއަކީ، މާތް ﷲ ގެ މަތިވެރިވެގެންވާ އެންމެހައި އިސްމުފުޅުތަކެއް މެދުވެރިކޮށް ހިތާމަތައް ފިއްލަވައި ދެއްވުމަށާއި، ކީރިތި ޤުރްއާނަކީ ހިތުގެ ނޫރެއް ކަމުގައާއި ހިތުގެ ހަމަޖެހުން ކަމުގައި ލެއްވުން އެދި ކުރެވޭ ދުޢާއެކެވެ. ވީމާ މިއިން ދޭހަވަނީ ކިތަންމެ ބޮޑު ކަންބޮޑުވުމަކާއި ހިތާމައެއް ޖެހިފައިވީނަމަވެސް ކީރިތި ޤުރްއާން ކިޔެވުމަކީ ހިތުގެ ހަމަޖެހުން ލިއްބައިދޭ ކަމެއް ކަމުގައެވެ. އެ ޤުރްއާނާމެދު މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. "وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاء وَرَحْمَةٌ لِّلْمُؤْمِنِينَ " (الإسراء 82) މާނައީ: "ތިމަންރަސްކަލާނގެ މި ޤުރްއާނުގައި މުއުމިނުންނަށް ރަޙުމަތާއި، ޝިފާއެއް ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ."
އަދި އެހެން އާޔަތެއްގައި ވަޙީ ކުރައްވާފައިވެއެވެ. "قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاء" (فصلت 44) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެ ފޮތަކީ، އީމާންވި މީހުންނަށްވާ ތެދުމަގާއި ޝިފާއެއްވެސްމެއެވެ."
ފަހެއް: ޢަބްދު ﷲ ބުނު ޢައްބާސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ހިތާމަވެރިކަން ޖެހިފައިވާ މީހާގެ ދުޢާއަކީ މިއެވެ. "اللَّهُمَّ رَحْمَتَكَ أَرْجُو، فَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ، وَأَصْلِحْ لِي شَأْنِي كُلَّهُ، لَا إِلَهَ إِلَّا أَنْتَ" (رواه أبو داود)
މާނައީ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ އުއްމީދު ކުރަނީ ހަމައެކަނި އިބަ ﷲ ގެ ރަޙުމަތަށެވެ. ފަހެ، އެސްފިޔައެއް ޖަހައިލާހައި ހިނދުކޮޅަކަށްވެސް މިއަޅާއާ މިއަޅާގެ ނަފުސު ހަވާލު ނުކުރައްވާނދޭވެ! އަދި މިއަޅާގެ ހުރިހާ ކަމެއް މިއަޅާއަށް އިޞްލާޙުކޮށް ދެއްވާނދޭވެ! އިބަ ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ."
އިސްވެ ބަޔާން ކުރެވުނު ހުރިހާ ދުޢާތަކެކޭ އެއްފަދައިން މިދުޢާގައިވެސް ޝާމިލުވެފައިވާ މާނައަކީ މާތް ﷲ ގެ މަތިވެރިކަމާއި، އެއިލާހުގެ އެއްކައުވަންތަކަމަށް އިޤުރާރުވުމާއި، މާތް ﷲ ގެ ޙަޟުރަތަށް އަޅުތަކުން ބޭނުން ޖެހިފައިވާ ކަމެވެ. އެހެންވީމާ، ތިމާގެ ހަތަރު އުދަރެސް ފެނުޖެހި، ހިތާމައާއި މޮޅިވެރިކަން ކޮޅުންލައިގެން ދިޔަޔަސް، އެހުރިހާ ހިތާމައެއް ފިއްލަވައި ދެއްވާ އިލާހުގެ ރަޙުމަތުން ބޭރު ނުވުމަށާއި އެއިލާހަށް އެނބުރި ރުޖޫޢަވެ، ދުޢާކުރުމީ ހިތާމަތައް ފިލައިގެން ދާނޭ ކަމެކެވެ.