ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބޯޑަރު ހުޅުވި ދުވަހު އެންމެ ގިނަ ޓޫރިސްޓުން ތުރުކީއިން

ރާއްޖޭގެ ބޯޑަރު އިއްޔެ ހުޅުވުމާއެކު، އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ތުރުކީ އިންނެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ރާއްޖެއަށް ޖުމްލަ 212 މީހުން އައިސްފައިވެ އެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ 104 ޓޫރިސްޓުންނާއި 38 ދިވެހިން އަދި ރާއްޖޭގައި މަސައްކަތް ކުރާ 65 މީހުން އަދި އެހެނިހެން ގޮތް ގޮތަށް އައި ފަސް މީހުންނެވެ.

ބޯޑަރު ހުޅުވާލުމާއެކު ގަތަރުގެ ވެރިރަށް ދޯހާ އިން އައި ފްލައިޓުން 104 ޓޫރިސްޓުން އައިސްފައިވެ އެވެ. ބޯޑަރު ހުޅުވި ދުވަހު ރާއްޖެ އަށް އައި ފުރަތަމަ މީހާ ނިސްބަތްވަނީ އެމެރިކާ އަށެވެ. އަދި އެންމެ ގިނަ މީހުން އައިސްފައިވަނީ ތުރުކީން ނެވެ. އެ ގައުމުން 14 މީހުން އައިސްފައިވެ އެވެ.

ދެވަނަ އަށް އެންމެ ގިނަ މީހުން އައިސްފައިވަނީ އެމެރިކާއިންނެވެ. އެ ގައުމުން 12 މީހުން އައިސްފައިވެ އެވެ. އަދި ހޮލެންޑުން ނުވަ މީހުން އަދި ޖަރުމަނުވިލާތުން އަށް މީހުން އައިސްފައިވެ އެވެ. މީގެ އިތުރުން ސުވިޓްޒަލޭންޑުން ހަތް މީހުން އައިސްފައިވާއިރު، އެހެނިހެން ގައުމުތަކުން 54 މީހުން އައިސްފައިވެ އެވެ.

ޓޫރިސްޓުން ނިސްބަތްވާ ގައުމުތައް

  • ތުރުކީން 14 ޓޫރިސްޓުން
  • އެމެރިކާއިން 12 ޓޫރިސްޓުން
  • ހޮލެންޑުން ނުވަ ޓޫރިސްޓުން
  • ޖަރުމަނު ވިލާތުން އަށް ޓޫރިސްޓުން
  • ސުވިޒަލޭންޑުން ހަތް ޓޫރިސްޓުން

ރާއްޖޭގެ ބޯޑަރު އިއްޔެ ހުޅުވުމާލުމާއެކު މިމަހު 10،595 ޓޫރިސްޓުން އަންނާނެ ކަމަށް ގައުމީ ޔުނިވާސިޓީ އިން ހެދި ދިރާސާއަކުން ވަނީ ދައްކާފަ އެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި މި އަހަރު ބާކީ އޮތް މަސްތަކުގައި ޖުމްލަ އަންނާނެ ކަމަށް ބެލެވެނީ 450،134 މީހުންނެވެ.