ވިޔަފާރި

ރާއްޖޭގެ އިމްޕޯޓް 36 ޕަސެންޓް ދަށްވެއްޖެ

Jul 13, 2020

މި އަހަރުގެ ޖޫން މަހު ރާއްޖޭގެ އިމްޕޯޓް 36 ޕަސެންޓް ދަށްވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފި އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު އަދަދު ވަނީ ޖޫން މަހާ އަޅާބަލާއިރު 36 ޕަސެންޓް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖޫން މަހު އެތެރެކުރީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ.

ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ޖޫން މަހު ރާއްޖޭން ބޭރުކުރި މުދާ ނުވަތަ އެކްސްޕޯޓް ވެސް ވަނީ 33 ޕަސެންޓް ދަށްވެފަ އެވެ. މި އަހަރުގެ ޖޫން މަހު 217 މިލިއަން ރުފިޔާގެ މުދާ ބޭރު ކުރިއިރު، މި އަހަރު މި އަދަދު އުޅެނީ 326 މިލިއަން ރުފިޔާގަ އެވެ.

މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓް / އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 21 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 266 މިލިއަން ރުފިޔާ އެވެ، މި އަހަރުގެ ޖޫން މަހު މި އަދަދު އުޅެނީ 211 މިލިއަން ރުފިޔާގަ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މުއްދަތުގައި އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޗައިނާ އިންޑިއާ އާއި ސިންގަޕޫރެވެ. ޗައިނާ އިން 379 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 317 މިލިއަން އަދި ސިންގަޕޫރުން 231 މިލިއަން ރުފިޔާގެ މުދަލެވެ.