ބޭރު ކުޅިވަރު

20 މިނިޓުން ފަސް ގޯލު، އަގުއެރޯއަކީ ތަފާތު ކުޅުންތެރިއެއް

Oct 4, 2015

ނިއުކާސަލްކޮޅަށް 20 މިނިޓް ތެރޭގައި ފަސް ގޯލު ޖެހުމުން އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއެރޯއަކީ ތަފާތު ކުޅުންތެރިއެއް ކަމަށް އޭނާގެ ކޯޗު މެންޗެސްޓާ ސިޓީގެ މެނުއަލް ޕެލެގްރީނީ ބުނެފި އެވެ.

ހަޔެއް އެކަކުން ސިޓީ މޮޅުވި މެޗުގެ 18 ވަނަ މިނިޓްގައި ނިއުކާސަލްގެ އެލެގްޒެންޑާ މިޓްރޮވިޗް ގޯލު ޖަހާފައިވަނިކޮށް، އަގުއެރޯ އޭނާގެ ފުރަތަމަ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްދިނީ 42 ވަނަ މިނިޓްގަ އެވެ. ދެ ވަނަ ލަނޑު ޖެހީ 49 ވަނަ މނިޓްގަ އޭނާ ހެޓްރިކް ހެދީ އޭގެ ދެ މިނިޓް ފަހުންނެވެ. ހަތަރު ވަނަ ލަނޑު އޭނާ ޖެހީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. ފަސް ވަނަ ލަނޑު 62 ވަނަ މިނިޓްގަ އެވެ. މި މެޗުގައި ސިޓީގެ އަނެއް ލަނޑު ޖެހީ 54 ވަނަ މިނިޓްގައި ކެވިން ޑެބްރޫނޭ އެވެ.

"ސާޖިއޯ އަގުއެރޯ އަކީ ތަފާތު ކުޅުންތެރިއެއް. އެހެން މެޗެއްގައި އޭނާ އަށް ފުރުސަތު ލިބި ސްކޯ ނުކުރެވިވެސް ހިނގައިދާނެ. މިއަދު އޭނާ އެވަނީ އޭނާގެ ހަގީގީ ފެންވަރަށް އައިސް އައިސް ގޯލުތަކެއް ޖަހާފައި. އޭނާ މި ފެންވަރުގައި ކުޅުމަކީ އަހަރެން ވެސް އަދި ޓީމުގެ އެހެން ކުޅުންތެރިން އެންމެ އެދޭނެ ގޮތް. މިދިޔަ މެޗުތަކުގައި އޭނާ އަށް ނުކުޅެވުމަކީ އަހަރެމެން އެކަމާ ހިތާމަކުރި ކަމެއް. އެކަމަކު އޭނާ އެކަމާ ދެރަވެ ނޫޅޭ. ރަނގަޅަށް ފަރުވާ ހޯދައިގެން އޭނާ އަލުން ކުޅެން ނުތުމުގެ ނަތީޖާ މި ފެނުނީ،" މެޗަށް ފަހު ކޯޗު ޕެލެގްރީނީ ބުންޏެވެ.

މި މެޗުން މޮޅުވުމުން ސިޓީ ވަނީ 18 ޕޮއިންޓާއެކު އެއްވަނާގަ އެވެ. ނަމަވެސް އާސެނަލް އަތުން މިރޭ މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެނަމަ ޔުނައިޓެޑަށް އަލުން އެއްވަނަ ލިބޭނެ އެވެ. މެޗުން ބަލިވި ނިއުކާސަލް އޮތީ ތިން ޕޮއިންޓާއެކު ޓޭބަލުގެ ފުލުގަ އެވެ. މިއާއެކު ކޯޗު ސްޓީވް މެކްލެރަންގެ މަގާމު ވަނީ އިތުރަށް ނުރައްކަލަށް ހުށަހެޅިފަ އެވެ.