ބޭރު ކުޅިވަރު

ރައުލް އާއި ޑީސްޓެފާނޯގެ ރެކޯޑް މުގުރާލެވޭނެ ކަމަށް ހިޔެއްނުކުރަން: ރޮނާލްޑޯ

Oct 3, 2015

2009 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުނުއިރު އެކުލަބަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިން ކަމަށްވާ ރައުލް ގޮންޒާލޭޒް އާއި އަލްފްރެޑޯ ޑީސްޓެފާނޯ އަށް ވުރެ ކުރި ލިބިދާނެ ކަމަށް އޭނާ ހީނުކުރާ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ފާއިތުވެދިޔަ ދެ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ މިހެން ބުނީ ރެއާލް މެޑްރިޑަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު އޭނާ އަށް ލިބުން ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ހަފުލާގަ އެވެ. ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ މަލްމޯ އަތުން ރެއާލް މޮޅުވި މެޗުގައި ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު އޭނާ އެކުލަބަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 323 އަށް އަރައިފަ އެވެ. މި އަދަދަކީ ރެއާލްގެ ކުރީގެ ކެޕްޓަން ރައުލް ވެސް ޖަހާފައިވާ ގޯލުގެ އަދަދެވެ. ނަމަވެސް ރެއާލްއިން ވަނީ ކުލަބަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ރޮނާލްދޯ ކަމަށް ނިންމައި އެކަމުގެ ހަނދާނެއްގެ ގޮތުން އޭނާ އަށް ހާއްސަ ބޫޓެއް ހަދިޔާކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ މިއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އަހަރެން ފުރަތަމަ ރެއާލްގެ ޖާޒީ ލީއިރު ހިޔެއް ނުކުރަން މި ކުލަބަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މި ޝަރަފު ލިބިދާނެ ކަމަށް. އަހަރެންގެ ރަހުމަތްތެރިޔާ ރައުލް އާއި މަރުހޫމް ޑީސްޓެފާނޯ އަށްވުރެ ކުރި ލިބޭނެ ކަމަށް ހިޔެއްނުކުރަން. އަހަރެން ވަރަށް އުފާވެއްޖެ. އެންމެ ފުރަތަމަ ވެސް އަހަރެން ޝުކުރު އަދާކުރާނީ އަހަރެންގެ ޓީމުގެ ކުޅުންތެރިންނަށް. އެމީހުންނާ ނުލައި މިކާމިޔާބު ނުލިބޭނެ. އަހަރެން މި ކުލަބުގައި އަހަރެންގެ ކޯޗުންނަށް ވެސް ޝުކުރު ދަންނަވަން. ޕެލެގްރީނީ އާއި މޮރީނިއޯ، އެންޗެލޯޓީ އަދި ރަފާ ބެނީޓޭޒް އަށް. އެމީހުން އަބަދުވެސް އަހަންނަށް އެހީތެރިވެދިން އަހަރެންގެ ކެރިއަރުގައި،" 308 މެޗުން ރެއާލް އަށް 323 ލަނޑު ޖަހައިދިން ކުޅުންތެރިޔާ ބުންޏެވެ.

ފަހަކަށް އައިސް މީޑިޔާއާ ވާހަކަ ނުދައްކާހުރި ރޮނާލްޑޯ ބުނީ ބައެއް ފަހަރު އޭނާ އަށް ޖެއްސުންކުރި ނަމަވެސް މީޑިޔާ އަށް ވެސް ޝުކުރު އަދާކުރާ ކަމަށާއި ކާމިޔާބީގައި މީޑިޔާގެ ހިއްސާވެސް ބޮޑު ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި މަލްލޯ ކޮޅަށް ޖެހި ދެ ގޯލާއެކު ރޮނާލްޑޯ ވަނީ ކެރިއަރުގައި 500 ގޯޅު ޖެހުމުގެ އުފާވެސް ލިބިގެންފަ އެވެ. މެންޗެސްޓާ ޔުނައިޓެޑާއި ސްޕޯޓިން އަދި ގައުމީ ޓީމާއެކު އޭނާ ޖަހާފައިވާ ގޯލުގެ އަދަދަކީ މިހާރު 501 އެވެ.