ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވުމާއި ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލްއާ ކަމާގުޅޭ ދާއިރާތަކުގެ އިސް ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކާ ކުރިމަތިލައި، އާންމު ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ އަމަލުތަކަކީ ދިވެހިރާއްޖޭގެ ދާހިލީ އަމްނާ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބައްދަލުވުމުގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވާފައިވާ ކަމަށެވެ.
"...އެހެންކަމުން ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، އެއްވެސް ފަރާތަކަށް މިފަދަ ފުރުސަތެއް ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް މި ބައްދަލުވުމުގައި ވަނީ ނިންމާފައި،" ރައީސް އޮފީހުން ބުނެފައިވެއެވެ.
މިއަދު ހުޅުމާލޭގައި ފުލުހުންނާ ކުރިމަތިލައި އޮށްގަލުން ހަމަލާދީ، ހަމަނުޖެހުން ހިންގި ބިދޭސީންނާމެދު ގާނޫނާއި ގަވައިދުތަކުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހުޅުމާލޭގައި ފުލުހާ ކުރިމަތިލައި ހަމަނުޖެހުން ހިންގާފައި ވަނީ ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ލޭބަރުންތަކެކެވެ. އެއީ މުޅިން ވެސް ބަންގްލަދޭޝް މީހުންނެވެ. އެމީހުން ވަނީ "ވީ ނީޑް އަވާ ސެލެރީ! [އަހަރެމެންގެ މުސާރަ ބޭނުމެވެ] ވީ ނީޑް އަވާ ޓިކެޓް! [އަހަރުމެންގެ ޓިކެޓް ބޭނުމެވެ]" ފަދަ ޝުއޫރުތައް ފާޅުކޮށްފަ އެވެ.
އެމީހުންނަށް މުސާރަ ނުލިބޭ ކަމަށް ބުނެ، ކުރަމުން ދިޔަ މުޒާހަރާ ކޮންޓްރޯލް ކުރަން ވަރަށް މަދު ފުލުހުންތަކެއް އުޅުނު އިރު އެމީހުން ވަނީ ފުލުހުންނަށް ޖިސްމާނީ އަނިޔާ ލިބޭ ފަދަ ގޮތަކަށް ކުރިމަތިލާފަ އެވެ. ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ވެހިކަލަށް ގެއްލުންވެފައިވެސް ވެއެވެ.
ގާ އުކައި ހަމަނުޖެހުން ހިންގަމުން ދިޔަ ބިދޭސީން ފަހަތަށް ޖައްސައި މައިތިރި ކުރީ އެތަނަށް އެސްއޯ ފުލުހުން ގޮހެވެ. އެސްއޯ ފުލުހުންގެ ހާއްސަ ޓީމެއް ގޮސް ހަމަނުޖެހުން ހިންގި 41 މީހަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި، އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާމެދު ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން މިމަހުގެ ދެވަނަ ދުވަހު ބޮޑުފިނޮޅުގައިވެސް ބިދޭސީންތަކެއް ވަނީ 12 ދިވެހިން ރަހީނުކޮށް އެރަށުގައި ހުރި ތަކެއްޗަށް ގެއްލުންދީފައެވެ. އަދި ފުލުހުން އެރަށައް އެޅުމަށް ހުރަސްއަޅާފައިވެއެވެ.