ބޭރު ކުޅިވަރު

އިސްތިއުފާނުދޭނަން، ޖެހޭނީ ވަކިކުރަން: މޮރީނިއޯ

Oct 4, 2015

މި ސީޒަނު އަޑިއަޅާލާފައި އޮތް ޗެލްސީ ރޭ ސައުތެމްޓަން އަތުން ބަލިވެ، ތާވަލުގެ 16 ވަނަ އަށް ވެއްޓުނު ނަމަވެސް މަގާމުން އިސްތިއުފާ ނުދޭނެ ކަމަށާއި ޖެހޭނީ އޭނާ މަގާމުން ވަކިކުރަން ކަމަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން 3-1 އިން ބަލިވި މެޗަށް ފަހު ވަރަށް ބޮޑަށް މާޔޫސްވެފައި ހުރެ މޮރީނިއޯ ބުނީ އޭނާއަކީ ޒިންމާއިން ރެކޭނެ މީހެއްނޫން ކަމަށެވެ.

"އަހަރެން ޔަގީންކޮށްދޭން ބޭނުންވޭ. ފުރަތަމަ ކަމަކީ އަހަރެން ޒިންމާއިން ނުފިލާނަން. ދެ ވަނަ ކަމަކީ ކުލަބުން އަހަރެން ބޭނުންވާނަމަ ޖެހޭނީ އަހަރެން މަގާމުން ވަކިކުރަން. ސަބަބަކީ އަހަރެން، އަހަރެންގެ ޒިންމާއިން ނުފިލާނެތީވެ ނުވަތަ އަހަރެންގެ ޓީމު ދޫކޮށްފައި ނުދާނެތީވެ. ތިން ވަނަ ކަމަކީ ފުރަތަމަ އަދި ދެ ވަނަ ކަމަށްވުރެ މުހިންމު ކަމެއް. އެއީ އަހަރެން މަގާމުން ވަކިކޮށްފިނަމަ އެކަންވާނީ ކުލަބަށް ވަރަށް އުނދަގޫ ވަގުތަކަށް. ކީއްވެކަން އެނގޭތަ؟ އެއީ އެމީހުން މަގާމުން ވަކިކުރަނީ މި ކުލަބުގެ އެންމެ ކާމިޔާބު ކޯޗަށްވާތީވެ،" ފާއިތުވެދިޔަ އަށް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވި ޓީމުގެ ކޯޗު މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ އެއްވަނާގައިވާ މެންޗެސްޓާ ސިޓީ އަށްވުރެ 10 ޕޮއިންޓް ފަހަތުގައި އޮތުމުން މި ސީޒަނުގެ ތަށި ޗެލްސީ އަށް ލިބުމަކީ ނުވާނެ ކަމެއް ކަމަށެވެ.

"ޗެލްސީ އަށް ތަށި ދެން ނުލިބޭނެ. އެއީ (ދެ ޓީމުގެ މެދުގައި އޮތް) ތަފާތު މިހާރު ވަރަށް ބޮޑުވެއްޖެ. އެކަމަކު އަހަރެންނަށް ވަރަށް ޔަގީން އަހަރުމެން ގަދަ ހަތަރެއްގައި ހިފަހައްޓާނެކަން. ސީޒަނުގެ ނަތިޖާ މާބޮޑަށް ގޯސްވީމަ ގަދަ ހަތަރެއްގައި ނިންމާލެވުމުން ފުދޭނެ.

ރޭގެ މެޗުގައި މޮރީނިއޯ ވަނީ ދުވަސްތަކަކަށް ފަހު ކެޕްޓަން ބޭންޑާއެކު ޖޯން ޓެރީ ފުރަތަމަ 11ގައި ކުޅެން ނެރެފަ އެވެ. ނަމަވެސް އޭނާގެ ފަރާތުން މާ ރަނގަޅު ކަންތައްތަކެއް ނުފެނުނު މެޗަށް ފަހު މޮރީނިއ ބުނީ މިސީޒަނުގައި ޗެލްސީ އަޑިއަޅާލާފައިވަނީ ވަކިވަކި ކުޅުންތެރިންގެ މިސްޓޭކްތައް މާގިންވަމުންދާތީ ކަމަށެވެ.

"އަހަރެން އަހަރެންގެ ޒިންމާ އަދާކުރާނަން. ކުޅުންތެރިން އެބަޖެހޭ ކުޅުންތެރިންގެ ޒިންމާ އަދާކުރަން. އަދި ޓީމުގެ އެހެން މެމްބަރުން ވެސް އެބަޖެހޭ އެމީހުންގެ ޒިންމާ އަދާކޮށް އެކުވެރިބައެއްގެ ގޮތުގައި ތިބެން. އެއީ އަހަރެން އެދޭ ގޮތަކީ،" މޮރީނިއޯ ބުންޏެވެ.

އޭނާ އަދި ބުނީ މެޗުގައި ޗެލްސީ އަށް ލިބެންޖެހޭ ޕެނަލްޓީއެއް ދޭން ރެފްރީ އަށް ނުކުރެނު ކަމަށާއި އެއީ މެޗަށް ފަހު މީޑިޔާއިން ރެފްރީ އަށް ފާޑުކިޔައި އެކިއެކި ވާހަކަ ދައްކައި އޭނާ ޖަވާބުދާރީވާންޖެހިދާނެތީވެ ކަމަށެވެ.

މި މެޗުން މޮޅުވުމުން ސައުތެމްޓަން އޮތީ 8 މެޗުން 12 ޕޮއިންޓާއެކު ނުވަ ވަނާގަ އެވެ. ޗެލްސީ އަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ.