ފިނޭންސް މިނިސްޓްރީ

ފްރޮންޓްލައިން އެލަވަންސް ޖުލައި މުސާރަައާއެކު

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރަމުންދާ އެކި އިދާރާތަކުގެ މުވައްޒިފުންނަށް ސަރުކާރުން ދިނުމަށް ނިންމި އެލަވަންސް ޖުލައި މަހުގެ މުސާރަައާއެކު ދެވޭނެ ކަމަށް ބެލެވޭ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ކޮވިޑްގެ ބަލިމަޑުގެ ހާލަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒިފުންނަށް ހާއްސަ އެލަވަންސްއެއް ދޭނެ ކަމަށް މެއި މަހުގެ ހަތްވަނަ ދުވަހު ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށްވެސް އެ އެލަވަންސް ދީފައެއް ނުވެއެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރި މުވައްޒިފުންގެ މައުލޫމާތު މިނިސްޓްރީތަކުން ވަކި ޕޯޓަލްއެއް މެދުވެރިކޮށް ފުރިހަމަ ކުރަމުންދާ ކަމަށެވެ. އެ މައުލޫމާތު ފުރިހަމަކޮށް ނިމިފައިވާ މިނިސްޓްރީތަކުގެ މުއައްޒިފުންނަށް ޖުލައި މަހުގެ މުސާރައާއެކު އެ އެލަވަންސް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ސަރުކާރުން ނިންމީ ތިން ގިންތިއަކަށް ބަހާލައިގެން މި އެލަވަންސް ދިނުމަށެވެ. މެއި މަހުގެ ހަތްވަނަ ދުވަހު އެންއީއޯސީގައި ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާ ދެކޮޅަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަކަށް ބަހާލައިގެން "ފްރަންޓްލައިން" އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ފުރަތަމަ ގިންތިކަމަށްވާ ހައި ރިސްކު ކެޓަގަރީގައި ހިމެނޭނީ، ބައްޔަށް ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުންފަދަ ކަންކަމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، އެފަދަ މީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އުޅޭ ފަރާތްތަކާއި، ރެޕިޑް ރެސްޕޮންސް ޓީމުގައި ހިމެނޭ އޮފިޝަލުން ފަދަ ފަރާތްތައް ކަމަށެވެ.

އަމީރު ވިދާޅުވި ގޮތިގައި، ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

ދެވަނަ ގިންތިކަމަށްވާ މީޑިއަމް ރިސްކު ކެޓަގަރީގައި ހިމެނޭނީ، ބައްޔަށް ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުނުވި ނަމަވެސް، ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުވާ އޮފިޝަލުންނާ އެކުގައި މަސައްކަތް ކުރާ ފަރާތްތަކެވެ. މީޑިއަމް ރިސްކު ކެޓެގަރީގައި ހިމެނޭ މުވައްޒަފުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާގެ އެލަވަންސެއް ލިބޭނެ އެވެ. އަދި މި ދެ ކެޓަގަރީގައި ނުހިމެނޭ، ނަމަވެސް، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ ފަރާތްތަކަށް 200 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާކަމަށް އަމީރު ވަނީ ވިދާޅުވި އެވެ.