މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑަށް ލިބުނީ ހައްގު ނަތީޖާއެއް: ޝޮލްޝަޔާ

ސައުތުހެމްޓަން އަތުން ފަހު ވަގުތު އެއްވަރު ވުމަކީ މެންޗެސްޓާ ޔުނައިޓެޑަށް ހައްގު ނަތީޖާއެއް ކަމަށް، އެ ޓީމުގެ ކޯޗް އޮލާ ގަނާ ސޮލްޝަޔާ ބުނެފި އެވެ.

މެޗުން މޮޅުވެ، ލެސްޓާ ސިޓީ އާއި ޗެލްސީ ފަހަތަށް ޖައްސާލުމަށް ފަހު ތިން ވަނައަށް އެރުމުގެ އުންމީދަށް ޔުނައިޓެޑަށް ހުރަސް އެޅީ މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ކުޅުނު ވަގުތުގެ ތެރެއިން ހަ ވަނަ މިނެޓްގައި ސައުތު ހެމްޓަންގެ މައިކަލް އޮބަފެމީ ކާމިޔާބު ކުރި ލަނޑުންނެވެ. މެޗު ނިމުނީ 2-2 ން އެއްވަރު ވެގެނެވެ. މެޗުން އެއްވަރު ވުމުން ޔުނައިޓެޑަށް އޮންނަން ޖެހުނީ ފަސް ވަނައިގަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ސައުތުހެމްޓަން އިން އެވެ. އެ ޓީމުގެ ލަނޑު 12 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސްޓްއެޓް އާމްސްޓްރޯންގް އެވެ. މެޗުގެ 20 ވަނަ މިނެޓްގައި އެންތޮނީ މާޝިއަލް ތަނަވަސް ކޮށްދިން ފުރުސަތަކުން މާކޯސް ރަޝްފާޑް ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ލީޑް ނަގަން ޔުނައިޓެޑަށް ބޭނުންވީ ތިން މިނެޓެވެ. މާޝިއަލް ވަނީ 23 ވަނަ މިނެޓްގައި ނަތީޖާ 2-1 ބަދަލު ކޮށްލާފަ އެވެ. ދެ ވަނަ ހާފުގައި ސައުތުހެމްޓަންއިން ވަރަށް ރަނގަޅަށް ކުޅުނެވެ. މެޗުގެ އެންމެ ފަހު ވަގުތުގައި އޮބަފެމީ ލަނޑު ކާމިޔާބު ކުރީ ޖޭމްސް ވާޑް ޕްރައުސް ނެގި ކޯނަރުން ތަނަވަސްވި ބޯޅައިންނެވެ. ސޮލްޝަޔާ ސިފަ ކުރީ ލަނޑެއް ވަނުމުން އެންމެ އުނދަގޫ ކުރިމަތިވާނެ ވަގުތަކީ އެއީ ކަމަށެވެ. އޭނާ ބުނީ، ޔުނައިޓެޑަށް އޭނާ އުންމީދު ކުރި ވަރާ ގާތަށްވެސް ނުކުޅެވުނު ކަމަށެވެ.

"ޕާސްތަކުގައި ހުންނަން ޖެހޭ ރިދަމްއެއް އަހަރެމެންނަކަށް ނުގެނެވުނު،" މެޗުގައި ޔުނައިޓެޑްގެ ކުޅުމަށް އިޝާރަތްކޮށް ސޮލްޝަޔާ ބުންޏެވެ. "އަހަރެމެން ހީކުރީ އަހަރެމެން އަތުގައި ތިން ޕޮއިންޓް އެބައޮތް ކަމަށް، މެޗުން މޮޅުވާކަށް އަހަރެމެންނަށް ހައްގެއް ނޫން."

މެޗުން އެއްވަރުވުމުން ގަދަ ހަތަރަކަށް ވަނުމުގެ ފުރުސަތު ޔުނައިޓެޑަށް ވަނީ ހަނި ވެފަ އެވެ. ބާކީ ތިން މެޗެވެ. އެންމެ ފަހު މެޗުގައި ނުކުންނާނީ ގޯލްގެ ތަފާތުން އެ ޓީމަށް ވުރެ ކުރީގައި އޮތް ލެސްޓާ އާ ދެކޮޅަށެވެ.