ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އާޖެންޓީނާ ބަޔަކު ކަނޑުމަތީ ތިއްބާ ކޮވިޑް ޖެހުނު ގޮތެއް ނޭނގުނު

ކަނޑުމަތީ 35 ދުވަސް ވަންދެން އުޅުނު އާޖެންޓީނާ ބޯޓެއްގައި ތިބި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ މި ބަލި ޖެހޭ އަސްލު ގޮތާ މެދު އިތުރު ސުވާލުތަކެއް އުފެދިއްޖެ އެވެ. ބޯޓުގައި ތިބި 57 މީހަކަށް ބަލި ޖެހިފައިވާއިރު މި އެންމެންނަކީ ވެސް 35 ދުވަހު ކަނޑުމަތީގައި އެއްވެސް އެހެން ބަޔަކާ ބައްދަލުނުވެ އުޅެފައިވާ ބައެކެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން އެންމެން ވަނީ ޓެސްޓްކޮށް ހުރިހާ އެންމެން ވެސް ނެގެޓީވް ކަމަށް ދައްކާފައި ވެއެވެ.

އެޗިޒެން މާރޫ ކިޔާ މި މަސްބޯޓު 35 ދުވަސް ފަހުން އެނބުރި ބަނދަރަށް އައީ އެ ބޯޓުގައި ތިބި ގިނަ ބަޔެއްގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަން ފެށުމާ ގުޅިގެން ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބޯޓުގައި ތިބި 61 މީހުންގެ ތެރެއިން 57 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. ނަމަވެސް މި އެންމެންނަކީ ދަތުރެއް ފެށުމުގެ 14 ދުވަސް ކުރިއްސުރެ ހޮޓަލެއްގައި ކަރަންޓީނު ވެގެން ތިބުމަށްފަހު ޓެސްޓް ހަދާ ނެގެޓިވް ނަތީޖާ ލިބިގެން ބޯޓަށް އެރި ބައެކެވެ.

ބޯޓުގައި ތިބި މީހުންގެ ތެރެއިން 57 މީހުން ޕޮޒިޓިވް ވެފައިވާއިރު ދެ މީހެއްގެ ނަތީޖާ ދެއްކީ ނެގެޓިވް ކަމަށެވެ. އަނެއް ދެ މީހުންގެ ނަތީޖާ އަދި ނުލިބެ އެވެ. ޕޮޒިޓިވްވީ މީހުންގެ ތެރެއިން ދެ މީހަކު ހާލުބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވެއެވެ. އޮފިޝަލުން ބުނާ ގޮތުގައި މި މީހުންނަށް ބަލި ޖެހުނު ގޮތެއް ވިސްނާލަން ވެސް ނޭނގެ އެވެ. ސަބަބަކީ އެ އެންމެން ކަނޑުމަތީގައި އުޅުނު ދުވަސްތަކުގައި އެއްގޮތަކަށް ވެސް ހިކިފަސް ތަނަކާ ކައިރި ކޮށްފައި ނުވާތީ އެވެ.

އާޖެންޓީނާގެ އެންމެ ބޮޑު އެއް ހޮސްޕިޓަލުގެ އިންފެކްޝަސް ޑިޒީޒަސް ޑިޕާޓްމަންޓުގެ އިސް ވެރިޔާ ޑރ. ލިއެންޑްރޯ ބަލިޓޯރޭ ވިދާޅުވީ މި މީހުންނަށް ދިމާވެފައިވާ ގޮތް ދިމާވެދާނެ ކަމަށް މިހާތަނަށް މި ބައްޔާ ގޮތުން ހޯދާފައިވާ އެއްވެސް ހޯދުމަކުން ފެންނާކަށް ނެތެވެ. އަދި ކަރަންޓީނު ކޮށްގެން މިހާރު މީހުން ގެންގުޅޭ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްތޯ ވެސް މިހާރު ސުވާލު އުފެދެ އެވެ.
"މި މީހުންގެ ގައިން ބަލީގެ އަލާމާތްތައް ފެންނަން ޖެހުނު ހަގީގީ ސަބަބު އަހަރެމެންނަށް އެއްގޮތަކަށް ވެސް ބުނާކަށް ނޭނގޭ،" ޑޮކްޓަރު ވިދާޅުވި އެވެ.