ރިޕޯޓް

މިވަގުތު ޓޫރިސްޓް ސްޓޭ މަތިވުމުން އާމްދަނީ އިތުރު ވެދާނެތަ؟

ކޮވިޑް-19 އިގެ ބަލި ދުނިޔެ އަށް އައުމުގެ ކުރިއާ އަޅާބަލާއިރު، ރާއްޖޭގައި އެވްރެޖު ގޮތެއްގައި ޓޫރިސްޓުން ހޭދަ ކުރާ މުއްދަތު ނުވަތަ "ބެޑްނައިޓްސް" އިތުރުވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެހެންވެ، މިއީ ޓޫރިޒަމަށް ޕޮޒިޓިވް ސައިނެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެ އެވެ. ސަބަބަކީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރު ވުމުން އާމްދަނީ އިތުރުވުމުގެ ފުރުސަތު އޮތުމެވެ. ޓޫރިސްޓުން އިތުރުވާތަން އެހެންވެ، ނަމްބަރުން ނުދެކިއަސް ހަގީގީ ނަތީޖާ ނެރެވިދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވެސް ދެކެ އެވެ. މިހާރުގެ ޓްރެންޑުން ޓޫރިސްޓުންގެ އަދަދު އިތުރު ނުވިއަސް އާމްދަނީ އިތުރު ވެދާނެ ހެއްޔެވެ؟ ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރު ވަމުންދިއުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ އަށް ހެޔޮ ފައިދާއެއް ލިބުމުގެ ފުރުސަތު އެބައޮތް ހެއްޔެވެ؟ ބޯ އިތުރު ނުކޮށް އާމްދަނީ މަތި ކުރެވިދާނެ ހެއްޔެވެ؟

"އާމްދަނީ އިތުރު ކުރެވޭނީ ޑިމާންޑް މަތި ކުރެވިގެން. މިކަން ކުރެވޭނީ ރާއްޖެއަށް އިތުބާރު އިތުރުވާނެ ކަންކަންކޮށް، މާކެޓިން ރަނގަޅު ކުރެވިގެން. އެކަމެއް އަދި ނުކުރެވޭ،" ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ހިދުމަތްދޭ އެއާލައިންއެއް ކަމަށްވާ މަންޓާ އެެއާގެ ސީއީއޯ މުހައްމަދު ހަލީމް ވިދާޅުވި އެވެ.

ކޮވިޑްގެ ކުރީގައި ރާއްޖޭގައި ޓޫރިސްޓުން އެވްރެޖު ގޮތެއްގައި ހޭދަކުރަނީ ހަ ދުވަހު އެވެ. މިދިޔަ އަހަރު 1.7 މިލިއަން ޓޫރިސްޓުން އައިއިރު، ޓޫރިޒަމް ސިނާއަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ ގާތްގަނޑަކަށް 3.5 ބިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރު ދައުލަތުގެ އާމްދަނީ އިން މިކަން ދެއްކީ ވެސް އެހެންވެ އެވެ. މިދިޔަ އަހަރު ބަޖެޓު ތިޔާގި ވެގެން ދިޔައީ ވެސް އެހެންވެ އެވެ.

ޓޫރިޒަމްގެ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ އެވްރެޖު ސްޓޭއަކީ ނުވަ ދުވަހެވެ. ޓޫރިސްޓުން ރާއްޖޭގައި ނުވަ ދުވަހު މަޑު ކުރުމުގެ މާނައަކީ މިދިޔަ އަހަރަށްވުރެ "އެވްރެޖު ސްޓޭ" އިތުރުވުމެވެ. މިއީ ޕޮޒިޓިވް ސައިންއެއްގެ ގޮތުގައި ދެކެނީ އެހެންވެ އެވެ. މިހާރުގެ މި އަހަރު އަންނާނެ ޓޫރިސްޓުންގެ އަންދާޒާއަކީ 100،000 ޓޫރިސްޓުންނެވެ. އަދި އަންނަ އަހަރު ޓާކެޓަކީ އެއް މިލިއަން ޓޫރިސްޓުން ހަމަ ކުރުމެވެ.

މި ޓާކެޓުތައް ކުރިމަތީގައި އޮތްއިރު، މިހާރު އެންމެ ބޮޑު ގޮންޖެހުމަކީ، ރިސޯޓުތައް ބަންދުކޮށް އާމްދަނީ ދަށްވެފައިވާތީ ހުޅުވުމާއެކު އަގުތައް މިވަނީ އިންތިހާއަށް ވައްޓާލާފަ އެވެ. މިހާރު ރާއްޖޭގެ ޓޫރިޒަމްގެ ހާލަތަށް ބަލާއިރު ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ބޮޑެތި ޑިސްކައުންޓު ތަކެއް އޮތީ ދީފަ އެވެ. ރާއްޖޭގެ ބޮޑެތި ހައި އެންޑް ރިސޯޓުތަކުގެ އަގު ތަކުން ވަނީ 40 ޕަސެންޓާއި 80 ޕަސެންޓުގެ ޑިސްކައުންޓެއް ދީފަ އެވެ. މި ޑިސްކައުންޓް ދެނީ ހަމައެކަނި ރިސޯޓުތަކުގެ ކޮޓަރީގެ އަގުން އެކަންޏެއް ވެސް ނޫނެވެ. ރިސޯޓަށް އަންނަ މީހާ ކުރާ އެހެނިހެން ހުރިހާ ހަރަދުތަކުން ވެސް މި ޑިސްކައުންޓް ވަނީ ދީފަ އެވެ. މި އަގުން ބަލާނަމަ ކުރިން 20 މީހުން އައިސްގެން 1000 ޑޮލަރު ލިބޭނަމަ، މިހާރު 20 މީހުން އައީމަ 500 ޑޮލަރު ވެސް ނުލިބޭނެ އެވެ. އެހެންވެ މީގެ އިމްޕެކްޓް ސީދާ ދާނީ އާމްދަނީ އަށް ކުރާނެ އެވެ. ރިސޯޓު އޯނަރުގެ އާމްދަނީ އަށް މި އަސަރު ކުރާއިރު، ސަރުކާރަށް ދައްކާ ޓެކުހުގެ އާމްދަނީ އަށް ވެސް މި އަސަރު ކުރާނެ އެވެ.

މިހާރު ރާއްޖެ މާކެޓް ކުރަމުންދާ ގޮތުން ގޮތަށް ކުރިއަށް ގެންގޮސްގެން ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުކޮށް، އާމްދަނީ މަތި ކުރެވިދާނެ ހެއްޔެވެ؟

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވާ ގޮތުގައި މިހާރު ބޮޑަށް ބަލަންވީ ޓޫރިސްޓުން އައިސްގެން ހޯދޭނެ އިގްތިސޯދީ ފައިދާއެއް ހޯދުމަށެވެ.

"އެ މީހުން [ޓޫރިސްޓުން] ހޭދަކުރާ މުއްދަތުގައި މާނަ އެބަހުރި. އެ ބޭފުޅުން ހޭދަކުރާ ޑޮލަރުގެ އަދަދުގައި މާނަ އެބަހުރި. އެ ބޭފުޅުން ދާ ތަންތަނުގައި މާނަ އެބަހުރި. އެހެންވީމަ އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ސްޓެޓިސްޓިކްސްގެ އަހަމިއްޔަތުކަން ހުންނާނީ މާނަ ހުރި ސްޓެޓިސްޓިކްސް އަށް،" މައުސޫމް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ ފޯކަސް ގެއްލިފައި

މިނިސްޓަރު މި ހުވަފެން ދެކެ ވަޑައިގަތަސް ޓޫރިޒަމް ޕްރޮމޯޓް ކުރަން ބޮޑު ބަޖެޓެއް ދީފައި އޮތް އެމްއެމްޕީއާރްސީގެ މަސައްކަތުގެ ރޭޓް ހުރި ގޮތުން މި ނަތީޖާ ނެރެވިދާނެ ތޯ އިންޑަސްޓްރީން ސުވާލު އުފައްދަ އެވެ. އަދި ސަރުކާރުގެ މިހާރުގެ ފޯކަސް ހުރި ގޮތުން ހުރިހާ ކަމެއް އިންޑިއާ އަށް ދޫކޮށްލި ގޮތަށް މިކަން ވެސް އޮތީ އިންޑިއާ އަތްމަތީގަ އެވެ. ރާއްޖޭގެ މުޅި ޕްރޮމޯޝަން ވެސް މި އޮތީ އިންޑިއާ އަށެވެ. މިގޮތަށް މާކެޓް ކޮށްގެން ނަތީޖާ ހޯދިދާނެ ހެއްޔެވެ؟

ކޮވިޑް-19 އަށްފަހު ރާއްޖެ- އިންޑިއާ ހުޅުވުނު ދޮރާއެކު އެމްއެމްޕީއާރުސީ އިން މިހާތަނަށް އިންޑިއާއަށް މާކެޓިން ގިނަ ހަރަކާތް ތަކެއް ހިންގައިފި އެވެ. އެކަމަކު އެ ގައުމުން އަންނަ ޓޫރިސްޓުގެ އެވްރެޖު ސްޓޭއަކީ ތިން ދުވަހާއި ހަތަރު ދުވަހެވެ. އެ ގައުމުން މިހާރު އާއްމު ގޮތެއްގައި އަންނަ ޓޫރިސްޓުންނަކީ ސްޕެންޑިން މަތި ބައެއް ނޫނެވެ. އެ ގައުމުގެ ސްޕެންޑް ކުރާ މަތީ ފަންތި އާއި މެދު ފަންތީގެ އާބާދީ ރާއްޖެ އަށް އަންނަނީ މަދުނެވެ. އެ މީހުންގެ ބޮޑުބައި ދަނީ ދުބާއީ އާއި ލަންޑަން ފަދަ ތަން ތަނަށެވެ. ސަބަބަކީ އެ މީހުން ބޭނުންވާ ޝޮޕިން ފަދަ ކަންކަން ރާއްޖޭގައި ނެތުމެވެ. އެހެންވީމަ އިންޑިއާ އިން ބޯ އިތުރު ކުރިއަސް ނަތީޖާ އެއް ނުނިކުންނާނެކަން ކަމަށް މާހިރުން ދެކެ އެވެ.

ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާތާ ގިނަ ދުވަސްވީ ތަޖުރިބާކާރެއް ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީން ގުޅިގެން މަސައްކަތްކޮށް، ޔޫރަޕަށް ފޯކަސް ކޮށްގެން ނޫން ގޮތަކަށް ޓޫރިސްޓުން ތިބޭ މުއްދަތު ވެސް މަތި ނުކުރެވޭނެ އެވެ.

"ސްޓޭއަކީ އެ މީހުންގެ ކަލްޗާއާ ވެސް ފާޑަކަށް ގުޅިފަ އޮންނަ އެއްޗެއް. ޗައިނާ އިންޑިއާއިން އެވްރެެޖު ގޮތެއްގައި ޗުއްޓީއަށް މި އަންނަނީ 3 ނޫނީ 4 ދުވަހަށް. އެކަމަކު ޔޫރަޕުން އަންނަ މީހުންގެ ހަފުތާއެއް ނޫނީ ދެ ހަފުތާ ވެސް ތިބޭ. އެހެންވެ މިހާރު މާކެޓިންގެ ފޯކަސް ހުރި ގޮތުން މިކަން ކުރެވިދާނެ ތޯ ސުވާލަކީ. އިންޑިއާ އިން މީހުން އިތުރު ކުރަން ހަމައެކަނި ވިސްނައިގެން ސްޓޭއެއް ވެސް އިތުރެއް ނުވާނެ. އާމްދަނީ ވެސް މައްޗެއް ނުކުރެވޭނެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

"ސްޓޭ އިތުރު ކުރަން ބޭނުން ވާނަމަ މިހާރު ފޯކަސް ކުރަންވީ އެމެރިކާ އާއި ރަޝިއާ އަށް. އޭރުން ސްޓޭ މަތި ވާނެ. އެ މީހުން އެބަތިބޭ 10 ދުވަސްވަރު ވެސް."

ޑިމާންޑް މަތިވާނެ ގޮތެއް ބޭނުންވޭ

މާހިރުން ދެކެވަޑައި ގަންނަވާ ގޮތުގައި ރާއްޖެ އަށް އޮތް އިތުބާރު މަތި ކުރެވިގެން ނޫން ގޮތަކަށް މިހާރު ހުރި ޑިސްކައުންޓްތައް ކުޑަ ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. ސަބަބަކީ ކުރި އަށް އޮތްތަނުގައި ވާދަވެރިކަން އިތުރަށް މަތިވެ އިތުރު ދަތިވަމުން ދިއުމުގެ ފުރުސަތު އޮތުމެވެ.

"ސްރީލަންކާއެއް އަދި ނުހުޅުވާ، އެ ގައުމުން ހުޅުވީމަ ވެސް ޑިމާންޑަށް ބަދަލު އަންނާނެ. ރާއްޖޭގައި މިހާރު އޮތް ކޮވިޑުގެ ރެޑް އެލާޓް ނެގީމަ މި އިތުބާރު އިތުރު ވާނީ. އަޅުގަނޑަކަށް ނޭނގެ ރަޝިއާ މީހުންނަށް ރާއްޖެ ސޭފް ކަމަށް އެ ގައުމުން ބުނާއިރު އިނގިރޭސި ވިލާތުގެ މީހުންނަށް ރާއްޖޭގައި ކޮވިޑުގެ ނުރައްކާ އޮތް ކަމަށް ފެންނަންވީ ސަބަބެއް. ރާއްޖޭން ދާ ޓޫރިސްޓުން ޗުއްޓީ ނިންމާފަ ގޮސް، އެ ގައުމުގައި [އިނގިރޭސިވިލާތު] ގަ ކަރަންޓީން ވާން އެބަޖެހޭ. މިއީ ބޮޑު ޖޯކެއް ނޫން ތޯ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

"މިއީ ދެ ގައުމުގެ ގުޅުމުގެ ފެއިލިއާއެއް. ވަރަށް ސިމްޕަލް ކަމެއް މިއީ."

އިންޝުއަރެންސް އަވަސް ކުރޭ

ކޮވިޑް-19 ގެ މިހާލަތުގައި އެންމެ ބޮޑަށް ދަތިވި އެއް ކަމަކީ ދަތުރު ކުރުމުގައި ބަލި ވެއްޖެނަމަ ބޭސް ފަރުވާ ކުރަން ކުރިމަތިވި މައްސަލަ ތަކެވެ. ހާއްސަކޮށް ޓްރެވަލް އިންޝުއަރެންސް ވިޔަފާރި ވިއްކާ ފަރާތްތަކަށް މީގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއްވި އެވެ. ސަބަބަކީ ދަތުރު ކުރުން މަނާކޮށްފައި އޮންނަ ސަރަހައްދަކަށް ހިނގައްޖެނަމަ އިންޝުއަރެންސް ކަވަރު ނުކުރުމެވެ. އެހެންވެ ގިނަ މީހުން ބަލި މަޑުކަމުގެ ދުވަސްވަރު އަންނާކަން ބޭނުމެއް ނުވެ އެވެ. މިއީ އިންޝުއަރެންސް ކަވަރެއްގެ ރައްކާތެރިކަން އެންމެ ބޭނުން ވާނެ ދުވަސް ވަރެވެ. ހަގީގަތަކީ ބޯޑަރު ހުޅުވާއިރު ވެސް މި ފަދަ އިންޝުއަރެންސް ކަވަރެއް އޮންނަންވާނީ ތައްޔާރުވެފަ އެވެ. މިހާރު ޓޫރިޒަމް މިނިސްޓްރީން އެފަދަ އިންޝުއަރެންސް ޕެކޭޖެއް ދަނީ ފަރުމާ ކުރަމުންނެވެ. އެކަމަކު ރާއްޖެ އަބަދު ވެސް މި ކަންކަމުގައި އުޅެނީ މާފަހަތުގަ އެވެ. ނަމަވެސް އިންޑަސްޓްރީން މާކުރިއްސުރެން ފެށިގެން މިކަން ކުރަން ގޮވި އެވެ.

ކުރިން ވާހަކަ ދެއްކެވި، ހަލީލް ވިދާޅުވި ގޮތުގައި ޓޫރިޒަމް އެސްއޯޕީ ލިޔުނި އިރުވެސް އިންޝުއަރެންސް ހިމަނަން އޭނާ ވަކާލާތު ކުރިކަމަށާ، އެކަމަކު އޭރު އެކަން ނުކުރީ ކަމަށެވެ.

"އެހެން ނޫންނަމަ މިއަދު ފައިދާ ކުރީސް. މިހާރު އިންޝުއަރެންސް ޕެކޭޖު އަވަސް ކުރަން ޖެހޭ. ދުނިޔޭގަ އެބަހުރި 50 ޑޮލަރު ނޫނީ 100 ޑޮލަރަށް ލިބެން މިފަދަ ކަވަރޭޖުތައް. މި ވަގުތަށް އެންމެ މުހިންމު އެއްކަން މިއީ،" ހަލީލް ވިދާޅުވި އެވެ.

ދައުލަތުގެ އާމްދަނީ އޮތީ 50 ޕަސެންޓް ދަށުގަ އެވެ. މީގެ ގެއްލުން ދަނީ ރައްޔިތުން ތަހައްމަލް ކުރަމުންނެވެ. ބޭރު ފައިސާ އިންތިހާ އަށް އެބަ ބޭނުންވެ އެވެ. އެހެންވެ، މިހާރު ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ޓޫރިޒަމް ރަނގަޅުވާނެ ގޮތެއް ބޭނުންވެ އެވެ. ކަންކަން ކުރާއިރު "ބަރަވެލި ދުވެލި" ދޫކޮށްލަން އެބަޖެހެ އެވެ. ތަންކޮޅެއް ހަލުވިކޮށް ކަންކަން ކުރެވޭނެ ގޮތެއް ވިސްނަން ޖެހެ އެވެ.