ހަބަރު

ހިޔާ ފްލެޓް އަޅަން ހަވާލުކުރީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް: އަސްލަމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އެޅުމަށް ހަވާލުކޮށްފައި ވަނީ އެ ކަމަށް ޝައުގުވެރިކަން ފާޅުކުރި ފްލެޓްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ސަރުކާރަށް ހުށަހެޅި ކުންފުންޏަށް ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މިހާރުގެ ހައުސިން މިނިސްޓަރު އަސްލަމާއި ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހާޒިރުކުރި އެވެ.

މިއަދުގެ ކޮމިޓީގައި މިނިސްޓަރު އަސްލަމް ވަނީ ރައީސް އޮފީހުގައި ހުރި އެ މަޝްރޫއުގެ މައުލޫމާތުތަކުގެ ލިއެކިއުންތަކާ ހަވާލާ ދެއްވައި ބައެއް މައުލޫމާތުތައް ވިދާޅުވެފަ އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ހިޔާ މަޝްރޫއުގެ ފްލެޓްތައް އެޅުމަށް ހަ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވެ އެވެ. މަޝްރޫއު ހަވާލުކުރެވުނު ޗައިނާގެ ސީއެސްއީސީ އިން ހުށަހެޅި އަގަކީ ހައުސިން ޔުނިޓަކަށް 62،000 ޑޮލަރު ކަމަށާއި ދެން އަނެއް ފަސް ކުންފުނިން ވެސް ހުށަހެޅީ 52،000 ޑޮލަރު ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އަގުތަކަށް ހުރީ މާރުކޭޓު ރޭޓަށް ވުރެ ވެސް ބޮޑު އަގެއްގައި ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ފްލެޓްތަކުގެ ޖާގަ ކަމުގައިވާ 572 އަކަ ފޫޓަކީ ސޯޝަލް ހައުސިންގގެ އެންމެ އާންމު ކުޑަ މިންގަނޑަށްވުރެ ވެސް މާ ކުޑަ ޖާގައެއް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުން ހިޔާ ފްލެޓްތަކުގެ މަޝްރޫއުގެ އެއްބަސްވުން ފުރަތަމަ ގާއިމުކުރީ ހައުސިން މިނިސްޓްރީއާ އެކީގައި ކަމަށެވެ. ނަމަވެސް ފަހުން އެ އެއްބަސްވުން ބާތިލްކޮށް އެ މަޝްރޫއުތައް ކުރިއަށް ގެންދަން ހަވާލުކުރީ އެޗްޑީސީއާ އެކީގައި ކަމަށެވެ. އޭގެ ފަހުން މިނިސްޓްރީން ހަމައެކަނި ކުރި މަސައްކަތަކީ ފްލެޓްގެ އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމާއި، ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ.

އަސްލަމް ދެއްވި މައުލޫމާތުތަކާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުންގެ ސުވާލުތައް މުއިއްޒަށް އަމާޒުކުރެއްވި އެވެ. އެ ގޮތުން އަގު ބޮޑު ވެގެން ދިޔަ ސަބަބާއި ކުންފުންޏަށް ހަވާލު ކުރި ސަބަބާއި ފަހުން އެޗްޑީސީއާ ހަވާލުކުރަން ނިންމި ސަބަބާ ގުޅޭ ގޮތުން މެންބަރުން ސުވާލު ކުރެއްވި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މަޝްރޫއު ކުރިއަށް ގެންދިއުމުގައި މިނސިްޓްރީގެ ދައުރެއް ނެތް ކަމަށާއި މަޝްރޫއު ކުރިއަށް ގެންދިޔައީ އެޗްޑީސީން ކަމަށެވެ. އަދި ވިދާޅުވީ މަޝްރޫއާ ގުޅޭ ގޮތުން ރައީސް އޮފީހުން ކޮމިޓީއެއް އެކުލަވާލި ކަމަށާއި އެ ކޮމިޓީގައި އޭނާ ނުހިމެނޭ ކަމަށެވެ.

މީގެ އިތުރުން ފްލެޓްތަކުގެ އަގު ފަހުން މަތިވެފައިވަނީ ކުންފުނިން ހުށަހެޅި އިމާރާތުގެ ސްޓްރަކްޗާގެ ފެންވަރު މަތިވުމުންނާއި ވަރަށް އުސްކޮށް އިމާރާތް ކުރަން ޖެހޭ އިމާރާތަކަށް ވާތީ އާއި، އެހެން އިމާރާތްތަކާ ތަފާތުކޮށް ކުއާލިޓީ ރަނގަޅު ކުރުމަށެވެ. އަދި ލިފްޓްގެ ސްޕީޑްއާއި ފެންވަރު ވެސް ރަނގަޅު ކުރުމުގެ ގޮތުން އަގު މަތިވެފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލުކޮށްފައިވަނީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް ކަމަށް އަސްލަމް ވިދާޅުވި ވާހަކައެއް މުއިއްޒު ދޮގެއް ނުކުރައްވަ އެވެ. ނަމަވެސް ހިޔާ ފްލެޓެއް ޖެހޭނެ އަގު ކުޑަ ވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެ ކަމާ ގުޅޭ ގޮތުން މިހާރުގެ ސަރުކާރުން ހާމަކުރަނީ ރަނގަޅު އަދަދުތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ދޫކުރުމުގައި ވެސް ކޮރަޕްޝަން ހިމެނޭ ކަމަށް މިހާރުގެ ސަރުކާރުން ތުހުމަތު ކުރެ އެވެ. އެ ކަން ދިރާސާކޮށް ފްލެޓްތައް ލިބެން ޖެހޭ މީހުން ކަނޑައެޅުމަށް ރައީސް އޮފީހުގައި ކޮމިޓީއެއް ވެސް އެކުލަވާލި އެވެ. އެ ކޮމިޓީއިން ބުނެފައިވާ ގޮތުގައި އަންނަ މަހުން ފެށިގެން ފްލެޓް ލިބޭ މީހުންގެ ނަންތައް އާންމުކުރަން ފެށޭނެ ކަމަށެވެ. އަދި އެ ފްލެޓްތަކަށް މީހުން ވަންނަން އަދި އަށް މަސް ނަގާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވެފައިވެ އެވެ.