މިހާރަކަށް އައިސް ދުނިޔޭގެ ބޮޑެތި ބްރޭންޑްތަކުން އެ ބްރޭންޑްތައް ޕްރަމޯޓްކުރުމުގައި ތަފާތު އެތަށް ޒަމާނީ އުކުޅުތައް އަންނަނީ ބޭނުން ކުރަމުންނެވެ. އެއް ބްރޭންޑް އަނެއް ބްރޭންޑާ ތަފާތު ކުރުމަށެވެ. ކަސްޓަމަރުންގެ ސަމާލުކަން ހޯދުމަށެވެ. ޕްރޮޑަކްޓްތަކުގެ ކޮލިޓީ ރަނގަޅު ކޮށް ރީތި ޑިޒައިންތަކަށް ތަކެތި އުފައްދާ އެތަކެއްޗަށް ކަސްޓަމަރުންގެ ހިތް ލެންބުމަށެވެ. ވިޔަފާރީގެ ފައިދާ އިތުރު ކުރުމަށާއި ކުރިއަރުވާ ދެމެހެއްޓުމަށެވެ.
މިގޮތުން އެއްބަޔަކު ރީތި މޮޅު ޑިޒައިންތަކަށް ފަރުމާ ކުރެވިފައިވާ ތަންތަނާއި ތަކެތި އުފައްދާ، މީހުންގެ ސާމާލުކަން ހޯދާއިރު، އަނެއް ބަޔަކު ވިއްކަނީ "ހޯޕް" ނުވަތަ އުންމީދެވެ. އަނެއް ބަޔަކު ގަސްތުގައި ހަޑިކޮށް ފަރުމާކޮށް ތަންތަނާއި ތަކެތި އުފައްދާ ގިނަ ބައެއްގެ ސަމާލުކަން ހޯދަ އެވެ. އެއްބަޔަކު އުފެދުމުގައި ހަޑިކޮށް ހުންނަ ތަންތަން ބަދަލުކޮށް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންހި ފާ އެތަންތަނުގެ ބޭނުން ތަފާތު އެތައް ގޮތަކަށް ހިފޭނެ ގޮތަށް ބަދަލުގެނެސް، އުފެދުމުގައި ރީތިކަ މަކާއި ފުރިހަމަކަން ލިބިފައިވާ ތަންތަނާއި ވާދަކޮށް ކުރިއެރުންތަކެއް އަންނަނީ ހޯދަމުންނެވެ.
މި ފަދަ ހުރިހާ ފަރާތަކުން ވެސް ކަސްޓަމަރުންގެ ރުހުމާއި އިތުބާރު ހޯދާ ދެމެހެއްޓުމަށް ވާދަ ކުރަމުން އަންނައިރު، އެ ވިޔަފާރިއެއްގެ އުފެއްދުން ބޭނުން ކުރާވަރު ގިނަ ކުރުމަށް ވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކަސްޓަމަރުން ބޭނުންކުރާ ނުވަތަ ކަސްޓަމަރުންނަށް ބޭނުން ޖެހިދާނެ ގިނަ ތަކެތި އެއްތަނަކަށް ޖަމާކޮށް ފަސޭހައިން ލިބެން ހުންނާނެ ގޮތްގޮތަށް އަންނަނީ ރާވަމުންނެވެ. ވިޔަފާރީގެ ފައިދާ ރަނގަޅު ކުރުމަށާއި ވާދަވެރިންގެ ނަފާ މަދު ކުރުމަށެވެ. ތަފާތު ގިނަ މާކެޓް ސެގްމެންޓްތަކުގެ ސަމާލުކަން ހޯދާ އެވިޔަފާރިއެއްގެ މާކެޓް ޝެއާ އިތުރު ކުރުމަށެވެ.
މި ފަދަ ތަފާތު އެތަށް އުކުޅުތަކެއް ބޭނުންކުރާ އެތައް ބްރޭންޑެއް ދުނިޔޭގައި އެބައުޅެ އެވެ. މަޝްހޫރު އެއް މިސާލަކީ، ކުރީގެ އެއްމެ މަޝްހޫރު އެއް ބްރޭންޑް ކަމައްވާ "ނޮކިޔާ" އެވެ. ރަނގަޅު ހާލަތުގައި ގެންނަން ޖެހުނު ރަނގަޅު ބަދަލު ނުގެނެވުމުން ބޮޑެތި ބްރޭންޑްތަކުގެ ލިސްޓުން ގެއްލިގެން ދިޔައީ އެވެ. އެހެންކަމުން މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ ތަފާތު ސްޓްރެޓަޖީއާއި، އެ ސްޓްރެޓަޖީތަކަށް ޢަމަލީ ސިފަ ގެނައުމަށް ބޭނުން ކުރަމުން އަންނަ އުކުޅުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް، ނޮކިޔާއަށް ދިމާވިފަދަ ގޮތެއް ދިމާ ނުވާނެބާ ވައެވެ؟
ތަފާތު އެހެން މިސާލެކެވެ. "ކްރޮކްސް" ބްރޭންޑުން އުފައްދާ ފައިވާނެވެ. މި ބްރޭންޑްގެ ފައިވާންތައް ޑިޒައިން ކުރަނީ ގަސްތުގައި "ހަޑި" ކޮށެވެ. އެކަމަކު ގިނައިން ބޭނުން ކުރަނީ ތަފާތު ގަދަ ކުލަތަކެވެ. ދެހާސް ދެވަނަ ވަނަ އަހަރު މި ބްރޭންޑަށް ޖުމްލަ ވިއްކާލެވުނީ އެންމެ 200 ޖޯޑު ފައިވާނެވެ. އެކަމަކު އޭގެ 15 އަހަރު ފަހުން 2017 ވަނަ އަހަރު ކްރޮކްސް ބްރޭންޑްގެ 300 މިލިޔަނަށްވުރެ ގިނަ އޮރިޖިނަލް ފައިވާން ޖޯޑު ވިއްކާ އެތައް ބިލިޔަން ޑޮލަރު ހޯދައިގެން، ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ކަމައްވާ "ނައިކީ" އާއި "އެޑިޑާސް" އައްވުރެ ކުރި ހޯދާ، މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދާފައި ވެއެވެ. މިއީ ވިސްނާ ފިކުރުކުރާ ބަޔަކަށް އިބްރަތް ޙާޞިލް ކުރެވި ދާނެ ހާދިސާ އެކެވެ.
އެހެން މިސާލެކެވެ. މިސުރަކީ ޒަމާނުއްސުރެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެ ގައުމަށް 2010 ވަނަ އަހަރު 15.7 މިލިޔަނަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި އެވެ. އެކަމަކު 2017 ވަނައަހަރު ޒިޔާރަތްކުރީ 8.2 މިލޔަން މީހުންނެވެ. ޖެހިގެން އައި 2018 ވަނައަހަރު 11.3 މިލިޔަން މީހުނެވެ. މިއާ ހިލާފަށް ޔޫއޭއީ އަކީ ކުރީގައި އެހާ މަގުބޫލު މަންޒިލެއް ނޫނެވެ. ކުރެވޭނެ ކަންކަމާއި ބަލާލާނެ އާސާރީ ތަންތަން ވެސް އެހާމެމަދު ގައުމެކެވެ. ދެހާސް ދިހަވަނަ ވަނަ އަހަރު އެ ގައުމަށް ޒިޔާރަތްކުރީ 7.4 މިލިޔަން މީހުންނެވެ. އެކަމަކު 2018 ވަނައަހަރު 15.9 މިލިޔަނަށްވުރެ ގިނަ މީހުން ޔޫއޭއީ އަށް ދަތުރު ކުރި އެވެ. މީގެ ތެރެއިން ގިނައީ ދުބާއީއަށް ދަތުރުކުރި މީހުންނެވެ. ގުދުރަތީ އެއްވެސް ރީތި ކަމެއްނެތް ހޫނު ގަދަ ދަތި އުނދަގޫ ސަހަރާއަކަށް މިހާ ބޮޑު ސަމާލު ކަމެއް ލިބުނީ ކިހިނެއް ކޮންގޮތަކަށް ކޮންކަމެއް ކޮށްގެންކަން ވިސްނާ ފިކުރުކުރާ ބަޔަކަށް އިބްރަތްތެރި އެތައް ފިލާވަޅެއް ލިއްބައިދޭ ހާދިސާއެކެވެ.
ސިންގަޕޫރުގެ ރަށެއް ކަމައްވާ "ޕުލައު ބްލަކަން މަޓި" އެވެ. ފަރުބަދަތަކުން ފުރިފައިވާ، ލަފާ ފުރަން އުނދަގޫ ގާމަތީ ރަށެކެވެ. ފަސް ސަތޭކަ ހެކްޓަރުގެ އެރަށުގެ ނަން 1970 ވަނަ އަހަރު ސެންތޯސާ ގެނަމަށް ބަދަލު ކުރުމުގެ ކުރިން، މިރަށް އެގެނީ ވަރަށްމަދު ބަޔަކަށެވެ. އެހެނަސް މިހާރު މިރަށަކީ ތަފާތު އެތައް ފަންތިއެއްގެ އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ ރަށެކެވެ. ގުދުރަތީ ރީތި ކަމުން ފުރިގެންވާ އެތައް ކަމެއް ލިބިފައިވާ އެތައްހާސް ރަށެއް އަވަށްޓެރި މެލޭސިޔާއާއި އިންޑޮނީޝިޔާގައި ވެސް އެބަހުއްޓެވެ. އެހެނަސް ފަތުރުވެރިންގެ މާކަބޮޑު ސަމާލުކަމެއް ނުލިބެ އެވެ.
މެލޭޝިޔާއަށް 2010 ވަނައަހަރު 24.5 މިލިޔަން މީހުން ޒިޔާރަތްކުރިއިރު 2018 ވަނައަހަރު ޒިޔާރަތްކުރީ 25.8 މިލިޔަން މީހުންނެވެ. ހަމަ މި ސަރަހައްދުގެ ގައުމެއްކަމަށްވާ ތައިލެންޑަށް 2010 ވަނައަހަރު 15.9 މިލިޔަންމީހުން ޒިޔާރަތް ކުރިއިރު 2018 ވަނައަހަރު 38.2 މިލިޔަންމީހުން ޒިޔާރަތް ކުރިއެވެ. ތައިލެންޑުން މިހާ ބޮޑު ކުރިއެރުމެއް ހޯދީ މެލޭސިޔާ އަށްވުރެ ތަފާތުކޮށް ކޮންކަމެއް ކޮށްގެން ހެއްޔެވެ؟
އުތުރު އޭޝިޔާގެ ގައުމެއްކަމުގައިވާ ޖަޕާނަށް 2010 ވަނައަހަރު ޒިޔާރަތްކުރީ 8.6 މިލިޔަން މީހުންނެވެ. 2017 ވަނައަހަރު 28.6 މިލިޔަން އަދި 2018 ވަނައަހަރު 31.1 މިލިޔަންމީހުން ޒިޔާރަތް ކުރި އެވެ. މި ހިނގާ 2020 ވަނައަހަރަކީ 40 މިލިޔަން މީހުން އެ ގައުމަށް ގެންދަން އަމާޒު ހިފާފައިވާ އަހަރެކެވެ. މި އަހަރު އެ ގައުމުގައި ބޭއްވުމަށް ތައްޔާރުވަމުން އައި ދުނިޔޭގެ އޮލިމްޕިކް ކުޅިވަރު މުބާރާތަކީ، މިދެންނެވި މަގުސަދު ހާސިލް ކުރުމަށް ދުރާލާ ރޭވިގެން ހިންގުނު މުހިންމު މަޝްރޫއެކެވެ. ފަތުރުވެރިކަން މާކެޓްކުރުމުގައި ޖަޕާނުން ވަނީ ތަފާތު އެތައްކަމެއް ކޮށްފަ އެވެ.
ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދުނިޔޭގައި މިވަގުތު އެންމެ މަޝްހޫރު ލަގްޒަރީ އެއް ބްރޭންޑެވެ. މީގެ 40 އަހަރު ކުރިން މިކަން މިގޮތަށް ވެދާނެކަމަށް ޤަބޫލުކުރި މަދުބަޔަކު ތިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެނަސް މިހާރު އުފެދޭ ސުވާލަކީ، ރާއްޖޭގެ މަޝްހޫރު ކަމާއި، މަގުބޫލުކަން ހިފަހައްޓާ ދެމެހެއްޓުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭ ކިތައްމީހުން އުޅޭހެއްޔެވެ؟ ކުރި ހޯދަމުން އަންނަ ވާދަވެރި އެތައް ބްރޭންޑްތަކުން ރާއްޖެ ފަހަތަށް ޖައްސާލާ، މި ރޭހުގައި ކުރި ހޯދުމަށް ވަރުބަލިވުމެއް ނެތި ކުރާމަސައްކަތް އެނގޭ ކިތައްމީހުން އުޅޭހެއްޔެވެ؟
ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓަން ރާއްޖެއިން ކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟ ރާއްޖޭގެ އިގްތިސޯދުގެ ބޮޑުބައެއް ހިއްސާކުރާ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުން މަޑުޖެހި ހުއްޓިއްޖެނަމަ، އިގްތިސޯދު ކުރިއަރުވަން ދެން އޮތީ ކޮން އޮޕްޝަނެއް ހެއްޔެވެ؟