އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ގާއިމުކުރުމަށް ލ. ފޮނަދޫއިން ބިން ކަނޑައެޅުމާއި މަޝްރޫއަށް އެއްބާރުލުން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެކަމަށްޓަކައި މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ އެކްސެލެރޭޓިން ރިނުއުވަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ މަޝްރޫއުގެ ދަށުން އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ގާއިމުކުރުމަށް ފޮނަދޫއިން ބިން ކަނޑައެޅުމާއި މަޝްރޫއަށް އެއްބާރުލުން ފޯރުކޮށްދިނުމަށް ފޮނަދޫ ކައުންސިލާއިއެކު ސޮއި ކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
މިއެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާ އެވެ. އަދި ފޮނަދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް އެވެ.
މި އެއްބަސްވުމުގައި ސޮއި ކުރައްވާ ވާހަކަ ދައްކަވަމުން އަޖްވަދު ވިދާޅުވީ ދުނިޔޭގެ އެންމެ ޖަޒީރާ އެއް ގައުމުގެ މުޅި އާބާދީ އަށް ކަރަންޓް ދިނުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި ރާއްޖެ އިން އެކަން ހާސިލްކޮށްފައިވާ ކަމަށެވެ. މިއީ ކަރަންޓްގެ އަގުހެޔޮކޮށް، ދެމެހެއްޓިނިވި ހިދުމަތަކަށް ބަދަލުކުރަންވީ ވަގުތު ކަމަށްވެސް ވިދާޅުވި އެވެ.