ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: ގިނަ ގައުމުތައް ނުބައި މިސްރާބެއްގައި

Jul 14, 2020

ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، ކޮވިޑް-19 އިގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

"ގިނަ ގައުމުތައް ދަތުރުކުރަމުންދަނީ ނުބައި މިސްރާބަކަށް،" އެ ޖަމިއްޔާގެ ޑިރެކްޓަ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނަމް ގެބްރިސަސް ވިދާޅުވި އެވެ.

އެގޮތުން، ވައިރަސް ފެތުރުން ހުއްޓުވަން ސިއްހީ މާހިރުން އިރުޝާދު ދެމުންދާ ފިޔަވަޅުތަކަށް އެކަށީގެންވާ މިންވަރަށް އަމަލުކުރަމުން ނުދާތީ، ގިނަ ގައުމުތަކުގައި އަނެއްކާވެސް ކޭސްތައް އިތުރުވަމުންދާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އިއްޔެ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޓެޑްރޯސް އިތުރަށް ވިދާޅުވި ގޮތުގައި، ދުނިޔޭގެ ބައެއް ލީޑަރުން ބައްޔާ ގުޅުވައިގެން ތަފާތު ވާހަކަތައް ދައްކަވަމުން ގެންދިއުމާ ގުޅިގެން އާއްމުން އިތުބާރު ގެއްލި، ވައިރަސް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅެމުންދާ ކަމަށެވެ.

"މި ބައްޔަކީ މުޅި ދުނިޔޭގެ ކުރިމަތީގައި އޮތް އެންމެ ވަރުގަދަ ދުޝްމިނު. އެކަމަކު ބައެއް ލީޑަރުންނާއި އާއްމުންގެ އަމަލުތަކުން އެކަމެއް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

އެ ޖަމިއްޔާގެ އެމެޖެންސީސް ޑިރެކްޓަރު ޑރ. މައިކް ރަޔަން ވިދާޅުވީ އެމެރިކާގެ ގައުމުތަކާއެކު ގިނަ ސަރަހައްދުތަކުން އެޅި ލޮކްޑައުން ލުއިކުރުމާއެކު، ބައެއް ހިސާބުތަކުގައި ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

ލެޓިން އެމެރިކާގައި ކޮވިޑް-19 އިގެ މަރުގެ އަދަދު 145،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ޓެސްޓުކުރެވޭ މިންވަރު މަދުވުމުގެ ސަބަބުން އެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމަށް ބައެއް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ.

ޑރ. ރަޔަން ވިދާޅުވީ، އިގުތިސޯދީ ހީނަރުކަމާ ގުޅިގެން ފުޅާ ދާއިރާއެއްގައި ލޮކްޑައުން ނުކުރެވުނު ނަމަވެސް، ވައިރަސް ފެތުރުން ހުއްޓުވުމަށް އެތެރޭގެ ކުދި ސަރަހައްދުތައް ބަންދުކުރަންޖެހިދާނެ ކަމަށެވެ.

އަދި ސަރުކާރުތަކުން ވަރަށް ރޭވުންތެރިކަމާއެކު ފިޔަވަޅު އެޅުމަށް އޭނާ އިތުރަށް ގޮވާލެއްވި އެވެ.

" އެ ފިޔަވަޅުތަކަށް އަމަލުކުރަން ފަސޭހަވާނެ، ރައްޔިތުންނަށް އެކަންކަން ރަނގަޅަށް ފަހުމްވާ ގޮތަށް މަސައްކަތް ކުރެވިއްޖެނަމަ،" ޑރ. ރަޔަން ވިދާޅުވި އެވެ.

ޑރ. ރަޔަން އިތުރަށް ވިދާޅުވީ، ކޮވިޑް-19 އިގެ ވެކްސިނެއް ކައިރި މުސްތަގުބަލެއްގައި ހޯދޭނެކަމަށް ބެލުމަކީ ކުށްހީއެއް ކަމަށާއި، އެ ބައްޔާއެކު އުޅެން މުޅި ދުނިޔެ ދަސްކުރަންޖެހޭ ކަމަށެވެ.