ރިޕޯޓް

ޝިޕިން ފީތަކުގެ ހުކުމް: މުހިއްމު އުސޫލެއްގެ ހަގީގަތް

ރާއްޖެއަށް މުދާ އެތެރެ ކުރުމަށް ފަހު، ހާއްސަކޮށް ސަޕްލަޔަރަށް ސީއައިއެފް މަގުން ފައިސާ ދައްކައިގެން އެތެރެކުރާ މުދަލަށް، މާލޭގައި ތިބޭ އެޖެންޓުންނަށް އިތުރު ފީތަކެއް ދައްކަން ޖެހޭ ކަމަށް ބުނާ ވާހަކަ ވަރަށް ގިނައިން އަޑުއިވެ އެވެ. ރާއްޖެއަށް މުދާ އެތެރެކުރާ ބައެއް ފަރާތްތަކުން މި ޝަކުވާ ޒަމާނުއްސުރެ ދަނީ ކުރަމުންނެވެ.

ނަމަވެސް، މިފަހުން ސިވިލް ކޯޓުން ކުރި ތާރީހީ ހުކުމަކާއެކު މިހާރު މިވަނީ، މިކަން ހިނގާނުހިނގާ ގޮތާއި މި ކަމުގެ ހަގީގަތް ހާމަވެފަ އެވެ.

އެކަން ހާމަވެފައި ވަނީ، ޑެންމާކުގެ ޝިޕިން ލައިނެއް ކަމަށްވާ މާސްކް ލައިންގެ ރާއްޖޭގެ ޑެސްޓިނޭޝަން އޭޖެންޓް ކްލަރިއޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިންވޮއިސްގައި ހިމަނާފައިވާ ފީ އެ ކުންފުންޏަށް ނުނެގޭނެ ކަމަށް ކަނޑައަޅައިދިނުމަށް، ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ، ރާއްޖޭގެ ކޯޓަކަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް އެ ކޯޓުން ކުރި ހުކުމުގަ އެވެ.

ކޯޓުން ނިންމާފައި ވަނީ، ކްލަރިއޯންގެ އިންވޮއިސްގައި ހިމަނާފައިވާ ފީ އަކީ މާސްކް ލައިންގެ ބިލް އޮފް ލޭޑިންގެ ދަށުން ނަގައިދޭ ފީއެއްކަން އެނގެން އޮންނަ ކަމަށެވެ.

މިއީ، ބިލް އޮފް ލޭޑިން (ބީއެލް) އަކާގުޅޭ ގޮތުން ރާއްޖޭގެ ކޯޓަކަށް ހުށަހެޅުނު ފުރަތަމަ މައްސަލަ އެވެ. އެހެންކަމުން، މި މައްސަލައިގައި ކޯޓުން ކޮށްފައިވާ ހުކުމަކީ، މިފަދަ މައްސަލަތަކުގައި ގާއިމްކުރެވުނު ގާނޫނީ ޕްރެސީޑެންޓެކެވެ.

"ފަހަރެއްގައި އެހެން މައްސަލައެއް ކުރިން ހުށަހެޅިފައި އޮތުމަކީވެސް އެކަށީގެންވާކަމެއް. ނަމަވެސް އަޅުގަނޑުގެ 20 އަހަރުގެ ތަޖުރިބާގައި މިއީ ބީއެލްއަކާ ގުޅޭ ފުރަތަމަ މައްސަލަ،" ކްލަރިއޯންގެ ފަރާތުން މި މައްސަލައިގެ ޝަރީއަތުގައި ވަކާލާތުކުރެއްވި ތަޖުރިބާކާރު ގާނޫނީ ވަކީލް އަހްމަދު މުރާދު ވިދާޅުވި އެވެ.

"މި މައްސަލައިން ހާމަވެގެން ހިނގައްޖެ ޝިޕިން އިންޑަސްޓްރީގައި މާލޭގައި ތިބޭ އެޖެންޓުން މި ނަގާ ފީތަކަކީ އެއްވެސް ހާލެއްގައި ރާއްޖޭގައި މިތިބަ އެޖެންޓުން އަމިއްލައަށް ނަގާ ފީތަކެއް ނޫންކަން. އެއީ ބީއެލްގައިވާ ޓާމްސްގެ ދަށުން، ހަގީގަތުގައި ޕްރިންސިޕަލް ޝިޕިން ލައިނުން ނަގާ ފީތަކެއް،"
ގާނޫނީ ވަކީލް އަހްމަދު މުރާދު

ބިލް އޮފް ލޭޑިން ނުވަތަ ބީއެލް އަކީ މުދާ އުފުލާ ދޭ ޝިޕިން ލައިން (ކެރިއަ) އާއި މުދަލުގެ ވެރިފަރާތާ ދެމެދު، މުދާ އެއް ބަނދަރުން އަނެއް ބަނދަރަށް އުފުލާ ދިނުމާ ގުޅޭ ގާނޫނީ ލިޔުމެވެ. އެ ލިޔުމުގައި ހިމެނެނީ ޝިޕިން ލައިނުން އުފުލައިދޭ މުދަލުގެ މައުލޫމާތާއި އެ މުދަލެއް ބޭލުމަށް ހަމަޖެހިފައިވާ ބަނދަރާ ގުޅޭ ތަފްސީލްގެ އިތުރުން، އެ ހިދުމަތަށް ނެގުމަށް ހަމަޖެހިފައިވާ އެކި ބާވަތުގެ ފީތަކާ ގުޅޭ މައުލުމާތެވެ.

އޭގެ އިތުރުން، މުދާ އުފުލުމުގައި ދިމާވާ މައްސަލަތަކާއި ދެބަސްވުންތައް ހައްލު ކުރާނެ ގޮތްތައްވެސް އެ ލިޔުމުގައި އޮންނަނީ ބަޔާންކޮށްފަ އެވެ.

ޝިޕިން ލައިންތަކުން މުދާ އުފުލައިދޭނީ، ބީއެލްގެ ޓާމްސް އޮފް ކޮންޑިޝަންސްތަކަށް މުދަލުގެ ވެރިފަރާތުން އެއްބަސްވުމުން، އެ ޝަރުތުތަކުގެ ދަށުންނެވެ.

މުރާދު ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގްމީ ޝިޕިން ލައިންތަކުގެ ބީއެލްގައި ހިމަނާފައިވާ ޓާމްސްތައް ފަރުމާކުރެވިފައި ވަނީ، އާންމު ގޮތެއްގައި ކޮންމެވެސް ކުރިއަރާފައިވާ ގައުމެއްގެ ގާނޫނު އޭގެ މައްޗަށް ހިނގާ ގޮތަށެވެ. އެހެންކަމުން، ބީއެލްއާ ގުޅިގެން އުފެދޭ ހިލާފްތައް ހައްލު ކުރުމަށް ހުށަހަޅަންޖެހޭ ކޯޓުތަކަކީވެސް ގިނަފަހަރަށް އެފަދަ ކުރިއަރާފައިވާ ގައުމެއްގެ ކޯޓުކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ބާވަތުގެ މައްސަލަތަކަކީ ރާއްޖޭގެ ކޯޓުތަކުގައި ހިންގޭނެ މައްސަލަތަކެއް ނޫން. މައްސަލައެއް ޖެހިއްޖެނަމަ ވަކި ގައުމެއްގެ ވަކި ކޯޓަކަށް މައްސަލަ ހުށަހެޅުމަށް ކޮންޓްރެކްޓުގެ ބައިވެރިން އެއްބަސްވެފައިވާ މައްސަލަތައް ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓުގައި އެއްބަސްވެފައިވާ ގައުމުގެ ކޯޓަށް،" މުރާދު ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ ހުކުމްގެ މައިގަނޑު އަސާސް ވެސް ބިނާކޮށްފައިވަނީ އެކަމުގެ މައްޗަށެވެ. އެގޮތުން، ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ލައިން ކަމަށްވާ މާސްކް ލައިންގެ ބީއެލްއާ ގުޅިގެން ދައުވާއެއް އުފުލާ ނަމަ އެކަން ކުރަން ޖެހޭނީ އެ ބީއެލްގެ މާއްދާތަކާއި ޝަރުތުތަކުގެ ތެރެއިން 26 ވަނަ މާއްދާގެ ދަށުން، އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުންނަ އިންގްލިޝް ހައިކޯޓް އޮފް ޖަސްޓިސް އަށްކަން އެނގެން އޮންނަ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

މިމައްސަލާގައި ކޮށްފައިވާ ދައުވާގައި އެދިފައިވާ މައިގަނޑު ހައްލަކީ، ބައިނަލްއަގްވާމީ ޝިޕިން ލައިނެއްގެ މަތިން އެ ޝިޕިން ލައިނެއްގެ އެޖެންޓް ނަގައިދޭ ފީތަކަކީ އެޖެންޓުންނަށް ނަގައިދެވޭނެ ފީތަކެއް ނޫން ކަމަށް ޝަރީއަތުން ކަނޑައަޅައި ދިނުމަށެވެ.

ނަމަވެސް، މައްސަލައިގައި ސާބިތު ކޮށްދެވިފައި ވަނީ، އެޖެންޓުން ނަގާ ފީތަކަކީ އެ ފަރާތްތަކުގެ ޕްރިންސިޕަލް ޝިޕިން ލައިނާއި މުދަލުގެ ވެރިފަރާތާ ދެމެދު އޮންނަ އެއްބަސްވުމުގެ ދަށުން ނަގާ ފީތަކެއް ކަމާއި މިފަދަ ކޮންޓްރެކްޓެއް އޮންނަ ކަމުގެ އެންމެ މުހިއްމު ހެއްކަކީ ބީއެލް ކަމެވެ.

"މި މައްސަލައިން ހާމަވެގެން ހިނގައްޖެ ޝިޕިން އިންޑަސްޓްރީގައި މާލޭގައި ތިބޭ އެޖެންޓުން މި ނަގާ ފީތަކަކީ އެއްވެސް ހާލެއްގައި ރާއްޖޭގައި މިތިބަ އެޖެންޓުން އަމިއްލައަށް ނަގާ ފީތަކެއް ނޫންކަން. އެއީ ބީއެލްގައިވާ ޓާމްސްގެ ދަށުން، ހަގީގަތުގައި ޕްރިންސިޕަލް ޝިޕިން ލައިނުން ނަގާ ފީތަކެއް،" މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައުވާކުރެވޭނީ ޓެކްސްގެ ފައިސާ ހޯދަން ކަމަށާއި ލީޒް ރެންޓް ފަދަ އެހެނިހެން ފައިސާ ހޯދުމަށް ދައުވާކުރުމުގެ ގާނޫނީ ބާރު މީރާ އަށް ނެތް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމި މައްސަލައިގައި ވެސް ވަކާލާތުކުރެއްވި ވަކީލް މުރާދު ވިދާޅުވި އެވެ.

ޝިޕިން ލައިންތަކުން އާންމުކޮށް ނަގައިދޭ ފީތަކުގެ ތެރޭގައި ހިމެނެނީ، އެ އިރެއްގެ ހާލަތަކަށް ބެލުމަށް ފަހު އެ ހާލަތަކާ ގުޅޭ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެން ކުރަންޖެހޭ ހަރަދުތަކާއި މާލީ ގެއްލުންތައް ފޫބެއްދުމަށް ނަގާ ފީތަކެކެވެ. އެގޮތުން، ބަނދަރު ތޮށްޖެހުމުގެ ސަބަބުން އާންމުކޮށް ބޯޓު ބަނދަރުކޮށްފައި އޮންނަ މުއްދަތަށް ވުރެ އިތުރަށް ބަނދަރުގައި ތާށިވެފައި އޮންނަންޖެހޭ ދުވަސްވަރެއްގައި އިތުރަށް ހިނގާ ހަރަދުތައް ފޫބެއްދުމަށް ނަގާ ފީ އާއި ބޯޓަށާއި ބޯރުގެ ކްރޫއިންނަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭ ހާލަތްތަކުގައި ނަގާ ފީ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

މި ފީތަކަކީ ދުނިޔޭގެ އެކި ބަނދަރުތަކުގައި އޮންނަ ހާލަތަކާ ގުޅޭ ގޮތުން ބަދަލުކުރެވޭ ފީތަކެކެވެ. އެގޮތުން، ބައެއް ފަހަރު އެ ފީގެ ރޭޓް ކުޑަކޮށް އަދި އެއްވެސް ވަރަކަށް އެ ފީ ނުނަގާ ހާލަތްތައް ވެސް އާދެ އެވެ.

"އަޅުގަނޑުމެން ވިސްނަންޖެހޭނެ އެފަދަ ފީތަކަކީ ގައުމުގެ ހާލަތަށް އަންނަ ބަދަލާއެއްކޮށް ބަދަލުވަމުންދާނެ އެއްޗެއް. މިސާލަކަށް، މެދުއިރުމަތީގެ ހަނގުރާމަކުރާ ބަނދަރަކަށް މުދާ އުފުލާނަމަ ވޯ ރިސްކް އިންޝުއަރެންސްގެ ގޮތުގައި އިތުރު ފީއެއް ނަގާނެ. ރާއްޖެއިން އެފަދަ ދީއެއް ނުނަގާނެ. އޭގެ ބަދަލު ރާއްޖޭގެ ޕޯޓުތަކުންލިބޭ ހިދުމަތް ލަސްވެގެން ޝިޕިންގް ލައިންތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް ކޮންމެވެސް އެހެން ފީއެއް ނަގާފާނެ،" މުރާދު ވިދާޅުވި އެވެ.

"މިގޮތުން ނަގާ ފީތަކަކީ ބީއެލްގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ފީތަކެއް. އަދި މުދަލުގެ ވެރިފަރާތުން ބީއެލް އަށް އެއްބަސްވާއިރު، އެ ފީތަކަށް ވެސް އެއްބަސްވާނެ."

ބައިނަލްއަގުވާމީ ޝިޕިން ލައިންތަކުގެ މަތިން ރާއްޖޭގައި ހަރަކާތްތެރިވާ އެޖެންޓުން ނަގައިދޭ ފީތަކާ ގުޅޭ ވަރަށް މުހިންމު ކަމެއް މި ހުކުމާ ގުޅިގެން މިވަނީ ސާފުވެގެން ގޮސްފަ އެވެ. އެއާއެކު، މުސްކުޅި ޝަކުވާތަކެއް ގުޅިފައިވާ ރަނގަޅަށް އޮޅުންނުފިލާ އޮތް މައްސަލައެއްގެ ހަގީގަތް ވެސް މިވަނީ ހާމަވެގެން ގޮސްފަ އެވެ.