ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ޗާޓަރު ފްލައިޓްތަކެއް ފަށަން މަސައްކަތް ކުރަނީ

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު، ރާއްޖެއަށް ޗާޓަރު ފްލައިޓްތަކެއް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.

ރާއްޖޭގެ ބޯޑަރު ތިން މަހަށްވުރެ ގިނަ ދުވަހު ބަންދު ކޮށްފައި ބޭއްވުމަށް ފަހު، އަލުން ހުޅުވާލުމާ ގުޅިގެން، ވީއައިއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތޮއްޔިބު ވިދާޅުވީ ދުރުން ގެސްޓުން ގެންނައިރު ޗާޓަރު ފްލައިޓްތަކަކީ ރަނގަޅު ވިސްނުމެއް ކަމަށާ، އެކަމަށް މަސައްކަތް ތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެކަމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ވާހަކަ ދެކެވެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޝެޑިއުލް ފްލައިޓްސް ނޫނީ، ލޯންގްހޯލް ފްލައިޓް ތަކަށް ވުރެ ބޮޑަށް ކައިރިން އަންނަ ފްލައިޓް ތަކަށް މީހުން އިސްކަން ދެނީ. ނަމަވެސް ދުރުން މީހުން ގެންނައިރު ޗާޓަރު ފްލައިޓް ތަކަކީ ވިސްނުން ރަނގަޅު ގޮތެއް ކަމަށް ގަބޫލު ކުރެވެނީ. އެކަމަށް ވަރަށް ގިނަ ފަރާތްތަ ކުން ވާހަކަ ދެކެވެމުން އެބަ ދޭ. ކުއްލިއަކަށް ހުރެފައެއް ނުވާނެ އެއީ ފްލައިޓްތަކުގައި ވަރަށް ގިނަ ކަންތައްތަކެއް ނިންމަން ޖެހޭ،" ދިވެހި މީޑިއާއާ މާ ބޮޑު ގުޅުމެއް ނޯންނަ ތޮއްޔިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސެޕްޓެމްބަރު މަހު ހިސާބު ޗާޓަރުގެ ކަންތައް ފެށިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ޗާޓަރު ފަށަން ވާހަކަ ދެކެވެމުންދަނީ ރީޖަނަލް ހިސާބުތަކުންނާއި ރާއްޖެއާ ދުރު ހިސާބު ތަކުން ފަށަން،" ތޮއްޔިބު ވިދާޅުވި އެވެ.

ރާއްޖޭގެ ޓެގްލައިނަށް ބަދަލެއް

ތޮއްޔިބު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު ޓޫރިޒަމް އިސްތިހާރު ކުރާ ޓެގްލައިން "ރީޑިސްކަވާ - މޯލްޑިވްސް: ސަނީ ސައިޑް އޮފް ލައިފް" އަށް ބަދަލު ކޮށްފައިވާ ކަމަށެވެ. ޓެގްލަައިނަށް ބަދަލު ގެނައިގެން ހާމަ ކުރި އިރު ބޯޑަރު ހުޅުވީ ވެސް މިއަދު އެވެ.

"މިއަދު މަސައްކަތް ފަށަނީ އެއް ނޫން. ބޯޑަރު ބަންދު ކުރީއްސުރެން އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. މި ދުވަސްކޮޅު މަސައްކަތް ދެ ގުނަ އިތުރު ކުރީ. މުޅިން ވެސް ޑިޖިޓަލްކޮށް މިދަނީ ފެއާއެއް ވިއަސް. މުހިންމު މާކެޓްތަކަށް ވިއަސް،" ތޮއްޔިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އެންމެ ބޮޑަށް އިސްކަމެއް ދެނީ ރާއްޖެ އުފެދިފައިވާ ގޮތް އިޝްތިހާރު ކުރަން ކަމަށާ، އެކަމަށް މަސައްކަތް ތަކެއް ކުރާކަމަށެވެ.

"އަޅުގަނޑުމެން އެންމެ އިސްކަމެއް ދެނީ ރިސޯޓުތަކާ ކަންތައް މިހުރި ގޮތް ކިޔައިދޭން. ސޯޝަލް ޑިސްޓެންސިން ބޭއްވޭ ގޮތަށް ކަމަށް ދުނިޔެ އަށް ބުނެދެވޭ ތޯ މި ބަލަނީ. މާލޭގައި އިންފެކްޝަންސް އޮތަސް. ރިސޯޓުތަކުގައި މި އަޅާ ފިޔަވަޅުން އަސްލު އަރާ ފޭބުމުގައި އެބަހުރި ހަމަ ރެސްޓްރިކްޝަންސް ތަކެއް،" ތޮއްޔިބު ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރު ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު އަލުން ހުޅުވުމާއެކު މިއަދު ރާއްޖެއަށް އައިސްފައި ވަނީ 128 މީހުންނެވެ. އޭގެ ތެރޭގައި 104 ޓޫރިސްޓުން ވެސް ހިމެނެ އެވެ. މި މީހުން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ރަޝިއާ އާއި އިނގިރޭސިވިލާތް އަދި އެމެރިކާ ހިމެނެ އެވެ.

ބޯޑަރު ހުޅުވުމާއެކު މިމަހު 10،595 ޓޫރިސްޓުން އަންނާނެ ކަމަށް ގައުމީ ޔުނިވާސިޓީ އިން ހެދި ދިރާސާއަކުން ވަނީ ދައްކާފަ އެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި މި އަހަރު ބާކީ އޮތް މަސްތަކުގައި ޖުމްލަ އަންނާނެ ކަމަށް ބެލެވެނީ 450،134 މީހުންނެވެ.