ކޮވިޑް-19 އިގެ ބަލާއާފާތް

މާސްކް ނާޅާ މީހުން ލައްވާ ފޮޅުވަތް ލިޔުއްވަނީ

ކޮރޯނާވައިރަހުގެ ބިރު ބޮޑުވެފައިވާ އިންޑިޔާގެ ބައެއް ސަރަހައްދުތަކުގައި މާސްކް ނާޅާ ބޭރަށް ނުކުތުން ވަނީ މަނާ ކޮށްފަ އެވެ. ނަމަވެސް މިގޮތަށް އަމަލު ނުކުރާ މީހުން ވެސް އުޅެ އެވެ. އަދި އެފަދަ މީހުން ހުއްޓުވައި ތަފާތު އަދަބުތައް އެ ސަރަހައްދުތަކުގެ ބައެއް ފުލުހުން އެމީހުންނަށް ދެމުން ދެއެވެ.

އެގޮތުން އުއްތަރުޕްރަދޭޝްގެ ފީރޯޒްއާބާދު ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން މިފަދަ މީހުންނާ ދޭތެރޭ އަމަލު ކުރަމުން ދަނީ ކުޑައިރު ސްކޫލަށް ދާއިރު ބައެއް ޓީޗަރުން ދަރިވަރުން ކުރާ ކުށްތަކަށް އަބަދު ދިނުމުގެ ގޮތުން ކުރުވާ އުޅުނު ކަމެކެވެ. ބައެއް ކުދިން ބަސް ނާހާ އުޅުނީމަ ބައެއް ޓީޗަރުން އެ ކުދިން ލައްވާ 100 ފަހަރު ނުވަތަ 200 ފަހަރު އެ ކުދިން އެ ކުރި ކުށަކާ ގުޅޭ ކަމެއް ހިމެނޭ ގޮތަށް ފޮޅުވަތް ލިޔުއްވަން ޖައްސަ އެވެ. މި ސަރަހައްދުގެ ފުލުހުން ވެސް ކުރަނީ މިފަދަ ކަމެކެވެ.

މާސްކް ނާޅާ އުޅެނިކޮށް ފެންނަ ކޮންމެ މީހަކު ހިފަހައްޓައި އެމީހަކު ލައްވާ (މާސްކް ލަގާނާ ހޭ) "މާސްކް އަޅަން ޖެހެއޭ" 500 ފަހަރު ލިޔުއްވުމެވެ.

އެ ހިސާބުގަނޑުގެ ފުލުހުންނާއި އެޑްމިނިސްޓްރޭޓިވް އޮތޯރިޓީން މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ފަށާފައިވާ މި ކަމަކަށް ކިޔަނީ "މާސްކް ކީ ކްލާސް" އެވެ. މި ކުލާހުގައި ފުލުހުންގެ އޮފިޝަލަކާއި ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލެއް އަދި ޑޮކްޓަރެއް ވެސް ހުރެ އެވެ. މާސްކް ނާޅާ އުޅޭ މީހުން މި ކުލާހަށް ގެންގޮސް މާސްކް އެޅުމުގެ މުހިއްމުކަން ކިޔަވައި ދެނީ އެވެ.

ސީނިއާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސަޗިންދުރަ ޕަޓޭލް އާދިއްތަ ދުވަހު ވިދާޅުވެފައިވާ ގޮތުގައި މި ކުލާހުގައި ފިލާވަޅު ނަގައިދީ ކިޔަވައި ދޭނީ މާސްކް ނާޅާ އުޅޭ މީހުންނަށެވެ. މި މީހުންނަށް އެހެން އަދަބެއް ފުލުހުންނެއް ނުދޭނެ އެވެ. ނަމަވެސް "މާސްކް ކުލާހުގައި" 3 ނޫނީ 4 ގަޑިއިރު މަދުވެގެން ތިބެން ޖެހޭނެ އެވެ.

މާސްކް ނާޅާ އުޅޭތީ ގެންނަ މީހުންނަށް މި ކުލާހުގައި ފުރަތަމަ ދައްކާނީ ވީޑިއޯ ކްލިޕެކެވެ. މި ވީޑިއޯގައި މާސްކް އެޅުމުގެ މުހިއްމުކަން ކިޔައިދޭނެ އެވެ. ދެން އެމީހުންނަށް ޖެހޭނީ "މާސްކް އަޅަން ޖެހެއޭ" 500 ފަހަރު ލިޔާށެވެ. އެމީހުންނަށް ސަލާމަތް ވެގެން އެ ތަނުން ދެވޭނީ އެގޮތަށް އެ ލިޔެފަ އެވެ.