ބޭރު ކުޅިވަރު

ރާމޯސް ޓީމަށް ނަގައި ކޯސްޓާ އާއި އިނިއެސްޓާ ބާކީކޮށްފި

Oct 3, 2015

ޔޫރޯ ކޮލިފައިންގައި ކުޅެންޖެހޭ އެންމެ ފަހު ދެ މެޗަށް ނެގި ސްޕޭން ސްކޮޑުން ފޯވަޑް ޑިއެގޯ ކޯސްޓާ އާއި އަންދްރޭސް އިނިއެސްޓާ ބާކީކޮށް، ސާޖިއޯ ރާމޯސް ޓީމަށް ނަގައިފި އެވެ.

މި މަހުގެ ނުވަ ދުވަހު ލަގްޒެމްބާގާ ދެކޮޅަށް ނުކުންނައިރު ޔޫރަޕުގެ ޗެމްޕިއަން ސްޕޭން އޮތީ 21 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނާގަ އެވެ. އެ މެޗަށްފަހު މި މަހުގެ 12 ވަނަ ދުވަހު ގްރޫޕުގެ ދެ ވަނާގައި އޮތް ޔުކްރޭނާ ދެކޮޅަށް ސްޕޭން ނުކުންނާނެ އެވެ. ޔުކްރޭން އޮތީ 19 ޕޮއިންޓާއެކު ދެ ވަނާގަ އެވެ.

ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ބުނީ މި ދެ މެޗަށް ނެގި ސްކޮޑުން ޗެލްސީގެ ފޯވަޑް ކޯސްޓާ ބާކީކުރީ ކޮލިފައިންގެ ފުރަތަމަ މެޗަށް އޭނާ ސަސްޕެންޑްކޮށްފައި ހުރުމުން ކަމަށެވެ. އެއީ މާގިނައިން ރީނދޫ ކާޑު ދައްކާފާއިވާތީ އެވެ. އެ މެޗަށްފަހު ކޮލިފައިންގެ ފަހު މެޗުގައި ކުޅެވޭ ފޯވަޑް ޓީމަށް ނުނެގީ އޭނާ އަށްވުރެ ޓީމުގެ އެހެން ފޯވަޑުންގެ ކުޅުން ރަނގަޅުވުމުން ކަމަށް ވެސް ކޯޗު ބުންޏެވެ.

ކޯސްޓާ ޓީމުން އުނިކޮށްފައިވާއިރު ފޯވަޑުންގެ ގޮތުގައި ނަގާފައިވަނީ ޗެލްސީގެ ޕެޑްރޯ ރޮޑްރިގޭޒް އާއި ޔުވެންޓަސްގެ އަލްވާރޯ މޮރާޓާ އާއި ވެލެންސިއާގެ ޕަކޯ އާއި ސެލްޓަވީގޯގެ ނޮލިޓޯ އެވެ.

ބާސެލޯނާގެ ކެޕްޓަން އިނިއެސްޓާ ޓީމުން ބާކީކުރީ އަނިޔާގެ ސަބަބުންނެވެ. އަދި ރާމޯސް އަލުން ޓީމަށް ގެނައީ އޭނާގެ އަނިޔާ މުޅިން ރަނގަޅު ވެއްޖެކަމަށް އޭނާގެ ކުލަބު ރެއާލް މެޑްރިޑުން ލަފާދިނުމުންނެވެ.