ބޭރު ކުޅިވަރު

މެސީ ނެތި ސެވިއްޔާ އަތުން ބާސެލޯނާ ބަލިވެއްޖެ

Oct 4, 2015

އަނިޔާވެފައިވާ ލަޔޮނަލް މެސީ ނެތި ކުޅެންޖެހިފައިވާ ސްޕޭނުގެ ޗެމްޕިއަން ބާސެލޯނާ ލީގުގައި ސެވިއްޔާ އަތުން ރޭ 2-1 އިން ބަލިވެއްޖެ އެވެ.

މެޗުގައި ސެވިއްޔާގެ ލަނޑުތައް ޖަހައިދިނީ 52 ވަނަ މިނިޓްގައި މައިކަލް އާއި 58 ވަނަ މިނިޓްގައި ވިސެންޓޭ އެވެ. ބާސެލޯނާގެ ހަމައެކަނި ލަނޑު ޖެހީ 74 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ބްރެޒިލްގެ ނޭމާ އެވެ.

ބާސެލޯނާ ބަލިމިވީ މެސީ ނެތި ކުޅެން ޖެހުމުން ޓީމަށް މޮޅުވާން އުނދަގޫވާކަން ފާހަގަކޮށް ސަޕޯޓަރުންގެ ނޭމާ އާއި ސުއަރޭޒް ފަދަ ކުޅުންތެރިންނާ މެދު ހިތްހަމަނުޖެހުން ފާޅުކުރާތީވެ އެކުޅުންތެރިން އެކަމުގެ ނުތަނަވަސްކަން ފާޅުކޮށްފައި ވަނިކޮށެވެ.

މި މެޗުން ބާސެލޯނާ ބަލިވުމުން ވާދަވެރި ރެއާލް މެޑްރިޑަށް ވަނީ ބާސެލޯނާއާ އެއް ޕޮއިންޓް ފެއަށް ޖެހިލުމުގެ ފުރުސަތު ލިބިފަ އެވެ. އެކަމަކު އެކަން ކުރެވޭނީ މިރޭ އެތްލެޓިކޯ މެޑްރިޑު އަތުން މޮޅުވެގެންނެވެ.

ރެއާލް އަށް މި ވަގުތު ލިބިފައިވަނީ 14 ޕޮއިންޓެވެ. ބާސެލޯނާ އަށް 15 ޕޮއިންޓެވެ. އެއްވަނާގައިވަނީ 16 ޕޮއިންޓާއެކު ވިޔަރެއާލް އެވެ. އެއީ އެހެން ޓީމުތަކަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.