ހަބަރު

ބޮޑުފިނޮޅުން މީހުން ބާލަން އަމުރުނެރެދިން ގާޒީގެ މައްސަލަ ޖޭއެސްސީ އަށް

ބ. އަތޮޅުގައި ރިސޯޓް ތަރައްގީ ކުރަމުންދާ ރަށް، ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެ ރަށުން ބާލަން ވަގުތީ އަމުރެއް ނެރެފައިވަނީ މަގާމުގެ ބާރާއި ނުފޫޒު ބޭނުން ކޮށްގެން ކަމަށްބުނެ ރިޒް މޯލްޑިވްސް އިން، އަމުރު ނެރުނު ދަރަންވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފް އަށް ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ 198 ބިދޭސީންނަށް މުސާރަ ނުދޭތާ ހަ މަސް ވުމުން އެ މީހުން ވަނީ އެ ރަށުގައި ތިބި ދިވެހިން ރަހީނުކޮށް، އެކަން ހުއްޓުވަން އައި ފުލުހުންނާ ކުރިމަތިލާ ހަމަނުޖެހުން ހިންގައިފަ އެވެ. އެ ރަށުގައި ތިބީ ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ރިޒް މޯލްޑިވްސްގެ މުވައްޒަފުންނާއި އެ ރިސޯޓުގެ ވެރި ފަރާތް ކަމުގައިވާ ސީލް މޯލްޑިވްސްގެ ބައެއް ދިވެހި މުވައްޒަފުންނެވެ. އެ ހަމަނުޖެހުމުގައި ތެރޭގައި ބިދޭސީން ވަނީ ބޮޑުފިނޮޅުގައި ހުރި ސީލް މޯލްޑިވްސްގެ މުދަލަށް ބޮޑެތި ގެއްލުންތައް ދީފަ އެވެ.

އެ މައްސަލާގައި ސީލް މޯލްޑިވްސްގެ ވަކީލުން ވަނީ އެ ކުންފުނީގެ މުދަލަށް ލިބުނު ގެއްލުންތަކުގެ ބަދަލު ނަގައިދިނުމަށް ހުށަހެޅިދާނެތޯ ކަނޑައެޅުމަށް މިދިޔަ ހޯމަ ދުވަހު ތުޅާދޫ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލާގައި ސީލް މޯލްޑިވްސްގެ ފަރާތުން އެދިފައި ވަނީ ގެއްލުން ދިން ބިދޭސީން ތިބެގެން އެ ކަންކަން ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދަން އުނދަަގޫވާ ކަމަށާއި އެހެން ކަމުން ރިޒް ކުންފުނީގެ ބިދޭސީންތައް ބޮޑުފިނޮޅުން ބާލަން އަމުރެއް ނެރެދިނުމަށެވެ.

ރިޒް މޯލްޑިވްސް އިން ބުނީ ތުޅާދޫ ކޯޓަށް ހުށަހެޅުނު މައްސަލައިގެ އަޑު އެހުމެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ މެންދުރުފަހު ތާވަލް ކުރި ކަމަށާއި ނަމަވެސް އަޑު އެހުން ތާވަލް ކުރިކަން އެކުންފުންޏަށް އަންގާފައިވަނީ ވަގުތު ކުޑަތަންވުމުން ކަމަށެވެ. އެހެންކަމުން އެހެން މައްސަލަތައް ފުށު އަރާތީ އެކަން ބަލައިދިނުމަށް އެކޯޓުގައި އެދިފައިވާނޭ ކަމަށާއި އަދި ރޭގެ 8:45 އަކަށް އަޑުއެހުން ޝެޑިއުލް ކުރި ކަމަށެެވެ.

ރިޒް އިން ޖޭއެސްސީ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މިއަޑުއެހުން ފެށުމުގެ ކުރިން އިޖުރާއީ ހަ ނުކުތާއަކާއި އެ ނުކުތާތަކަށް ބާރުދޭ ލިޔެކިޔުން ޝަރީއަތަށް އީމެއިލްގެ ޒަރީއާއިން ފޮނުވި ކަމަށާއި އެ ލިޔުންތައް ތުޅާދޫ ކޯޓަށް ލިބުނުކަން ކޯޓުން އަންގާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ލިޔެކިޔުންތައް ފޮނުވިތާ ފަސްވަރަކަށް މިނެއްޓުފަހުން ފެށި ޝަރީއަތުގައި އެންމެ ނުކުތާއަކަށް ގޮތެއް ނިންމުމަށްފަހު ވަގުތީ އަމުރަށް ޖަވާބުދާރީވުމަށް ފުރުސަތުނުދީ އިއުތިރާޒު ކުރަމުން ދަނިކޮށް އަހްމަދު ލަތީފް ވަގުތީ އަމުރާމެދު ނިންމާ ގޮތް އަޑުއިއްވާ ކަމަށްބުނެ ވާހަކަ ދައްކަމުންދަނިކޮށް ވީޑިއޯ އަދި އޯޑިއޯވެސް މެދުކެނޑިފައިވާ ކަމަށެވެ.

މި ސިޓީގައި ބުނެފައިވަނީ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފް އެކުންފުނިން ހުށަހެޅި އެއްވެސް ނުކުތާއަކަށް ޖަވާބުދެއްވާފައިނުވާ ކަމަށާއި އޭނާގެ މަގާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ވަކިގޮތަކަށް މައްސަލަ ނިންމެވުމަކީ ފަނޑިޔާރުންގެ ގާނޫނާއި ހިލާފް ކަމެއް ކަމަށެވެ. އެހެން ކަމުން އޭނާ އާމެދު އަވަސް ފިޔަވަޅެއް އަޅައި މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ރިޒް އިން ވަނީ ޖޭއެސްސީގައި އެދިފަ އެވެ.

މި މައްސަލާގައި ހިމެނޭ ބިދޭސީންގެ އެއްވެސް ލިޔެކިއުމެއް ނެތް މައްސަލައާއި މުސާރަ ނުދީ ގަވައިދާ ހިލާފަށް ގެންގުޅުން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ވެސް ގެންދަނީ ބަލަމުންނެވެ. ފުލުހުން ވަނީ އެކަމާ ގުޅިގެން ހިއުމަން ޓްރެފިކިންއަށް ތުހުމަތު ކުރެވޭ ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.

މި މައްސަލަ ރިޒާ ނިސްބަތްވާ ޕާޓީ، އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވެސް އަންނަނީ ބަލަމުންނެވެ. އަދި އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަަނާއި އިމިގްރޭޝަން އަދި އިކޮނޮމިކް މިނިސްޓްރީން ވެސް ބަލަ އެވެ. ނަމަވެސް މިހާތަނަށް އައިއިރު އެ މައްސަލައާ ގުޅޭ އެއްވެސް ތަފްސީލެއް އެ އިދާރާތަކުން ހާމައެއް ނުކުރެ އެވެ.