ހަބަރު

މަސައްކަތްތެރިން އެނބުރި ރާއްޖެ އަންނަން އިތުރު ހުއްދަ ބޭނުމެއް ނުވާނެ

އެމްޕްލޮއިމަންޓް އެޕްރޫވަލްގެ ދަށުން، ރާއްޖޭގައި މަސައްކަތް ކޮށްފައި ގައުމަށް ގޮސްތިބި، ބިދޭސީން އަލުން ރާއްޖެ އެތެރެ ވާން އިތުރު ހުއްދައެއް ނަގަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައިވާ މުއްތަދުގައި ކޮން މެހެން ރާއްޖެ އަންނަން ޖެހޭ ފަރާތްތަށް ރާއްޖެ އައުމުގެ ކުރިން ހާއްސަ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖެހިފައިވާ އުސޫލު މިއަދުން ފެށިގެން ބާތިލް ކޮށްފައިވާ ކަމަށެވެ.

މި ހުއްދަ ބާތިލް ކުރުމާއެކު، ރާއްޖޭގައި މަސައްކަތް ކުރަން ވޯކް ވިސާ އޮތް މީހުން ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ގައުމަށް ގޮސްފައި އަންނަމަ އިތުރު ހުއްދައެއް ބޭނުމެއް ނުވާނެ އެވެ. ނަމަވެސް، ކޮންމެހެން ރާއްޖެ އަންނަ ބިދޭސީ ރާއްޖެ އައުމުގެ 48 ގަޑި އިރު ކުރިން އިކޮނޮމިކް މިނިސްޓްރީ އަށް ފޯމްއަކުން އަންގަން ޖެހެ އެވެ. މި ހާއްސަ ހުއްދަ އަކީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މުއްދަތުގައި ކޮންމެހެން ގެންނަން ޖެހޭ ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ގެ އިތުރަށް ހޯދަން ޖެހޭ ހުއްދައެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މާޗް މަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިގްތިސޯދީ މަސައްކަތް ހުއްޓުމާއެކު، ރާއްޖޭގައި މަސައްކަތް ކުރާ އެތަށް ބަޔަކު ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ. މީގެތެރޭގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ހިމެނެ އެވެ. ނަމަވެސް މިއަދު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމުން މީގެ ތެރެއިން ގިނަ ބަޔަކު ރާއްޖެ އަންނާނެ ކަމަށް ބެލެވެ އެވެ.