ސަލްމާން ހާން

"ރާދޭ" ނިންމަން ސަލްމާނާއި ދިޝާ ފަށަނީ

މިދިޔަ ފިތުރު އީދުގައި ރިލިޒް ކުރަން ސަލްމާން ޚާން ތައްޔާރު ކުރަމުންދިޔަ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ފިލްމުގެ މަސައްކަތް ކޮރޯނާވައިރަހުގެ ސަބަބުން ހުއްޓި ފިލްމު ކަނޑައެޅިފައިވާ ތާރީޚުގައި ރިލީޒް ކުރެވޭ ގޮތެއް ނުވި އެވެ.

ފިލްމު އިންޑަސްޓްރީގެ މަސައްކަތް ހުއްޓިފައި އޮންނަތާ 100 ވަރަކަށް ދުވަސް ފަހުން މިހާރު ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިގެން ޝޫޓިންތައް ފެށުމުގެ ހުއްދަ ދޭން ފަށާފަ އެވެ. އެއާއެކު "ރާދޭ" ނިންމުމުގެ މަސައްކަތް ސަލްމާން ވެސް ފަށަން މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

މިދިޔަ މާޗްމަހުގެ 19 ވަނަ ދުވަހު މި ފިލްމުގެ ޝޫޓިން ހުއްޓުނުއިރު ނުނިމި ބާކީ އޮތީ އެންމެ 12 ދުވަހުގެ ޝޫޓިންގް އެވެ. އެހެންވެ އޭރުއްސުރެ ފިލްމުގެ ޑައިރެކްޓަރު ޕްރަބޫދޭވާ އާއި ސަލްމާން ގެންދިޔައީ ފިލްމު ނިންމޭނެ ގޮތެއް އޮތްތޯ ސިކުނޑި ގާނަމުންނެވެ. އެންމެ ފަހުން މިހާރު ޝޫޓިން ފެށޭނެ މަގެއް ފެނުމުން އަވަހަށް އެ މަސައްކަތް ފަށައިގަންނަން ފިލްމު ޔުނިޓުން ތައްޔާރު ވާން ފެށީ އެވެ.

އިންޑިޔާގެ ނޫހެއްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ޝޫޓިން މެދުކަނޑާލިއިރު ޝޫޓް ނުކޮށް ބާކީ އޮތީ އެކްޝަން މަންޒަރަކާއި ލަވަ އެކެވެ. އޭރު ރާވާފައި އޮތީ ލަވަ އަޒަބައިޖާންގައި ޝޫޓް ކުރާ ގޮތަށެވެ. އަދި ސަލްމާނާއި ފިލްމުގެ ބަތަލާ ދިޝާ ޕަޓްނީ އަޖަބައިޖާނަށް ދަތުރުކުރަން އޭރު އޮތީ ހަމަޖެހިފަ އެވެ.

ނަމަވެސް ދަތުރުފަތުރު ކުރުން މަނާ ކޮށްފައި އޮތުމުގެ ސަބަބުން މިހާރު ގަސްތުކޮށްފައި ވަނީ ލަވަ އިންޑިއާގައި ޝޫޓް ކުރާށެވެ. ސްޕެޝަލް އިފެކްޓްސް ބޭނުންކޮށްގެން ބޭރު ގައުމެއް ގޮތަށް ދައްކައިގެންނެވެ. އަދި އެކްޝަން މަންޒަރު ވެސް ނަގަން މިހާރު ހަމަޖެހިފައިވަނީ ސްޓޫޑިއޯއެއްގެ ތެރޭގަ އެވެ.

ބާކީ އޮތް 10-12 ދުވަހުގެ ޝޫޓިން ނިންމާލައި ފިލްމުގެ ފުރަތަމަ ދައްކާލުން އޮގަސްޓް ނިމޭ ހިސާބުގައި އާންމުކުރެވޭނެ ކަމަށް ޕްރޮޑިއުސަރުން އުންމީދު ކުރެ އެވެ.

އަދިވެސް ސިނަމާތައް ހުރީ ބަންދުކޮށްފައި ނަމަވެސް ވަރަށް އަވަހަށް ސިނަމާތައް ވެސް ހުޅުވޭނެ ކަމަށް ފިލްމު އިންޑަސްޓްރީގެ މީހުން އުންމީދު ކުރެ އެވެ. އޮކްޓޯބަރު-ނޮވެމްބަރު ހިސާބުގައި ސިނަމާތައް ހުޅުވި ބެލުންތެރިން ސިނަމާތަކަށް ވަންނަން ފަށައިފިނަމަ ނޮވެމްބަރު މަހު ފިލްމު ރިލީޒްކުރަން ސަލްމާން ދަނީ ވިސްނަމުންނެވެ. ޚާއްސަކޮށް އެ މަހު އަންނަ ދިވާލީ އަކީ އިންޑިޔާގެ ގިނަ ބަޔަކު ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާ އިވެންޓަކަށް ވާތީ އެ ދުވަސްވަރާ ދިމާކޮށް ފިލްމު ރިލީޒްކުރުމަށް ސަލްމާން ދަނީ ވިސްނަމުންނެވެ.

ނަމަވެސް އެ ދުވަސްވަރު ފިލްމު ރިލީޒް ކުރިޔަސް ކާމިޔާބު ހޯދުމަކީ ވެސް ފަސޭހަކަމަކަށް ނުވާނެ އެވެ. ސަބަބަކީ އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އާއި ރަންވީރު ސިންގްގެ ކަޕިލް ދޭވް ބައޮޕިކް "83" ވެސް ސިނަމާތައް ހުޅުވޭނެ ދުވަހެއްގެ އިންތިޒާރުގައި އޮތީމަ އެވެ.
އަކްޝޭ އަކީ ބޮކްސް އޮފީހުގައި މިހާރު އެންމެ ގިނަ ކާމިޔާބުތައް ހޯދަމުންދާ އެކްޓަރަށް ވާތީ އަކްޝޭގެ ފިލްމަކަށް ބެލުންތެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ދެން އޮތީ އިންޑިޔާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔެއްގެ ހަޔާތުގެ ފިލްމަކަށް ވާތީ މިއީ ވެސް އިންޑިޔާ މީހުން ވަރަށް ބަލަން ބޭނުންވާނެ ފިލްމަކަށް ވާނެ ކަމަށް ލަފާ ކުރެވެ އެވެ. ވީމާ މި ދެ ފިލްމާއެކު "ރާދޭ" އަޅުވަން ސަލްމާން ވިސްނާނަމަ މިއީ އޭނާ ނަގާ ވަރަށް ބޮޑު ރިސްކަކަށް ވާނެ އެވެ.

ކޮންމެއަކަސް މިވަގުތު އަދި ސަލްމާނާއި ފިލްމު ޔުނިޓުގެ ވިސްނުން ހުންނާނީ ފިލްމުގެ ޝޫޓިންގް ނިންމުމަކަށް ކަމަށް ބެލެވެ އެވެ.