ދުނިޔެ

އާޔާ ސޫފިޔާއާ ގުޅޭ ފާޑުކިއުންތަކަށް އުރުދުގާނު ރައްދު ދެއްވައިފި

Jul 12, 2020
1

އިސްޓަންބޫލް (ޖުލައި 12) -- ތުރުކީގެ އާޔާ ސޫފިޔާ އަނެއްކާވެސް މިސްކިތަކަށް ބަދަލު ކުރުމާ ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކުން ކުރިމަތި ކުރަމުންދާ ފިއްތުންތަކާއި ފާޑުކިއުންތަކަށް ރައީސް ރަޖަބް ތޮޔިބު އުރުދުގާނު ރައްދު ދެއްވައިފި އެވެ.

ތުރުކީގެ އިދާރީ އެންމެ މަތީ ކޯޓުން "އާޔާ ސޫފިޔާ" ދާރުލު އާސާރެއްގެ ގޮތުގައި ކަނޑައަޅާފައިވާތާ 86 އަހަރު ފަހުން އެ ނިންމުން އުވާލުމާ ގުޅިގެން އެތަން މިސްކިތަކަށް ބަދަލުކޮށް މުސްލިމުންނަށް ނަމާދު ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އާޔާ ސޫފިޔާ އަލުން މިސްކިތަކަށް ބަދަލު ކުރަށް ތުރުކީ ސަރުކާރުން ގަސްދު ކުރާ ވާހާކަ ތިލަވެގެން ދިޔަ ހިސާބުން ޔުނެސްކޯއާއި އެމެރިކާ އާއި ފަރަންސޭސި ވިލާތުން ތުރުކީއަށް އެތައް ފިއްތުންތަކަކާއި އިންޒާރެއް ދެމުން ދިޔަ އެވެ.

އަދި ތުރުކީގެ އަވަށްޓެރި ގުރީގް އިތުރުން ރަޝިޔާއިން ދިޔައީ އެތަކެއް އިންޒާރެއްދެމުންނެވެ. މީގެ ފަހަތުގައި ވަނީ "އާޔާ ސޫފިޔާ" ގެ ތާރީހެވެ. އެ ބިނާ އާއި ނަސާރާއިންނާއި ގުޅިފައިވާލެއް ބޮޑުވުމެވެ. ހާއްސަކޮށް ރަޝިޔާއާ ގުރީސްއަކީ މިއަދުވެސް ދުނިޔޭގައި "އޮތޯޑޮކްސް" ނަސާރާއިންގެ އެންމެ މުހިއްމު ދެ ގައުމެވެ.

އަންކާރާއިން ހުކުރު ދުވަހު އިއުލާނުކުރި ގަރާރާ މެދު ކަންބޮޑުވުން ފާޅުކޮށް ގުރީސްގެ ސަގާފަތާއިބެހޭ ވުޒާރާއިން ވަނީ ބަޔާންނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ތުރުކީގެ އެ އަމަލު ކުށްވެރިކޮށް އެއީ ޖެއްސުން ކުރުމުގެ އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

އެ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން އުރުދުގާނު ވިދާޅުވީ، ތުރުކީން އަދާކޮށްފައި ވަނީ މިނިވަން، މުސްތަގިއްލު ގައުމެއްގެ ހައްގެއް ކަމަށެވެ.

"އަމިއްލަ ފަސްގަނޑުގައި އިސްލާމް ދީނާ ދެކޮޅު އަމަލުތައް ނުހުއްޓުވާ ގައުމުތަކުން، ތުރުކީއަށް ފިއްތުންތައް މި ކުރިމަތި ކުރުވަނީ މިނިވަން، މުސްތަގިއްލު ގައުމެއްގެ ހައްގެއް އަދާ ކޮށްގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

"އާޔާ ސޫފިޔާ" އަކީ ކޮންތަނެއް؟

"އާޔާ ސޫފިޔާ" އަކީ މީލާދީން 537 ގައި އޭރު ދުނިޔޭގެ ބޮޑު ބާރެއް ކަމަށްވާ ބޭޒިންޓައިން ނުވަތަ ރޫމު ވެރިކަށް ކުރަމުން ދިޔަ ގިސްތަންޠީނިޔާ (ފަހުން އިސްތަންބޫލު) ގައި ބިނާކުރެވުނު ކަނީސާއެކެވެ. މިއީ ނަސާރާއިންގެ ތެރެއިން އިރުމަތީ ޔޫރަޕަށް ނިސްބަތްވާ "އޯތަޑޮކްސް" ނަސާރާއިންގެ މަޒުހަބުގެ ފާހަގަކޮށްލެވެ ތާރީހީ ބިނާއެކެވެ.

ނަމަވެސް މީލާދީން 1453 ވަނަ އަހަރު އޭރު މުސްލިމުންގެ ހަލީފާ އައްސުލުތާނު މުހައްމަދު އަލްފާތިހް "ގިސްތަންތީނިޔާ" ފަތަހަ ކުރައްވާ އެރަށުގައި ހުރި ނަސާރާއިންގެ އެ މުހިއްމު ބިނާ މިސްކިތަކަށް ބަދަލު ކުރެއްވި އެވެ. އެގޮތުގެ މަތިން އެދުވަހަށް ފަހު އިރުމަތީ ޔޫރަޕުގެ ނަސާރާއިންގެ އެ ފަހުރުވެރި ރަމުޒު އެމީހުންގެ އަތުން ގެއްލިގެން ދިޔަ އެވެ.

ނަމަވެސް އޭގެ 481 އަހަރު ފަހުން އިގިރޭސިވިލާތުން ވާގިވެރި ވެގެން ތުރުކީގައި 1924 ވަނަ އަހަރު ގާއިމު ކުރެވުނު އަލްމާނީ ސަރުކާރު ކަމަށްވާ މުސްތަފާ ކަމާލުގެ ވެރިކަމުގައި 1934 ވަނަ އަހަރު ކެބިނެޓުން ފާސްކުރި ގަރާރަކުން "އާޔާ ސޫފިޔާ" މިސްކިތަކުން ދާރުލްއާސާރަކަށް ބަދަލު ކުރިއެވެ. އެކަން ވެގެން ދިޔައީ އެތައް ޒަމާނަކަށް ފަހު "އޯތޮޑޮކްސް" ނަސާރާއިންނަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ.