ދުނިޔެ

މަރުވި ސޯލްގެ މޭޔަރަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު

Jul 13, 2020

ސޯލް (ޖުލައި 13) - އަމިއްލައަށް މަރުވި ކަމަށް ބެލެވޭ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ މޭޔަރުގެ ފަރާތުން ހަތަރު އަހަރު ވަންދެން ޖިންސީ ފުރައްސާރަ ތަހައްމަލު ކުރަންޖެހުނު ކަމަށް އޭނާގެ ކުރީގެ ސެކްރެޓަރީ ތުހުމަތުކޮށްފި އެވެ.

ޕާކް ވޮން ސޫން، 64، ގެ ހަބަރެއް ނުވެގެން ފުލުހުން ހޯދަމުން ދަނިކޮށް، އޭނާގެ ހަށިގަނޑު ފެނިފައި ވަނީ މިދިއަ ހުކުރު ދުވަހެވެ.

ޕާކް މަރުވެފައި ވަނީ، އޭނާއާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރި ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅު ނުތާ އެއް ދުވަސް ފަހުންނެވެ.

އެއާއެކު، ރަސްމީ އިއްޒަތުގައި ޕާކްގެ ޖަނާޒާ ބޭއްވުމާ ދެކޮޅަށް ބައި މިލިއަނެއްހާ މީހުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފަ އެވެ.

ޕާކްގެ ކުރީގެ ސެކްރެޓަރީ ތުހުމަތުކުރާ ގޮތުގައި، ޕާކްގެ ފަރާތުން އޭނާއަށް ޖިންސީ ފުރައްސާރަތައް ކުރިމަތިވެފައިވެ އެވެ. އެގޮތުން، އޭނާއަށް ނިވާކަންކުޑަ ގޮތެއްގައި ނަގާފައިވާ ފޮޓޯ ފޮނުވުމާއި، އޮފީސް ތެރޭގައި ގައިގޯޅިވާން އެދުނުކަމަށްވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ޕާކް ވަނީ 2011 އިން ފެށިގެން ސޯލްގެ މޭޔަރުކަން ކުރައްވައިފަ އެވެ. އެގޮތުން، އޭނާގެ ތިންވަނަ އަދި ފަހު ދައުރަށް އިންތިހާބުވެވަޑައިގެންފައިވަނީ މިދިއަ ޖޫން މަހު އެވެ.

ދެކުނު ކޮރެއާގެ ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ، ޕާކް 2022 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ޓިކެޓް ދޭން ވިސްނަމުންދާކަމުގެ އަޑުތައްވެސް ވަނީ އިވެން ފަށައިފަ އެވެ.