އެފްއޭއެމް

އެފްއޭއެމްގެ ރީތި އިމާރާތާއި ވަށައިޖެހޭ ޕްލޭން

މަތީގައި އެވަނީ އެފްއޭއެގެ 20 ބުރީގެ ރީތި އިމާރާތުގެ ކުރެހުމެކެވެ. އިމާރާތުގެ މައި އޮނިގަނޑު ހުންނާނީ އެގޮތަށެވެ. އެހެން ނަމަވެސް ބޭނުން ކުރަން ހަމަޖެހިފައިވާ، މެޓީރިއަލްގެ ކުލަ، ކަޅު ކުލައަށް ބަދަލު ކުރުމުގެ ވިސްނުންތަކެއް ގެންގުޅެމުންދާ ކަމަށް އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު ވަނީ ވިދާޅުވެފަ އެވެ.

ބޭނުން ކުރާ މެޓީރިއަލްގެ ކުލަ ބަދަލުވުން ފިޔަވައި އެހެން ބަދަލެއް ނާންނާނެކަން މިހާރު ވަނީ ޔަގީން ވެފަ އެވެ. އެހެންވީމާ އިމާރާތް ނިމޭއިރު ފޮޓޯގައި އެވާ ރީތިކަން ހަމައެގޮތުގައި، އިމާރާތް ބިނާކޮށް ނިމޭއިރު ހުންނާނެ އެވެ.

އެފްއޭއެމްގެ ޕްލޭންގައި އޮތީ 20 ބުރީގެ އިމާރާތް އެކަންޏެއް ނޫނެވެ. އިންޓަނޭޝަނަލް ސްޓޭންޑަޑަށް ރާއްޖޭގައި ގާއިމު ކުރާ ފުރަތަމަ ފުޓްސަލް އެރީނާ ވެސް މި މަޝްރޫއުގެ ބައެއްގެ ގޮތުގައި ހިމެނެ އެވެ. މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައި ވަނީ ދެކުނު ކޮރެއާގެ ސްކައި ވިންޑް ގުލޯބަލް ކުންފުންޏާއެވެ.

ރާއްޖޭގައި އެންމެ އުސްކޮށް އިމާރަތަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ފަންފިލާގެ އިމާރާތެވެ. އެފްއޭއެމްގެ 20 ބުރީގެ އިމާރާތް ވެގެން ދާނީ ޕްރައިވެޓް ސެކްޓާގެ ޝާމިލުވުމާއެކު ރާއްޖޭގައި ހަދާ އެންމެ އުސް އިމާރާތަށެވެ.

މާޗް މަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ 20 ބުރީގެ އިމާރާތް އަޅަން ހޭދަވާނެ ކަމަށް ބެލެވެނީ 17 މިލިއަން ޑޮލަރު ކަމަށެވެ. މުޅި ޕްރޮޖެކްޓްގެ ހުރިހާ ހަރަދެއް ކުރާނީ ލޯން އެއްބަސްވުމުގެ ދަށުން ސްކައި ވިންޑް ގުލްބަލް ކުންފުނިންނެވެ. ލޯން އަދާކޮށް ނިންމަން ޖެހޭނީ އިމާރާތް ނިމުމަށް ފަހު ބޭނުން ކުރާތާ ހަތް އަހަރު ތެރޭގަ އެވެ.

"އަޅުގަނޑުމެން ހެދި ފީޒިބްލިޓީއަށް ބަލާފައ، އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ފަސް އަހަރު ދުވަހުގެ ތެރޭގައި މި ޕްރިންސިޕަލް އެމައުންޓް އަޅުގަނޑުމެންނަށް ކަވާ ކުރެވިގެން ދާނެ," ބައްސާމް ވިދާޅުވި އެވެ. "މީގައި އަޅުގަނޑުމެން ޖެހިލުން ވާވަރުގެ އެއްވެސް ކަމެއް ނެތް އިރާދަ ކުރެއްވިއްޔާ މި މަސައްކަތް ކުރިއަށް ދާނެ."

ބައްސާމް ވިދާޅުވީ 20 ބުރީގެ އިމާރާތުގެ ގިނަ ފަންފިލާތައް ބޭނުން ކުރެވޭނީ ވިޔަފާރީގެ ބޭނުމަށް ކުއްޔަށް ދީގެން ފައިދާ ހޯދުމަށް ކަމަށެވެ. އެހެންވެ ހަތް އަހަރުވުމުގެ ކުރިން އެ ލޯން އަދާ ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވަ އެވެ.

"އެންމެ ބޮޑު ކަމަކަށް އަންނާނީ ރީޕޭ ކުރާނީ ކިހިނެއްތޯ، އަޅުގަނޑުމެންގެ މި 20 ބުރީގެ އިމާރާތުން ވެސް މުޅި ޕްރޮޖެކްޓަށް ކުރާ ހޭދަ އަޅުގަނޑުމެންނަށް ރިކަވާ ކުރެވޭނެ،" ބައްސާމް ވިދާޅުވި އެވެ.

މި އިމާރާތުގެ މަސައްކަތް ފަށަނީ، ޓިބާރޯ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވާ އެފްއޭއެމްގެ އޮފީސް އިމާރާތް ނިމުމުންނެވެ. މިއަހަރު ކުރިމަތިވި ކޮވިޑް-19 އިގެ ހާލަތާއެކު އެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ. ވިހިބުރީގެ އިމާރާތުގެ މަސައްކަތް ފަށަންވާއިރަށް އެފްއޭއެމްގެ އޮފީސް އިމާރާތް ނުނިމިއްޖެނަމަ ޕްލޭން ބީ އެއްވެސް އެބައޮތެވެ. އެއީ ކުއްޔަށް އޮފީހެއް ނަގައިގެން އެފްއޭއެމް މަސައްކަތްތައް އެތަނަށް ބަދަލު ކުރުމަށް ފަހު މިހާރު އިމާރާތް ހުސް ކުރުމެވެ.

މާލޭގައި 20 ބުރިއަށް އިމާރާތް ކުރެވެނީ ވަކި ޝަރުތުތަކެއް ހަމަވަުމުންނެވެ. ހައުސިންގ މިނިސްޓްރީން މެއި 2015 ގައި މާލޭގެ ޕްލޭނިންގެ ގަވާއިދަށް ގެނެސްފައިވާ ބަދަލުގައި، މާލޭގައި 20 ބުރިއަށް އިމާރާތް ކުރާ، ބިންތަކުގައި މަދުވެގެން 4000 އަކަފޫޓް ހިމެނެން ޖެހެ އެވެ. އަދި އިމާރާތުގެ ފުޓް ޕްރިންޓްގެ ގޮތުގައި މަދުވެގެން 3000 އަކަފޫޓް ހުންނަން ޖެހެ އެވެ. މީގެ އިތުރުން އިމާރާތް ހުންނަ މައި މަގުގައި 20 ފޫޓު ހުންނަން ޖެހެ އެވެ. ނުވަތަ 15 ފޫޓް ހުރެއްޖެނަމަ، އިމާރާތް ކުރާ ބިމުން މަގަށް ފަސް ފޫޓް ދިނުމުން އިމާރާތް ކުރެވޭނެ އެވެ. އެފްއޭއެމްގެ މިހާރުގެ ބިމުގައި 7000 އަކަފޫޓް ހިމެނޭ ކަމަށް ބައްސާމް ވިދާޅުވި އެވެ. އަދި އެބިން ގުޅެނީ ހިލާލީ މަގާއި އުޖާލާ ހިގުމަށެވެ. އެ ދެ މަގުގައިވެސް 15 ނުވަތަ 20 ފުޓް ހުންނާނެ އެވެ. އެހެންވެ ބިލްޑިން ކޯޑުގެ 20 ބުރީގެ އިމާރާތް ފެތިގެންދެ އެވެ.

މި އިމާރާތުން ލިބޭ ފައިސާއިން، އަތޮޅުތަކުގެ ތެރޭގައި 17 ދަނޑެއް އެޅުމަށްވެސް ސްކައި ވިންޑް ގުލޯބަލް ކުންފުންޏާ އެފްއޭއެމުން ވަނީ އެއްބަސްވުން ހަދާފަ އެވެ. އެ ކުންފުނިން ދަނޑުތައް އަޅަން ފެށުމަށް ފަހު ޓާގެޓް ކޮށްފައި ވަނީ ކޮންމެ މަހަކުން ދަނޑެއް ނިންމުމަށެވެ. އަތޮލުތެރޭގައި އެޅިގެންދާ 17 ދަނޑާއި އިންޑޯ ފުޓްސަލް އެރީނާ އާއި 20 ބުރީގެ އިމާރާތް ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅައިގެ މޫނުމަތި ބަދަލު ވެގެންދާނެ މަޝްރޫތަކަށް ކަމަށްވެސް ބައްސާމް ވިދާޅުވި އެވެ.

މި މަޝްރޫތައް ގުޅި ލާމެހިގެން ގޮސް ނިމެނީ ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެއަށް ލީގް ފުޅާ ކުރުމުގެ ވިޝަން އަށެވެ.