ޒައިނުއްދީން ޒިދާން

މީ ސީޒަންގެ އެންމެ އުނދަގޫ މެޗު: ޒިދާން

މިރޭ ވިޔަރެއާލް އާ ދެކޮޅަށް ކުޅޭ މެޗަކީ، މި ސީޒަންގައި ރެއާލް މެޑްރިޑް ކުރިމަތިލާނެ އެންމެ އުނދަގޫ މެޗު ކަމަށް، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

މިރޭގެ މެޗުން މޮޅުވެގެން، ލަލީގާގެ ޗެމްޕިއަންކަން ރެއާލްއަށް ހޯދޭނެ އެވެ. ލީގްގައި ބާކީ ދެ މެޗު އޮތް އިރު އެ ދެ މެޗު އެއްވަރު ކޮށްލައިގެންވެސް ރެއާލް އަށް ލީގް ޗެމްޕިއަންކަން ހޯދޭނެ އެވެ. ޒިދާން ބުނީ މެޗު އެއްވަރު ކުރުމަކީ އޭނާ ގެންގުޅޭ ވިސްނުމެއް ނޫން ކަމަށާއި އަމާޒަކީ މެޗުން މޮޅުވެގެން ލީގް ޗެމްޕިއަނަށްވުން ކަމަށެވެ.

"އަހަރެމެން ނުކުންނަނީ މޮޅުވުމުގެ އަމާޒުގައި، އަހަރެމެން ދަނީ އެކަމަށް،" ޒިދާން ބުންޏެވެ. "އެއީ ކޮންމެ މެޗަކަށްވެސް އަހަރެމެން ނުކުންނަ އަޒުމު، ހަމަ އެގޮތަށް ވިޔަރެއާލްވެސް ނުކުންނާނީ އެ އަޒުމުގައި، އަހަންނަކަށް އަދިވެސް އިހްސާސެއް ނުކުރެވޭ ޗެމްޕިއަނެއް ކަމަށް، މެޗުގައި ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭންގޭނެ."

ޗެލްސީއަށް 100 މިލިއަން ޕައުންޑް ދިނުމަށް ފަހު ރެއާލްއިން ގެނައި އެޑެން ހަޒާޑަށް މި ސީޒަންގައި ޖެހުނީ އެންމެ ލަނޑެކެވެ. ރެއާލްއަށް ބަދަލުވި ފަހުން މިހާތަނަށް ހަތަރު ފަހަރު އޭނާ އަށް ވަނީ އިންޖަރީ ވެފަ އެވެ. ރެއާލް އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް އޭނާ ކުޅެފައެއް ނުވެ އެވެ.

މިރޭގެ މެޗުގައި ހަޒާޑަށް ފުރުސަތު ދޭނެ ކަމުގެ އިޝާރާތެއް ޒިދާން ވަނީ ދީފަ އެވެ. "ކަލޭމެންނަށް (މިރޭ) ފެންނާނެ،" ޒިދާން ބުންޏެވެ. އޭނާގެ އަނިޔާ ވަނީ މިހާރު ރަނގަޅުވެފަ، ފިޓްނަސް ވެސް ކުރިއެރުން ލިބިފަ، ކުރިން ވާ ތަދުވެސް މިހާރު ވަނީ ރިކާވާ ވެފަ."

ލަލީގާގައި މިރޭ ކުޅޭ މެޗުތަކުގެ ތެރެއިން އެއިނާ އާއި ރެއާލް ވަޔަޑޮލިޑް މެޗު ފިޔަވައި އަނެއް ނުވަ މެޗުވެސް ފަށާނީ ރާއްޖޭގަޑިން ދަންވަރު 12:00 ގަ އެވެ. އެއިބާ އާއި ވަޔަޑޮލިޑް ކުޅޭ މެޗު ފަށާނީި ރާއްޖޭގަޑިން 9:30 ގަ އެވެ.