ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޖީއެމްއެޗް

ކޮވިޑް-19: އައިޖީއެމްއެޗުން ބައިލައްކަ ޓެސްޓް

މިހާތަނަށް 50،000 ވުރެ ގިނަ ސާމްޕަލް ކޮވިޑަށް ޓެސްޓްކޮށްފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނީ ކޮވިޑްގެ ބަލި މީހުން ރާއްޖެއިން ފެންނަން ފެށުމާއެކު އެ ހޮސްޕިޓަލުން ކޮވިޑަށް ޓެސްޓް ކުރަން ފަށާފައިވާ ކަމަށާ މިއަދުގެ ނިޔަލަށް 50،000 ގިނަ ސާމްޕަލް ޓެސްޓްކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑްގެ ބަލި މީހަކު ފެނުނުތާ މިއަދަށް 132 ދުވަސް ވީއެވެ. މިހާތަނަށް 65،176 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ. ކޮވިޑަށް ރާއްޖެއިން އެންމެ ފުރަތަމަ ޓެސްޓް ކުރަން ފެށީވެސް އައިޖީއެމް ހޮސްޕިޓަލުންނެވެ. އޭގެ ފަހުން ފުލުހުންގެ ލެބުންވެސް ވަނީ ކޮވިޑަށް ޓެސްޓް ކުރަން ފަށާފައެވެ. އަދި އޭޑީކޭ ހޮސްޕިޓަލުންވެސް މިހާރު ވަނީ ދުވާލަކު 500 ސާމްޕަލް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރީކޮޅު ޓެސްޓް ކުރަމުންދިޔައީ ޝައްކު ކުރެވޭ މީހުންނެވެ. ނަމަވެސް މިހާރު ކޮންމެ ދުވަހަކުވެސް މަގުމަތިން ގިނަ ބައެއްގެ ސާމްޕަލް ނަގާ ދަނީ ޓެސްޓް ކުރަމުންނެވެ. އާންމުކޮށް 1000-500 ދެމެދުގެ އަދަދެއް ކޮންމެ ދުވަހަކުވެސް ދަނީ ޓެސްޓް ކުރަމުންނެވެ.

ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް މި ބަލި ޖެހިފައިވަނީ 2,899 މީހުންނަށެވެ. އޭގެ ތެރެއިން 2,339 ވަނީ ރަނގަޅުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 80.68 ޕަސެންޓެވެ. މިވަގުތުވެސް 36 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.