ބޭރު ކުޅިވަރު

ސްޕޮންސަރުން ބޭނުންވިޔަސް ބްލެޓާ ގޮތް ދޫނުކުރައްވާނެ!

Oct 3, 2015

ސްޕޮންސަރުން އޭނާގެ އިސްތިއުފާ ދެއްވަން ގޮވާލި ނަމަވެސް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސް ކަމުގައި ދެމިހުންނަވާނެ ކަމަށް ސްޕެ ބްލެޓާ ވިދާޅުވެއްޖެ އެވެ.

ފީފާގެ ކޮރަޕްޝަން ބޮޑުވެ، ބްލެޓާއާ ދެކޮޅަށް ސްވިޒަލޭންޑްގެ އެޓާނީ ޖެނެރަލް ދައުވާ އުފުލުމުން އޭނާ އިސްތިއުފާ ދެއްވުމަށް ގޮވާލީ ފީފާގެ މައި ހަތް ސްޕޮންސަރުންގެ ތެރެއިން ކޮކާކޯލާ ކުންފުންޏާއި މެކްޑޮނަލްޑް އަދި ބުޑްވެއިޒާއިންނެވެ.

ގިނަ ފިއްތުންތަކެއްގެ ތެރެއިން މިދިޔަ ޖޫން މަހު ފަސް ވަނަ ދައުރަކަށް ހޮވިވަޑައިގެންނެވިތާ ތިން ދުވަސް ފަހުން މަގާމުން އިސްތިއުފާ ދެއްވައި އަންނަ ފެބްރުއަރީ މަހު އާ ރައީސަކު ހޮވަން އިންތިހާބު ބާއްވާނެ ކަމަށް ބްލެޓާ ވަނީ އިއުލާނު ކުރައްވާފަ އެވެ.

އޭނާގެ މައްޗަށް މިދިޔަ ހަފުތާގައި ދައުވާ އުފުލުމާ ގުޅިގެން ވަގުތުން މަގާމުން އިސްތިއުފާ ދެއްވުމަށް ފީފާގެ އެތެރެއިން ވަނީ ކުރިއަށްވުރެ ބޮޑަށް ފިއްތުން ކުރިމަތިވެވެޑައިގެންފަ އެވެ.

ނަމަވެސް އުމުރުފުޅުން 79 އަހަރުގެ ބްލެޓާ ވިދާޅުވީ މިވަގުތު އޭނާ އިސްތިއުފާ ދެއްވުމަކީ ފުޓްބޯޅަ އަށް އެންމެ ރަނގަޅު ނިންމުން ނޫން ކަމަށެވެ. އަދި ފީފާއިން އެ ޖަމާއަތް އިސްލާހު ކުރުމަށް ފަށާފައިވާ އިސްލާހީ އެޖެންޑާ ތަންފީޒުކުރަން ވަގުތު ބޭނުންވާނެ ކަމަށެވެ. ނަމަވެސް ސްވިޒަލޭންޑުން ބޭރުގައި ބާއްވާ ފީފާގެ އެއްވެސް ހަރަކާތަކަށް ހާއްސަކޮށް ހިންގާ ކޮމިޓީގެ ބައްދަލުވުމަކަށް ބްލެޓާ ވަނީ ވަޑައި ނުގަންނަވަން ނިންމަވާފަ އެވެ. އެއީ ގައުމުން ބޭރަށް ވަޑައިގެންފިނަމަ އޭނާ ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ.

ފީފާގެ އިސް 14 އޮފިޝަލަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޖެނެރަލް ސެކްރެޓަރީ ވަނީ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފަ އެވެ. މިހާލަތަށް ފީފާގެ ކޮރަޕްޝަނުގެ ކަންތައްތައް ދިއުމުން ފީފާގެ ސްޕޮންސަރުންގެ ތެރެއިން ކޮކާކޯލާއިން ބުނީ ކޮރަޕްޝަނުގެ ތުހުމަތުތަކާހުރެ ކޮންމެ ދުވަހަކު ފީފާގެ މޫނުމަތި ހުތުރުވަމުން އަންނަ ކަމަށެވެ. މެކްޑޮނަލްޑްއިން ބުނީ ވަގުތުން ވަގުތަށް ބްލެޓާ މަގާމުން އިސްތިއުފާ ދެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.