ހަބަރު

އަދީބުގެ ޕާސްޕޯޓު ހިފަހައްޓަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީީޖީ) އޮފީހުން ހައިކޯޓުގައި އެދެން ނިންމައިފި އެވެ.

ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ހުންނެވި އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާ މިއަދު ކުރިމިނަލް ކޯޓުން ބާތިލް ކުރުމާއެކު އޭނާ ވަނީ މިނިވަންވެފަ އެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު ބަންދުގައި ހުރީ ކުރިމިނަލް ކޯޓުގައި އޮތް ދައުވާތަކާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސެއިން ޝަމީމް ވަނީ އަދީބު ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓުމަށް ހައިކޯޓުގައި އެދޭނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ އިތުރުން ދައުލަތުން އުފުލާފައިވާ ހަތް ދައުވާ ކުރިމިނަލް ކޯޓުން ބާތިލްކުރި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ފަހުން އަދީބުގެ މައްޗަށް އުފުލާފައިވަނީ ވަރަށް ބޮޑެތި ސީރިއަސް ދައުވާތަކެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިން ވެސް ހިމެނެ އެވެ. މި ދައުވާތަކަކީ އަދީބާއެކު ޕީޖީ އޮފީހުން އެކުލަވާލި އެއްބާރުލުންދިނުމުގެ އެއްބަސްވުމުގެ ދަށުން އުފުލި ދައުވާތަކެކެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ ފަދަ އިއުތިރާފު އެއްބަސްވުމެއް ހަދާފައިވެ އެވެ.