ހަބަރު

ޓޫރިޒަމްގެ މުވައްޒަފަކު ކުރާ ތުހުމަތުތައް މަޖިލީހުން ބަލަނީ

ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މިނސިްޓްރީގެ މުވައްޒަފުންނަށް ފުރައްސާރަކޮށް ބިރު ދައްކަމުންދާ ކަމަށް ތުހުމަތުކޮށް އެ މިނިސްޓްރީން އިއްޔެ އިސްތިއުފާ ދިން އަންހެން މުވައްޒަފަކު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ދިރާސާ ކުރަން އެ މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން އިއްޔެ އިސްތިއުފާ ދެއްވި ސީނިއާ ޕްލޭނިން އޮފިސަރެއްގެ މަގާމުގައި ހުންނެވި ފާތިމަތު ޝަރުމާ އެމަނިކުފާނަށް ފޮނުއްވި ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެ ސިޓީ ދިރާސާކުރަން އާންމު ކޮމިޓީއަށް ފޮނުވާނެ ކަމަށެވެ.

"[ޓޫރިޒަމް މިނިސްޓްރީން އިސްތިއުފާ ދިން މުވައްޒަފު] ގެ މި ސިޓީ ދިރާސާކުރަން އާންމު ކޮމިޓީއަށް ފޮނުވާނަން، އާންމު ކޮމިޓީން ދެން އިތުރަށް އެ ސިޓީ ގުޅޭ ގޮތުން ކުރިއަށް ގެންދަވާނެ ގޮތް ނިންމަވާނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމުގައި ތިއްބެވި ބޭފުޅުން ފުރައްސާރަކުރާ ކަމަށް ތުހުމަތުކޮށް މުވައްޒަފަކު އިސްތިއުފާ ދިންއިރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވިގެން ކުރީގެ މިނިސްޓަރު އަލީ ވަހީދު އާއި، ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާން ވަނީ ވަކިކޮށްފަ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅުއްވާ ގެ ބަލައިފާސްކޮށް އޭނާގެ ފޯނާއި ލެޕްޓޮޕް ވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ. އަދި ރާއްޖޭން ބޭރަށް ފުރުން މަނާކޮށް އަލީ ވަހީދުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ. މިއީ ޖިންސީ ގޯނާގެ ތުހުމަތުގައި މިނިސްޓަރަކު މަގާމުން ވަކި ކުރި ފުރަތަމަ ފަހަރެވެ.