ހަބަރު

އަދީބަށް ކުރާ ހަތް ދައުވާގެ އަޑުއެހުންތައް މާދަމާ

Jul 11, 2020
1

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތަފާތު ހަތް ދައުވާއެއްގެ އަޑުއެހުންތައް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި އެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށްބުނާ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާއެއް ވެސް ވަނީ ކޮށްފަ އެވެ.

އަދީބުގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފަައިވަނީ، މާދަމާ ހެނދުނު 10:30 އަށެވެ.

މީގެ ކުރިން އެތައް ދައުވާތަކެއް އުފުލާ، ދިގު މުއްދަތުގެ ޖަލު ހުކުމްތައް އަދީބުގެ މައްޗަށް ކުރި ނަމަވެސް އެ ހުރިހާ ހުކުމްތަކެއް ފަހުން ވަނީ ބާތިލްކޮށްފައެވެ. އެ ހުކުމްތައް ބާތިލްކޮށްފައިވަނިކޮށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ އިތުރު ހަތް ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފައެވެ.

އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެންނެވެ. އެ ދައުވާތައް އުފުލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުންނެވެ.

މި ހަތް ދައުވާއަކީ ވެސް ތަހުގީގުގައި އަދީބު އިއުތިރާފުވެފައިވާ ކުށްތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކެވެ. އަދީބު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ކުށަށް އިއުތިރާފްވާ ކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ އެވެ.

މީގެ ކުރިން ފުލުހުން ހިންގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގަށްފަހު ވެސް އަދީބުގެ މައްޗަށް ހިޔާނާތުގެ 10 ދައުވާތަކެއް އުފުލި އެވެ. ނަމަވެސް އެ ދައުވާތައް ކުރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ. އެމްއެމްޕީއާރްސީގެ ރަށްތަކާ ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ތަހުގީގު ކުރި އެވެ.

އަދީބުގެ މައްޗަށް މިހާތަނަށް ސާބިތުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެއް މައްސަލަ އެވެ. އެއީ މާބިންހުރާ މައްސަލަ އެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ބާތިލްކޮށް ކުރިމިނަލް ކޯޓަށް އަލުން ބަލަން ވަނީ އަންގާފަ އެވެ. ހައިކޯޓުގެ އެ ހުކުމް މިހާރު ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ މިވަގުތަށް ނަގަން ބޭނުންވާ ކަމަށް އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފަ އެވެ. އެއީ އަދީބާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.