ބޭރު ކުޅިވަރު

މޮޅު ކުޅުންތެރިޔާގެ މަގާމަށް އެންމެ ގިނައިން ރެއާލް އާއި ބާސެލޯނާގެ ކުޅުންތެރިން

Oct 3, 2015

ފީފާއިން ހޮވާ މި އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން އިއުލާނުކުރިއިރު ލިސްޓުގައި އެންމެ ގިނައީ ސްޕޭނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުޅުންތެރިންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އާއި ރެއާލް ކުރެ ކޮންމެ ކުލަބަކުން ވެސް ހަތް ކުޅުންތެރިން ނަގާފައިވެ އެވެ. ޖުމުލަ 59 ކުޅުންތެރިންގެ ލިސްޓުގައި ހިމެނުނު ބާސެލޯނާގެ ކުޅުންތެރިންނަކީ ލަޔޮނަލް މެސީ އާއި ނޭމާ އަދި ލުއިސް ސުއަރޭޒް އާއި ކީޕަރު ކްލައުޑިއޯ ބްރާވޯ އާއި ކެޕްޓަން އަންދްރޭސް އިނިއެސްޓާ އާއި އިވާން ރަކިޓިކާއި ހާވިއާ މަޝެރާނޯ އެވެ. ރެއާލް މެޑްރިޑުން ހިމެނުނީ ފާއިތުވެދިޔަ ދެ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ގެރެތް ބޭލް އާއި ކަރީމް ބެންޒެމާ އާއި ސާޖިއޯ ރާމޯސް އާއި ޓޯނީ ކުރޫސް އާއި ލޫކާ މޮޑްރިޗާއި ހާމޭސް ރޮޑްރިގޭޒް އެވެ.

މި ލިސްޓުން ޖާގަ ލިބުނު އިނގިރޭސި ހަމައެކަނި ދެ ކުޅުންތެރިންނަކީ މެންޗެސްޓާ ޔުނައިޓެޑާއި އިނގިރޭސ ގައުމީ ކެޕްޓަން ވޭން ރޫނީ އާއި ޓޮޓެންހަމުގެ ފޯވަޑް ހެރީކޭން އެވެ. މުބާރާތުގެ ފައިނަލްގައި ބާސެލޯނާ އަތުން ބަލިވި ޔުވެންޓަސްގެ ހަ ކުޅުންތެރިން ލިސްޓުގައި ހިމަނާފައިވާއިރު އެކުލަބުގެ ކެޕްޓަން އަދި ކީޕަރު ޖިއާން ލުއިޖީ ބުފޮން ވަނީ ބާކީކޮށްފަ އެވެ. އިނގިރޭސި ލީގުން މެންޗެސްޓާ ސިޓީގެ ފަސް ކުޅުންތެރިން ހިމަނާފައިވާއިރު ޗެލްސީން އެޑެން ހަޒާޑާއި ޑިއެގޯ ކޯސްޓާ އަދި ކީޕަރު ތިބައޫޓް ކޯޓުއާ އާއި ވިލިއަން ނަގާފައިވާއިރު މެންޗެސްޓާ ޔުނައިޓެޑުން ހިމެނެނީ ރޫނީ އާއި ކީޕަރު ޑޭވިޑް ޑެހެޔާ އަދި މެންފިސް ޑެޕޭ އެވެ. އާސެނަލްއިން ހިމެނެނީ ޑޭވިޑް އޮސްޕިނާ އާއި އެލެކްސިސް ސަންޗޭޒް އެވެ. ފްރާންސްގެ ޕީއެސްޖީން ޒްލަޓާން އިބްރަހިމޮވިޗާއި ހާވިއާ ޕަސްޓޯރޭ އަދި އެޑިންސަން ކަވާނީ ހިމަނާފައިވާއިރު ކިއުޕީއާރުގެ އެޑުއާޑޯ ވާގަސް އާއި ލިވަޕޫލްގެ ފިލިޕް ކުޓީނިއޯ ވެސް ހިމަނާފައިވެ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މި އަހަރު ވެސް އެންމެ ބޮޑަށް ވާދަކުރާނީ މެސީ އާއި ރޮނާލްޑޯ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. މިދެ ކުޅުންތެރިންނަކީ ފާއިތުވެދިޔަ ހަތް އަހަރު މި އެވޯޑް ހޯދި ދެ ކުޅުންތެރިންނެވެ. މެސީ ޖެހިޖެހިގެން ހަތަރު ފަހަރު ހޯދިއިރު އަނެއް ތިން ފަހަރު ގެންދިޔައީ ރޮނާލްޑޯ އެވެ.