ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފްރޮންޓްލައިން އެލަވަންސް އަވަސް ކުރުމަށް ގޮވާލާ ގަރާރެއް

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރަމުންދާ އެކި އިދާރާތަކުގެ މުވައްޒިފުންނަށް ސަރުކާރުން ދިނުމަށް ނިންމި އެލަވަންސް މިހާތަނަށްވެސް ދީފައިނުވާތީ އެ އެލަވަންސް ދިނުން އަވަސް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފި އެވެ.

މަޖިލީހަށް މި ގަރާރު ހުށައަޅާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

ޝިޔާމްގެ ގަރާރުގައި ބުނެފައިވަނީ ކޮވިޑްގެ ބަލިމަޑުގެ ހާލަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒިފުންނަށް ހާއްސަ އެލަވަންސްއެއް ދޭނެ ކަމަށް މެއި މަހުގެ ހަތްވަނަ ދުވަހު ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ކަމަށެވެ. ތިން ގިންތިއަކަށް ބަހާލައިގެން ދިނުމަށް ނިންމާފައިވާ މި އެލަވަންސް އެންމެ ހައިރިސްކްގައި މަސައްކަތްކުރި މުވައްޒިފުންނަށް ދުވާލަކަށް 500 ރުފިޔާގެ މަގުން އަދި ދެވަނަ ގިންތީގެ މުވައްޒިފުންނަށް ދުވާލަކު 260 ރުފިޔާގެ މަގުން އަދި ލޯ ރިސްކްގައި މަސައްކަތް ކުރި މުވައްޒިފުންނަށް ދުވާލަކު 200 ރުފިޔާގެ މަގުން ދިނުމަށް ނިންމި ކަމަށެވެ.

ނަމަވެސް ފުރާނަ އަތްމައްޗަށް ލައިގެން ގުރުބާންވި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީއެހީތެރިންނާއި ފުލުހުންނާއި ސިފައިންނާއި އެއާލައިންތަކުގެ މުވައްޒިފުންނާއި އަދިވެސް އެހެނިހެން ދާއިރާތަކުގެ މުވައްޒިފުންނަށް މިއަދާ ހަމައަށްވެސް އެ އެލަވަންސް ދީފައިނުވާ ކަމަށް ޝިޔާމްގެ ގަރާރުގައި ބުނެފައިވެއެވެ.

އެހެން ކަމުން ވީ އެންމެ އަވަހަކަށް އެލަވަންސް ދިނުމަށް މި ގަރާރުގައި ގޮވާލާފައިވެއެވެ. މި ގަރާރަށް މާދަމާގެ ޖަލްސާގައި ބަހުސް ކުރާނެ ކަމަށް ބެލެވެއެވެ.

މެއި މަހުގެ ހަތްވަނަ ދުވަހު އެންއީއޯސީގައި ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާ ދެކޮޅަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަކަށް ބަހާލައިގެން "ފްރަންޓްލައިން" އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ފުރަތަމަ ގިންތިކަމަށްވާ ހައި ރިސްކު ކެޓަގަރީގައި ހިމެނޭނީ، ބައްޔަށް ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުންފަދަ ކަންކަމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، އެފަދަ މީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އުޅޭ ފަރާތްތަކާއި، ރެޕިޑް ރެސްޕޮންސް ޓީމުގައި ހިމެނޭ އޮފިޝަލުން ފަދަ ފަރާތްތައް ކަމަށެވެ.

އަމީރު ވިދާޅުވި ގޮތިގައި، ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

ދެވަނަ ގިންތިކަމަށްވާ މީޑިއަމް ރިސްކު ކެޓަގަރީގައި ހިމެނޭނީ، ބައްޔަށް ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުނުވި ނަމަވެސް، ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުވާ އޮފިޝަލުންނާ އެކުގައި މަސައްކަތް ކުރާ ފަރާތްތަކެވެ. މީޑިއަމް ރިސްކު ކެޓެގަރީގައި ހިމެނޭ މުވައްޒަފުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާގެ އެލަވަންސެއް ލިބޭނެ އެވެ. އަދި މި ދެ ކެޓަގަރީގައި ނުހިމެނޭ، ނަމަވެސް، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ ފަރާތްތަކަށް 200 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާކަމަށް އަމީރު ވަނީ ވިދާޅުވި އެވެ.

ނަމަވެސް މި އެލަވަންސް ދެވޭނެ ދުވަހެއް އަދިވެސް ނޭންގޭ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން ކޮށްފައިވާ ހޭދަ ބިލިއަނަކަށް އަރާފައިވާއިރު ފައިސާގެ ދަތިކަން ދައުލަތަށް ވަނީ އިންތިހާއަށް ކުރިމަތިވެފައެވެ.