ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބު: އިތުރު ފަސް ކެންޑިޑޭޓަކު ނަން ނަގައިފި

Jul 15, 2020

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ފަސް ކެންޑިޑޭޓަކު ނަން ނަގައިފި އެވެ.

މީގެ ކުރިން 13 ކެންޑިޑޭޓަކު ވަނީ ނަން ނަގާފަ އެވެ. އޭގެ ތެރޭގައި ގިނައީ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ދެން ހިމެނެނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި ކެންޑިޑޭޓުންނެވެ.

މީގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ވަނީ މަރުވެސް. ވެފައެވެ. އެއީވެސް އެމްޑީޕީގެ ޓިކެޓް ލިބުނު ކެންޑިޑޭޓެވެ. މެއި މަހުގެ ކުރީކޮޅު މަރުވެފައިވަނީ ހދ. ހަނިމާދޫ ކައުންސިލް ގޮނޑިއަށް ވާދަ ކުރަން އެމްޑީޕީގެ ޓިކެޓް ލިބުނު ހުސްނުބާން އަބްދުއްރަހުމާނެވެ.

މިއަދު ނަން ގެންދިޔަ ފަސް ކެންޑިޑޭޓުންގެ ތެރޭގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓަކު ހިމެނެ އެވެ. ދެން ހިމެނެނީ އަމިއްލަ ގޮތުން ވާދަކުރަން ފޯމް ހުށައެެޅި ހަތަރު ކެންޑިޑޭޓުންނެވެ.

މިއަދު ނަން ގެންގޮސްފައިވަނީ ހއ. ތަކަންދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ނިންމި އަރޫޝާ އިބްރާހީމްގެ އިތުރުން ގއ. ނިލަންދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮޑިއަށް އަމިއްލަ ގޮތުން ވާދަކުރަން ފޯމް ހުށައެޅި މަރްޔަމް ޒަހީނާއާ ކ. ތުލުސްދޫ ކައުންސިލްގެ މެންބަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރަން ފޯމް ހުށައެޅި އަހްމަދު ޟުޙާ މުހައްމަދާއި އދ. ދަނގެތީ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ވާދަކުރަން ފޯމް ހުށައެޅި ހުސްނީ އިބްރާހީމް އަދި މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ފޯމް ހުށައެޅި މުހައްމަދު ޝުއާއު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ.

ކައުންސިލް އިންތިހާބު މިއަހަރު ބޭއްވުމަށް ކުރިން ނިންމި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެ އިންތިހާބު ވަނީ އަންނަ އަހަރަށް ފަސް ކޮށްފައެވެ. ކައުންސިލް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އަދި އިއުލާނުކޮށްފައިނުވިނަމަވެސް އަންނަ އަހަރުގެ ރޯދައިގެ ކުރިން އިންތިހާބު ބާއްވާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.