ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބަލި ހާލަތު ހުރި ގޮތުން، އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ގޮވާލައްވައިފި އެވެ.
އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމާއެކު، އަލުން ސިޔާސީ މަސައްކަތަށް ނުކުންނެވި ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔާމީން ގެއަށް ބަދަލު ކުރުމަކީ ދައުލަތުން ކޮށްދޭން ޖެހިފައި އޮތް ކަމެއް ކަމަށެވެ.
ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ވަރަށް ގޯސް ކަމަށާއި އެމަނިކުފާނަށް މި ސަރުކާރުން ދެމުންދާ އަނިޔާތަކަކީ ގަސްތުގައި ދެމުންދާ އަނިޔާތަކެއް ކަމަށް ތަކުރާރުކޮށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ވަނީ ތުހުމަތު ކޮށްފަ އެވެ.
ހިތުގެ ބައްޔާއި އެހެން ވެސް ސިއްހީ ކަންކަމަށް ފަރުވާ ދޭން، މިދިއަ އަހަރު ނޮވެމްބަރު މަހު ޖަލަށް ލުމަށްފަހު އެކި ފަހަރުމަތިން ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސްފައިވެ އެވެ.
ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިއްޔެ މިނިވަންވުމާ ގުޅިގެން، ރައީސް ޔާމީންވެސް ޖަލުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭ އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ހައްގު ނޫން ހުކުމެއް ކަން އެނގޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއްވެސް އިދިކޮޅުން ވެއްދި އެވެ.
ނަމަވެސް، އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް އެކައުންޓުން އެމަނިކުފާނު އެކައުންޓަށް އެއް މިލިއަން ޑޮލަރު ލޯންޑަކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގަ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސާލަގައި އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ދައުވާއެއް ވެސް ދާދި ފަހުން އުފުލި އެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. އެއީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.