ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ސެންޓަރު މިއަދު ހުޅުވައިފި އެވެ.
ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ސޮނެވާ ގްރޫޕުގެ ސީއީއޯ ސޯނޫ ޝިވްދަސާނީ ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.
މާފަަރު އެއާޕޯޓުގައި ކޮވިޑް ޓެސްޓު ކުރެވޭނެ ސެންޓަރެއް ގާއިމްކުރީ ސޮނެވާގެ ހަރަދުގަ އެވެ. މި މަޝްރޫއުއަށް ބޭނުންވާ ސާމާނު ގެނައުމާއި ތަނުގެ އިމާރާތުގެ އިތުރުން އެތަކެތި އިންސްޓޯލްކޮށް ސެޓަޕް ހެދުމަށް ހަވާލުކޮށްފައިވަަނީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އާއެވެ. މި މަސައްކަތަށް 30 ދުވަސް ހޭދަވެފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މި ބުރާސްފަތީގައި ނިއު ނޯމަލް އަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު މާފަރު އެއާޕޯޓުގައި ކޮވިޑަށް ޓެސްޓުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކުރީ ޖޫން މަހު އެވެ. އެގޮތުން މާފަރު އެއާޕޯޓު އޮންނަ ސަރަހައްދުގައި މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ހުރި ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 އާ ގުޅިގެން ދެ މަސް ވަންދެން ބަންދު ކޮށްފައި އޮތް ރާއްޖޭގެ ބޯޑަރު މި ބުރާސްފަތީިގައި ހުޅުވާލާނެ ކަމަށް އިއުލާން ކުރީ މިދިޔަ މަހު ފަހުކޮޅު އެވެ.