ހަބަރު

މިރޭގެ ޝޯ ގައި ޕްރިޔަންކާ ޕާފޯމެއް ނުކުރާނެ

Jan 8, 2015

މިރޭ ގަލޮޅު ދަނޑުގައި ބާއްވާ ޝޯ ގައި ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާ ޕާފޯމް ކުރާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިއްބާ އެ ޝޯ ގައި ޕާފޯމް ނުކުރާނެ ކަމަށް ޕްރިޔަންކާ ބުނެފި އެވެ.

އެ ޝޯ ބެލުމަށް ގިނަ ބަޔަކު މިރޭ ގަލޮޅު ދަނޑަށް ވަތްއިރު އޭގެ ތެރެއިން އެތައް ބަޔަކު ދަނޑަށް ވަދެފައިވަނީ ޕްރިޔަންކާގެ ހުށަހެޅުމެއް ޝޯ އިން ފެންނާނެ ކަމަށް އުއްމީދުކޮށްގެން ތިބެއެވެ. ނަމަވެސް ޕްރިޔަންކާގެ ރަސްމީ ޓްވިޓާ އެކައުންޓުން މިރޭ ކުރި ޓްވީޓެއްގައި ވަނީ މިރޭގެ ޝޯ ގައި އޭނާ ޕާފޯމް ނުކުރާނެ ކަމަށް ބުނެފަ އެވެ.

މިރޭގެ ޝޯ ގައި ޕްރިޔަންކާ ބައިވެރިވާނެ ކަމަށް ކުރިން އިއުލާންކޮށް ޝޯ ޕްރޮމޯޓް ކުރިއިރު ވެސް ޕްރިޔަންކާ ޕާފޯމް ނުކުރާނެ ކަން އެއްވެސް ފަރާތަކުން ކުރިން ހާމައެއް ނުކުރެ އެވެ.

މިރޭގެ ޝޯ ގައި ޕްރިޔަންކާ ޕާފޯމް ނުކުރާނެ ކަމަށް އޭނާ ބުނިއިރު މިރޭ އޭނާ މާލެ އަންނަ ދަތުރުކުރި ލޯންޗް ވަނީ ފަރަށް އަރައިފަ އެވެ. އެ ހާދިސާގައި އެއްވެސް ބަޔަކަށް ގެއްލުމެއް ނުލިބެ އެވެ. މިރޭގެ ޝޯ ގައި ޕްރިޔަންކާ ޕާފޯމް ނުކުރަނީ އެ ސަބަބާ ހެދި ކަމެއް ނުވަތަ ނޫން ކަމެއް މިހާތަނަށް ސާފެއް ނުވެއެވެ.

ނަމަވެސް ކުރިން ވެސް އިއުލާންކޮށްފައިވާ ގޮތަށް މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން ޝޯ ގައި ޕާފޯމް ކުރާނެ އެވެ.