ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރު ކުރެއްވި "ފިނިފެންމާ" ލޯންޗުގައި ގޮވުމެއް ގޮވި ހާދިސާ ތަހުގީގުކޮށް ދިވެހިންގެ ތެރެއިން ބަޔަކު އޭގައި ކުށްވެރިވާ ބަޔަކު ވެސް ކަނޑައަޅައި އާހިރުގައި ދެން ވާނޭ ގޮތަކާބެހޭ ގޮތުން ވާހަކަ ދައްކަން ފަށައިފި އެވެ. މި ގޮވުމެއްގެ ތަހުގީގު ވަކި ކޮޅަކަށް ނިންމުމުގެ ފަހަތުގައި ވަކި ފިކުރުތަކަކަށް ތަބާވާ މީޑިއާތަކުން ކުޅެމުން އަންނަ ރޯލު ވެސް ފާހަގަކޮށްލެވެ އެވެ.
ނަމަވެސް ހަގީގަތަކީ "ފިނިފެންމާ" ގެ ގޮވުމާ ބެހޭ ގޮތުން މިހާތަނަށް އާންމުންނާއި އެ ވާހަކައަކަށް ފޮނިތޮށިކާފޫރުތޮޅި އަޅަމުން ގެންދާ ބައެއް މީޑިއާތަކުން ވެސް ދައްކަމުން ދަނީ ހިޔާލީފޮލާތަކެއް ފަދަ ވާހަކަތަކެއް ކަމެވެ.
ލޯންޗުގައި ގޮވި ގޮވުމަކީ ރައީސް އަވަހާރަކޮށްލުމަށް ނުވަތަ ރައީސަށް އަމާޒުކުރެވިގެން ދިން ހަމަލާއެއް ކަމަށް ބުނަން އަވަސް ކަމަށް މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވެސް އެ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ސަރުކާރުން އެހެން ބުނަމުންދާއިރު ވަކި ދިމާއަކަށް މި ގޮވުން ގެންދެވިދާނެ ހެއްޔެވެ؟
އަނެއްކޮޅުން އެންމެފަހުން އެ ބޭފުޅާ ވިދާޅުވެފައި އެ ވަނީ ގޮވުން ތަހުގީގުކުރެވެމުންދާއިރު އެ ގޮވުމަކީ ހަމަލާއެއް ނުވަތަ ބަޔަކު ރާވައިގެން ދިން ހަމަލާއެއް ކަމަށް ބަލައިގެން ވެސް މި ތަހުގީގެއް ކުރިއަށް ނުދާ ކަމަށެވެ.
ބޮޑަށް ލަފާކުރެވެނީ ލޯންޗުގައި ދިމާވި މެކޭނިކަލް މައްސަލައަކާ ގުޅިގެން ހިނގި އެކްސިޑެންޓެއް ކަމަށެވެ. މިހާތަނަށް މި ގޮވުމަކާ ބެހޭ ގޮތުން ރަސްމީ ފަރާތްތަކުން ދައްކަވާފައިވާ ވާހަކަތަކުން ލިބެން ހުރި މައުލޫމާތުތަކަކީ މިއީ އެވެ.
މި ވާހަކަތަކަށް ފަހު ދެން މި ގޮވުމަކާ ބެހޭ ގޮތުން އިވެމުން ދަނީ ނުވަތަ ބަޔަކު މީހުން ފަތުރަމުން ދަނީ ބަޔަކު މީހުން ގަސްދުގައި ވަކި މަގުސަދެއް ހާސިލުކުރުމަށް އުފަންކުރުވަމުން ގެންދާ ވާހަކަތަކެއް ކަމަކަށް ނޫނީ ނުބެލެވެ އެވެ.
މިއީ ވެސް ބައެއް މީހުން ދައްކާ ވާހަކަ އެކެވެ. އެކަމަކު އުފެދޭ ސުވާލަކީ "ފިނިފެންމާ" ލޯންޗުގެ އިންޖީނު ގޮވައިގެން ނުވަތަ އޭގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ވަރުގެ ގޮވުމެއް އުފެދިދާނެތޯ އެވެ.
ލޯންޗުގެ އިންޖީނަށް މައްސަލައެއް ދިމާވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދަނީ އިހަކަށް ދުވަހު ލޯންޗެއް ގޮވައިގެން ދިޔަ މައިގަނޑު ސަބަބު ވެސް އޭގެ އިންޖީނާ ގުޅިފައިވުމެވެ. ޓޫރިސްޓުންތަކެއް ގޮވައިގެން ހުޅުލެއަށް ދަތުރުކުރަމުން ދިޔަ "ސްވެނިއާ 18" ގެ އިންޖީނު ގޮވައި އޭގައި ރޯވެ އަނދައި އަޅިއަށްވީ އެވެ.
ނަމަވެސް އެއީ އައުޓު ބޯޑް އިންޖީނެކެވެ. "ފިނިފެންމާ" ގައި ހުރީ އޭގެ އިންޖީނެއް ނޫނެވެ. އަނެއްކޮޅުން ރައީސްގެ ލޯންޗުގައި އެއީ ޑީސަލް އިންޖީނެކެވެ.
އެހެންވީމަ ޕެޓްރޯލް އިންޖީނަކަށް މައްސަލައެއް ދިމާވެގެން ގޮވާފާނެ ފަދަ ގޮތަކަށް ރައީސްގެ ލޯންޗުގެ އިންޖީނު ގޮވާފާނެ ހެއްޔެވެ؟ މި ދާއިރާގެ ތަޖުރިބާކާރުން ބުނަނީ އެގޮތަށް ޑީސަލް އިންޖީނެއް ނުގޮވާނެ ކަމަށެވެ. އެހެން ނަމަވެސް އިންޖީނަށް މައްސަލައެއް ދިމާވެ ގޮވުމެއް އުފެދުމުގެ ފުރުސަތު ހަމަ އޮވެދާނެ ކަމަށެވެ.
"ޕެޓްރޯލް އިންޖީނެއް ނަމަ އެފަދަ ގޮތަކަށް ބަންދުވެފައި ހުންނަ އިންޖީނެއް ސްޕާކެއްގެ ސަބަބުން ވެސް ބޮމެއް ގޮވާހެން ގޮވާފާނެ. ޑީސަލް އިންޖީނަކަށް މި ނުރައްކާ ކުޑަވާނެ. އެކަމަކު އޭގެ ބެޓެރީ އަށް މައްސަލަތަކެއް ދިމާވެ ބެޓެރީ ގޮވުމުގެ ފުރުސަތު ވެސް އެބައޮތް،" އިންޖިނިއަރިންގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރަކު ނަން ނުޖެހުމަށް އެދި ވާހަކަ ދައްކަމުން ބުނީ މިހެންނެވެ.
އޭނާ ބުނީ "ފިނިފެންމާ" ފަދަ ލަގްޒަރީ ލޯންޗެއްގައި އޭސީ އާއި އެހެނިހެން އެފަދަ ބޭނުންތަކަށް ކަރަންޓު އުފެއްދުމަށް އިތުރު ބެޓެރިތަކެއް ވެސް ހުރެދާނެ ކަމަށާއި އޭގެ ތެރެއިން ބެޓެރިއެއް ގޮވިޔަސް ވަރުގަދަ ގޮވުމެއްގެ އަސަރު ފެނިދާނެ ކަމަށެވެ.
"ބެޓެރި އަކީ ފުދޭވަރަކަށް ބާރަށް ގޮވާ އެއްޗެއް. ވަރަށް އަޑުވެސް ގަދަވާނެ އެ ގޮވުމުގެ،" އިންޖިނިއަރު ކިޔައިދިނެވެ.
"ބަލަންވާ ވަރަށް ނުބަލާ ނަމަ ސްޕާކް ކެނޑި ބެޓެރީތަކުގައި މައްސަލަތަކެއް ޖެހިފައިވަނިކޮށް ގޮވާފާނެ."
އޭނާ ބުނީ އިންޖީނު ގޮވި ކަމަށް ނުވަތަ މައްސަލައެއް ދިމާވެގެން ގޮވުމެއް އުފެދުނު ކަމަށް ލަފާކުރަން އުނދަގުލީ އަލިފާނުގެ އެއްވެސް އަސަރެއް ބޭރަށް ފެނިފައި ނެތީމަ ކަމަށެވެ.
"ދެން އަޅުގަނޑުމެންނަކަށް ނުފެނޭ އޭގެ އެތެރެ ހުރި ގޮތެއް ދެއްތޯ."
ލޯންޗުގައި ގޮވި ގޮވުމަކީ އޭގެ އޭސީ އަށް ދިމާވި މައްސަލައަކާ ގުޅިގެން އުފެދުނު ގޮވުންގަނޑެއް ކަމަށް ވެސް ވާހަކަ ދެކެވުނެވެ. ތަޖުރިބާކާރުންގެ ވާހަކަތަކަށް ބަލާއިރު ލޯންޗުން ފެނިގެން ދިޔަ ގޮވުން އެންމެ ވައްތަރަކީ އެވަރުގެ ގޮވުމަކާ އެވެ.
"އާންމުކޮށް އޭސީގެ ހޮޅިއަކުން ގޭސް ލީކުވެގެން ހީއެއް ނުވޭ މާ ބާރުގަދަ ގޮވުމެއް ގޮވާފާނެހެން،" ވާހަކަ ދެއްކި އެހެން އިންޖިނިއަރަކު ބުންޏެވެ.
"އެ ދުވަހު ފެނުނު މަންޒަރަށް ބަލާފަ ވެސް ހީއެއް ނުވޭ އެއީ މާ ނުރައްކާތެރި ގޮވުމެއްހެން ވެސް. ސެކިއުރިޓީންނަށް ވެސް އެކަން ގަބޫލުކުރެވޭތީކަން ނޭނގޭ އެހާ މަޑުމަޑުން ލަސްލަހުން އުޅުނީ. ބާރުގަދަ ގޮވުމެއް ނަމަ އުޅޭނީ އެމީހަކާ އެމީހަކު ނޫންތޯ؟"
އެހެންވީމަ އެންމެ ފުރަތަމަ ވެސް ވާހަކަ ދެކެވުނު ގޮތަކަށް ލޯންޗުގެ އޭސީގައި މައްސަލައެއް ޖެހުނީ ކަމަށް ވެދާނެ ހެއްޔެވެ؟ އެއެއް ވެސް ނިންމަން އަދި މާ އަވަހަށެވެ. ނުވަތަ ބަޔަކު މީހުން ރާވައިގެން ދިން ހަމަލާއެއް ކަމަށް ވެސް ނިންމަން މާ އަވަހެވެ.
ރައީސް އަވަހާރަކޮށްލަން ސިޔާސީ ވާދަވެރިޔަކު ދިން ހަމަލާއެއް ކަމަށް ވެސް ނިންމޭކަށް ނެތެވެ. ސަބަބަކީ ހަމަލާއެއްގެ ތަހުގީގު އަދިވެސް ނުނިމޭތީ އެވެ. އަނެއްކޮޅުން ރަސްމީ ފަރާތްތަކުން ތަކުރާރުކޮށް ވިދާޅުވަމުން އެ ގެންދަވަނީ މިއީ ރާވައިގެން ދިން ހަމަލާއެއް ގޮތުގައި ބަލައިގެް ތަހުގީގު ކުރިޔަށް ނުގެންދާކަމަށެވެ.
ރައީސަށް ސަލާމަތާއި ރައްކާތެރިކަން އަރުވަން ތިބޭ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ މެމްބަރުން ތަމްރީނުކުރެއްވުމުގައި ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ހޭދަކުރައްވާފައިވާ ސިފައިންގެ ކުރީގެ އިސް އޮފިސަރަކު "އަވަސް" އަށް މައުލޫމާތު ދެއްވަމުން ކުރިން ވިދާޅުވެފައި ވަނީ އެސްޕީޖީ ނުވަތަ ސިފައިންގެ ސަފުތައް ފޫއަޅުވާލާފައި ރައީސަށް އެފަދަ ހަމަލާއެއް ދިނުމަކީ ނުވަތަ ދޭން ރޭވުމަކީ ރާއްޖޭގައި ނުކުރެވޭނެ ކަމެއް ކަމަށެވެ.
"އެސްޕީޖީ އާއި ސިފައިންގެ ސަފުތައް ފޫއަޅުވާލާފައި އެ ލޯންޗަށް ގޮވާ އެއްޗެއް އެހެން ބަޔަކަށް ލެވިއްޖެއްޔާ އެއީ ދެން ވަރަށް ބޮޑު މައްސަލައެއް އުޅެނީ. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެސްޕީޖީ އާއި ސިފައިންގެ ސަފުތައް ބޭރުން އަންނަ ބަޔަކަށް ފޫއަޅުވާލެވިދާނެ ކަމަކަށް ވެސް،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ. އެހެން ކަމުން މިހާރު ހިނގަމުންދާ ތަހުގީގުގެ ފައިންޑިންސްތަކެއް ހާމަ ނުވަނީސް ވަކި ދިމާއަކަށް ފިފެންމަލުގެ ގޮވުން ގެންދަން އުޅުން އަދި އަވަހެވެ.