ބ. އޭދަފުށީގެ މަގު ހަދާ މަޝްރޫއުގެ ބޮޑު ބައެއް ފުރިހަމަކޮށް ނިންމާލައިފި އެވެ. އެ ރަށުގެ. މަގުތައް ހަދަނީ ސަރުކާރާއި ރައްޔިތުން ބައިވެރިވާ ވިޔަފާރި ކުންފުނި އެމްޓީސީސީންނެވެ.
މި މަޝްރޫއު 79 ޕަސަންޓް މަސައްކަތް ނިންމާފައިވާއިރު ސްޓޯމް ވޯޓާ ނެޓްވޯކް ގާއިމްކުރުމުގެ 75 ޕަސެންޓް މަސައްކަތް ވެސް ނިންމާފައި ވެއެވެ. އަދި ތާރުގެ ކުރިން އަޅާ ހިލަ ފަށަލައެއް އެޅުމުގެ 64 ޕަސެންޓް ވެސް ވަނީ ނިންމާފަ އެވެ.
މި މަޝްރޫއުގައި ދުވާރުތަކުގެ ޑިޒައިން ސާވޭކޮށް މަގުތަކުގައި ތާރު އަޅާ ޑިޒައިން ކުރުމާއި ސްޓޯމްވޯޓާ ސްޓޭޝަންތައް ހަރު ކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކެއް އެޅުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
މި ސަރުކާރުން އެމްޓީސީސީ އާއި މި މަސައްކަތް ހަވާލު ކޮށްފައި ވަނީ 150 ދުވަހުން ނިންމާށެވެ. ނަމަވެސް އޭދަފުށީ 17 މަގެއްގައި ތާރު އަޅާ ތަރައްގީ ކުރާ މި މަޝްރޫ ކުރިޔަށް ގެންދިއުމުގައި ދިމާވި އެކި އެކި ސަބަބުތަކާއި ގުޅިގެން މުއްދަތަށް މަގު ހެދުމުގެ މަސައްކަތް ނިމިފައެއް ނުވެ އެވެ.
މީގެ ކުރިން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހަށް އޭދަފުށީ މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުން ކުރުމުން މަސައްކަތަށް ބެނުންވާ ސާމާނު ގެންދެވޭ ގޮތް ނުވެ މަސައްކަތް ފަސްވީ އެވެ.
އޭދަފުށި މަގުތަށް ހަދަން ފުރަތަމަ ހަވާލުކޮށްފައިވަނީ އެމްއާރްޑީސީ އާ އެވެ.