ޗެމްޕިއަންސް ލީގްގެ ޖާގަ ހޯދަން ޗެލްސީގެ ކުޅުންތެރިން ބޭނުންނަމަ ޓެކްޓިކަލް ހުނަރުގެ އިތުރަށް ދަނޑުމަތީގައި ކުޅުންތެރިންގެ ކޮމިޔުނިކޭޝަން ވެސް ވަރުގަދަ ކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗް ފްރޭންކް ލަމްޕާޑް ބުނެފި އެވެ.
ޗެލްސީ މިވަގުތު ތިން ވަނައިގައި އޮތް ނަމަވެސް، ލެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ފަހަތުގައި ވިއްދާފައި އޮތީ ޕޮއިންޓެއްގެ ފަރަގުންނެވެ. މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޔޫއެފާއިން އެޅި ޔޫރަޕްގެ ބޭން ކޯޓުން އުވާލުމާއެކު ލީގްގެ ފަސް ވަނަ ހޯދައިގެން މިހާރު ޗެމްޕިއަންސް ލީގްގެ ޖާގަ ލިބެން ނެތްކަން ވަނީ ކަށަވަރު ކޮށްފަ އެވެ.
ތިން ވަނަ މަގާމުގައި ލީޑް ފުޅާ ކުރަން ލިބުނު ފުރުސަތު ޗެލްސީއަށް ހަނި ވެގެން ދިޔައީ ޝެފީލްޑް ޔުނައިޓެޑް އަތުން 3-0 ން ބަލިވުމުންނެވެ. އެ މެޗަށް އިޝާރާތް ކޮށް ލަމްޕާޑް ބުނީ ޗެލްސީގެ ކުޅުންތެރިންގެ މައްސަލައަކީ ދަނޑުމަތީގައި ކޮމިޔުނިކޭޝަން ނެތުން ކަމަށެވެ. ލަމްޕާޑް ބުނީ ޝެފީލްޑް މެޗުގައި ދަނޑުމަތިން އޭނާ އަޑު އިވެނީ ޝެފީލްޑްގެ ކުޅުންތެރިން ވާހަކަ ދައްކާ އަޑު އެކަނި ކަމަށެވެ.
"މިއީ ކުރިން ވެސް އަހަންނަށް ފާހަގަ ކުރެވިފައިވާ ކަމެއް އަދި މިކަމާ ބެހޭގޮތުން އަހަރެން ކުޅުތެރިންނާ ވާހަކަ ދައްކާފައި ވާނެ ކަމެއް، މިއީ ޓީމުގެ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް އެހީވުމަށް އެންމެ ފަސޭހައިން ކުރެވޭނެ ކަންތައް، ދަނޑު މަތީގައި އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ވާހަކަ ދެއްކުން،" ލަމްޕާޑް ފާހަގަ ކުރި އެވެ. "ހަމަ ޔަގީނުން ވެސް އަހަރެމެން ބޭނުންވާ ވަރަށް އަހަރެމެންގެ ތެރޭގައި އެކަމެއް ނެތް، އަހަރެމެން އެކަން ވަރަށް ބޮޑުތަން ރަނގަޅު ކުރަން ޖެހޭ، ހަމަގައިމު ވެސް އަހަރެން ކުޅުންތެރިންގެ މެދުގައި ބޭނުން ކުރާ ޓޫލެއް އެއީ، މިހާރު ސްޓޭޑިއަމްގެ ހާލަތުން ވަރަށް ސާފުކޮށް އެއަޑުތައް ވެސް އިވޭނެ."
ލަމްޕާޑް ބުނީ، މަދުން ވާހަކަ ދައްކާ ކުޅުންތެރިން ވެސް ދަނޑުމަތީގައި އެކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެއީ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ޑިމާންޑް ކުރުމަށްޓަކައި ވެސް ދަނޑުމަތީގައި ބޭނުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"އެމީހުން [ކުޅުންތެރިން] ގެ ކިބައިގައި ހުންނަން ޖެހޭ ކެރެކްޓާއެއް އެއީ އެމީހުންގެ ވަށައިގެން ތިބޭ މީހުންނާ ވާހަކަ ދެއްކުން." ލަމްޕާޑް ބުންޏެވެ. މިރޭ ޗެލްސީ ނުކުންނާނީ ނޯވިޗް ސިޓީއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖޭގަޑިން މެންދަމު 12:15 ގަ އެވެ،