އިސްލާމިކް މިނިސްޓްރީ

16 ހަފްތާއަށްފަހު ހުކުރުގެ ޖަމާއަތް ފަށައިފި

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ހުކުރުގެ ޖަމާއަތް ގާއިމްކުރުން ހުއްޓާލިތާ 16 ހަފްތާ ފަހުން މިއަދު މާލެ ސިޓީގައި ހުކުރު ނަމާދު ޖަމާއަތުގައި ކޮށްފި އެވެ.

ކޮވިޑް-19އާ ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމަށްފަހު އަލުން ނަމާދު ކުރަން ފަށާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. މިހާރު ހުރިހާ ނަމާދެއް ވެސް ޖަމާއަތުގައި ކުރެ އެވެ. ނަމަވެސް ނަމާދު ހަތް މިނެޓަށް ވުރެ ދިގު ނުކުރުމަށް ވަނީ އަންގާފަ އެވެ.

އެހެންނަމަވެސް މިދިޔަ ހުކުރު ދުވަހު މާލޭ ސަރަހައްދުގައި ހުކުރު ނަމާދު ކޮށްފައެއް ނުވެ އެވެ. އެ ނިންމުން ނިންމީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބުނެ އެވެ.

ނަމަވެސް 16 ހަފްތާއަށް ފަހު މިއަދު މާލެ، ހުޅުމާލެ، ވިލިމާލޭގައިވެސް ހުކުރުގެ ޖަމާއަތް ގާއިމްކޮށްފައިވެއެވެ.

މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކޮށްދެއްވީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފެވެ.

ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ނިއުމަތަށް ޝުކުރު ކުރުން" މި މައުލޫއަށެވެ. މިއަދުގެ ހުތުބާގައި ބުނެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުން އެނގިގެންދިޔައީ އިންސާނާގެ ނިކަމެތިކަމާއި އާރެއް ބާރެއް ނެތް ކަމެވެ.

އެތައް ދުވަހަކަށް ފަހު މިސްކިތްތަކުގައި ޖަމާއަތް ހަދަން ފަށާފައިވާއިރު ރައްކާތެރި ކަމަށްޓަކައި ސިޓީ ކައުންސިލުން ކުރަންޖެހޭ އިންތިޒާމްތަކާއި މިސްކިތްތަކަށްދާ މީހުން ސަމާލުކަންދޭން ޖެހޭ ކަންކަން އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކައުންސިލުން ސަމާލުކަންދޭންވީ ކަންކަން

  • މިސްކިތްތަކުގައި ކާޕެޓް އަޅާފައި ނެތުން
  • ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުން
  • ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުން
  • ބޭނުންކުރަން ޖެހިއްޖެ ހާލަތެއް ނޫނީ އެއާކޯން ބޭނުން ނުކުރުން
  • އެއާކޯން ބޭނުން ކުރާނަމަ، ދޭތެރޭ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވުން

މިސްކިތަށްދާ މީހުން ސަމާލުވާންޖެހޭ ކަންކަން

  • ގެއިން ވުލޫ ކޮށްގެން ދިއުން
  • މުސައްލަ ގެންދިއުން، އެ މީހެއްގެ މުއްސަލާގައި ނޫނީ ނަމާދު ނުކުރުން
  • މާސްކް އެޅުން
  • މިސްކިތަށް ވަނުމާއި ގައިދުރުކަން ބެހެެއްޓުން
  • ބަލި މީހުން މިސްކިތަށް ނުދިއުން
  • ނަމާދު ނިމުމުން މިސްކިތުގައި މަޑު ނުކުރުން
  • މިސްކިތުގެ ހަތިމްތައް ބޭނުން ނުކުރުން

އިމާމުން ސަމާލުވާންވީ ކަންކަން

  • ބަންގިއަށްފަހު ފަސް މިނެޓް ތެރޭގައި ގަމަތްދީ ނަމާދު ފެށުން
  • އެއްވެސް ނަމާދެއް ހަތް މިނެޓަށްވުރެ ދިގު ނުކުރުން
  • ނަމާދުގައި ސޫރަތުލް ފާތިހާ ފިޔަވައި ލުހާ ސޫރަތުން ތިރީގެ ސޫރަތްތައް ކިޔެވުން