ހަބަރު

ފުލުހުންނަށް ހަމަލާދިން އިތުރު 18 ބިދޭސީއަކު ހައްޔަރުކޮށްފި

Jul 13, 2020
1

އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީން ހުޅުމާލޭގައި ހަމަނުޖެހުން ހިންގި މައްސަލާގައި އިތުރު 18 ބިދޭސީ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ކުރިން ވަނީ 22 މީހަކު ވެސް ހަމަ އެ މައްސަލާގައި ހައްޔަރުކުރި އެވެ.

ގިނަ އަދަދެއްގެ ބިދޭސީންތަކެއް މިއަދު މުޒާހަރާގައި ކުރި މުޒާހަރާ ހުއްޓުވުމަށް ފުލުހުން މަސައްކަތް ފެށުމުން ފުލުހުންނާ ދިމާލަށް ބިދޭސީން ވަނީ ގާ އުކާފަ އެވެ. އެކަމުގެ ސަބަބުން ފުލުހުންނަށް އަނިޔާވެ ވެހިކަލަށް ގެއްލުން ލިބިފައިވެ އެވެ.

އެ މަންޒަރުތައް ފެންނަ ވީޑިއޯތައް އާންމު ވެފައިވާއިރު މިއީ ބިރުވެރި އަދި ނުރައްކާތެރި މަންޒަރެއް ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފުލުހުން މިހާރު ވަނީ ހަމަނުޖެހުން ކޮންޓްރޯލްކޮށްފަ އެވެ. އަދިވެސް ސްޕެޝަަން އޮޕަރޭޝަން ޑިޕާޓްމަންޓުގެ ޕަބްލިކް ސޭފްޓީ ރެސްޕޮންސް ޔުނިޓްގެ ޓީމް އެތަނުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.

މީގެކުރިން ވެސް އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީން މުޒާހަރާކުރި އެވެ. އޭރު ވެސް އެމީހުން ފުލުހުންނާ ކުރިމަތިލި އެވެ. ނަމަވެސް އެފަހަރު އެއްވެސް ބިދޭސީއަކާމެދު ފިޔަވަޅެއް ނާޅަ އެވެ.

ބިދޭސީންގެ މުޒާހަރާތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ތިލަފުށީގައި ވަރަށް ބޮޑު މުޒާހަރާއެއް ބިދޭސީން ކޮށްފައިވަނިކޮށް، ބ. ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކޮށް ބިދޭސީންތަކެއް ހަމަނުޖެހުން ހިންގި އެވެ. އެ މައްސަލާގައި 19 ބިދޭސީއަކު ހައްޔަރުކުރި އެވެ. އޭގެ ފަހުން މާލޭ އާޓިފިޝަލް ބީޗްގައި ވެސް ބިދޭސީންތަކެއް މުޒާހަރާއެއް ކުރި އެވެ.