ރާއްޖޭގެ ބޯޑަރުތައް އަންނަ ބުދަ ދުވަހު ހުޅުވާލާއިރު އަވަށްޓެރި އިންޑިއާއާއެކު ވައިގެ ދަތުރުފަތުރުގެ ހާއްސަ އިންތިޒާމެއް ހަމަޖައްސަން ދިވެހި ސަރުކާރުން އިސްވެ އެދެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރުތައް އަދިވެސް ހުޅުވާލާފައި ނުވި ނަމަވެސް، ރާއްޖެއާ ދެމެދު ފްލައިޓުތައް އޮޕަރޭޓް ކުރުމުގެ "އެއާ ކޮރިޑޯ" އެއް ގާއިމު ކުރަން ރާއްޖޭން ރަސްމީކޮށް އެދިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑައިރެކްޓަރު މިއުވާން މުހައްމަދު މިއަދު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ރަސްމީކޮށް އެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމުގެ އިޝާރާތެއް އިންޑިއާ ސަރުކާރުން ލިބިފައިވެ އެވެ.
މި ހާއްސަ އިންތިޒާމުގެ ދަށުން އިންޑިއާގެ ބޯޑަރުތައް ނުހުޅުވި ނަމަވެސް، ރާއްޖެއަށް ފްލައިޓުތައް އޮޕަރޭޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ފަހިކޮށް ދެވިގެން ދާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
އެގޮތުން، ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޖެހިފައިވާ ދިވެހިންނަށާއި މުދާ އެތެރެކުރާ ފަރާތްތަކަށް ވެސް ފަސޭހަ ވެގެން ދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ކޮވިޑާ ގުޅިގެން ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމުން ރާއްޖޭގައި މަސައްކަތްކުރާ އެތަކެއް ހާސް އިންޑިއާ މީހުން ވަނީ ފްލައިޓުތަކުގެ އިތުރުން އިންޑިއާ އިން ފޮނުވި މަނަވަރުތަކުގައި އަނބުރާ ގެންގޮސްފަ އެވެ.
މި އެއާ ކޮރިޑޯގެ ދަށުން، އެ މީހުން ވެސް ރާއްޖެ އައުމުގެ މަގު ފަހި ވެގެން ދިއުމަކީ މި ޓްރެވަލް ބަބަލްގެ މުހިއްމު ބޭނުމެއް ކަމަށް މިއުވާން ވިދާޅުވި އެވެ.
"ރާއްޖޭގައި މަސައްކަތްކުރާ ގިނަ އިންޑިއާ މީހުނަކީ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޓެކްނިކަލް އެކި ދާއިރާތަކުގެ މީހުން. އެހެންވީމާ، މި ޓްރެވަލް ބަބަލް އުފެއްދުނީމާ އެ މީހުނަށް ވެސް އަނބުރާ ރާއްޖެ އާދެވޭނެ މަގުފަހިވެގެން ދާނެ،" މި އެއާ ކޮރިޑޯ ވެގެންދާނީ ނިއު ޒީލެންޑާއި އޮސްޓްރޭލިއާ އާ ދެމެދު ވައިގެ ދަތުރުފަތުރުތައް އަލުން ފެށުމަށް ހަމަޖެއްސި ފަދަ އިންތިޒާމެއް ކަމަށް ފާހަގަ ކުރައްވަމުން މިއުވާން ވިދާޅުވި އެވެ.
އޭގެ އިތުރުން، ބޯޑަރާއެކު ގިނަ ރިސޯޓުތައް ވެސް އަލުން ހުޅުވާލާއިރު، އިންޑިއާގެ ޓޫރިސްޓުން ވެސް އަލުން ގެންނަން މި އިންތިޒާމުގެ ދަށުން މަގުފަހި ވެގެން ދާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
އެގޮތުން، ރާއްޖެ އަންނަ އިންޑިއާ ޓޫރިސްޓުން އަނބުރާ ދިއުމުގެ އެއް ދުވަސް ކުރިން، ކޮވިޑަށް ޓެސްޓުކޮށް ދިނުމުގެ އިންތިޒާމެއް ދިވެހި ސަރުކާރުން ހަމަޖައްސައިދޭން އެއްބަސްވެފައިވާ ކަމަށް ބައެއް އިންޑިއާ މީޑިއާގައި ވަނީ ބުނެފަ އެވެ.