ޣައްސާން މައުމޫން

އޮޅުވާނުލާ، ރިޔާސީ ކެންޑިޑޭޓަކީ ޔާމީން: ޣައްސާން

2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވީ ދެން އޮންނަ ރިޔާސީ އިންތިހާބެއް ކާމިޔާބުކޮށް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާނީ ޣައްސާން ކަމަށް ޓްވިޓާގައި ބަޔަކު ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާފައިވާ ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރަކާއި ގުޅިގެންނެވެ.

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާ އެއީ ޕީޕީއެމް/ޕީއެންސީ ކައުންސިލުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

"ޕީޕީއެމްގެ 2023 ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. އެއީ ޕާޓީ [ޕީޕީއެމް،ޕީއެންސީ] ކައުންސިލުން އަޅުގަނޑުމެން ނިންމާފައި އޮތްގޮތް. ހަމަ ސާފުކޮށްލަ ދިނީ،" ހިޔާލު ހޯދުމުގެ ވޯޓަށް އިޝާރާތް ކުރައްވާ ޣައްސާން ވިދާޅުވިއެވެ.

2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ނިންމާފައިވީނަމަވެސް މިހާރުވެސް އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެން ކަމުން ކުރިއަށް އޮތް އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމަކަށް ނުބެލެވެެއެވެ.

އިތުރު ދެ ދައުވާއެއްވެސް މިހާރު ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ދިގު މުއްދަތުގެ ހުކުމްތަކެއް އެމަނިކުފާނަށް އިއްވާނެއެވެ.

އިދިކޮޅު ކޯލިޝަނުން އަދި ރައީސް ޔާމީންގެ ގާނޫނީ ޓީމުންވެސް ބުނެފައިވަނީ 2023 ގެ އިންތިހާބުގެ ކުރިން ޔާމީން މިނިވަންވާނެ ކަމަށެވެ.