ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޭސްތައް ގިނަވަނީ، ފިޔަވަޅުތައް ވަރުގަދަކުރަން ޖެހިދާނެ

ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުތައް ނުބަހައްޓާނަމަ ފިޔަވަޅުތައް ހަރުކަށި ކުރަންޖެހިދާނެ ކަމުގެ އިންޒާރު ޓެގް ޓީމުން ދީފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. އަލީ ލަތީފް ވިދާޅުވީ ލޮކްޑައުންގެ ހާލަތަށް ލުއި ދީފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ގިނަ ފިޔަވަޅުތަކަކާއެކު ކަމަށެވެ. އެ ފިޔަވަޅުތަކަށް ކުރީކޮޅު އަމަލު ކުރިނަމަވެސް ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދޫކޮށްލަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

އެގޮތުން މާސްކް ނާޅާ ބޭރުގައި އުޅޭ މީހުންގެ އަދަދު ގިނަވަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ގައިދުރުކަން ދޫކޮށް ގިނަ ބަޔަކު އެއްވެ އުޅޭ ތަން މަގުތަކުން ފެންނަމުންދާ ކަމަށެވެ.

"މާގިނައީ މީހުން މަގުމަތީގައި، މާގިނައީ ރެސްޓޯރަންޓްތަކުގައިވެސް. އަޅުގަނޑުމެން ކަނޑައަޅާފައިވާނެ ވަކި މިންގަނޑުތަނެއް. ނަމަވެސް އަޅުގަނޑުމެންނަކަށް ނުފެނޭ އެގޮތަށް އަމަލުކުރާތަނެއް،"

ޑރ. ލަތީފް ވިދާޅުވީ މިދިޔަ ދެ ދުވަހު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ގިނަ ކަމަށާ އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ޕޮޒިޓިވް ކޭސްތައް އިތުރުވާނަމަ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ފާއިތުވެދިޔަ ދެ ދުވަސްތެރޭ ފުދޭވަރަކަށް ގިނައިން ކޭސަސްތައް ޕޮޒިޓިވްވާތަން ފެނިއްޖެ. މިގޮތަށް ދަންޏާ މުސްތަގްބަލުގައިވެސް އިތުރު ކޭސްތައް ޕޮޒިޓިވް ވެގެންދާނެ. އަދި މާގިނަ ޕޮޒިޓިވް ކޭސްތައް ފެންނަ ކަމުގައިވާނަމަ އިތުރަށް ރެސްޓިކްޓިވް މެޝާތައް ގެންނަންޖެހޭނެ. އެ ނޫންވެއްޖެނަމަ ފާއިތުވެދިޔަ މަސްތަކުގައި ކުރި މަސައްކަތުގެ މާނައެއް ނެތް،"

ހުކުރު ދުވަހު ކޮވިޑަށް ޕޮޒިޓިވްވީ 64 މީހުންނެވެ. އޭގެ ތެރެއިން 44 މީހުންނަކީ ދިވެހިންނެވެ. ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 47 މީހުންނެވެ.

މިއީ މިދިޔަ މަހުގެ ލޮކްޑައުންއަށް ލުއި ދިންފަހުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ.

ފާއިތުވެދިޔަ ދެ ދުވަސްތެރޭ ފުދޭވަރަކަށް ގިނައިން ކޭސަސްތައް ޕޮޒިޓިވްވާތަން ފެނިއްޖެ. މިގޮތަށް ދަންޏާ މުސްތަގްބަލުގައިވެސް އިތުރު ކޭސްތައް ޕޮޒިޓިވް ވެގެންދާނެ. އަދި މާގިނަ ޕޮޒިޓިވް ކޭސްތައް ފެންނަ ކަމުގައިވާނަމަ އިތުރަށް ރެސްޓިކްޓިވް މެޝާތައް ގެންނަންޖެހޭނެ. އެ ނޫންވެއްޖެނަމަ ފާއިތުވެދިޔަ މަސްތަކުގައި ކުރި މަސައްކަތުގެ މާނައެއް ނެތް
ޑރ. އަލީ ލަތީފް | ޓެގް ޓީމްގެ ލީޑަރު

މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ލޮކްޑައުންގައި ވަރަށް ގިނަ ދުވަހު ދަތީގައި ދިވެހިން ތިބެފި ކަމަށެވެ. އެހެން ކަމުން އަލުން ލޮކްޑައުންގެ އެ ހާލަތަށް ދިއުމަކީ އިތުރު ތަކްލީފަކަށްވާނެ ކަމަށެވެ.

އެހެން ކަމުން ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގައި ވަރުގަދައަށް ހިފެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ.