ހަބަރު

ބިދޭސީން މައްސަލަ ހައްލުވާނީ ރަށްވެހިކަން ދީގެން: ނަޝީދު

Jul 18, 2020
38

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެވެން އޮތީ އެ މީހުން ގަވައިދުގެ ތެރެއަށް ވައްދާ، ދިރިއުޅޭނެ ގޮތް ހަމަޖައްސައިދީ ރަށްވެހިކަން ދީގެން ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ ބްލޮގްގައި މިއަދު ލިޔުއްވެވި މަޒުމޫނެއް ގައި ރާއްޖޭގައި 70،000 އާ ގާތް ކުރާ އަދަދަކަށް ލިޔެކިޔުން ނެތް ބިދޭސީން އުޅޭ ކަމަށާއި އެ ހުރިހާ މީހުން ހައްޔަރުކޮށް ބަންދު ކޮށްފައި ބޭތިއްބޭނެ ގޮތެއް ނެތް ކަމަށް ލިޔުއްވާފައި ވެއެވެ. އަދި އޭގެ ސަބަބުން ހަރަދު ބޮޑުވުމުގެ އިތުރުން އިންސާނީ ހައްގުތަކަށް ވެސް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ.

އެ މަޒުމޫނޫގައި ރާއްޖޭގައި ދިރިއުޅޭ ކާކުކަން ނޭނގޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އޮތް މަގަކީ އެ މީހުން ފޮނުވާލުން ކަމަށް ދެކޭ ނަމަ އެއީ މައްސަލައަށް ހައްލެއް ގެނެވޭނެ ގޮތެއް ނޫން ކަމަށާއި އެ ހުރިހާ އެންމެން ފޮނުވާ ނުލެވޭނެ ކަމަށް ލިޔުއްވަ އެވެ. އަދި ރާއްޖޭގެ އެއްވެސް ވެރިޔަކު އެކަން އެގޮތައް ކުރައްވާނެ ކަމަށް ވިދާޅުވާ ނަމަ އެއީ ޒިންމާދާރު ކުޑަކޮށް ވާހަކައެއް ކަމަށް އެ މަޒުމޫނުގައި ވެއެވެ.

"... ރާއްޖޭގައި މިހާރު ތިބި ގިނަ ބޭރު މީހުންގެ މައްސަލަ ހައްލު ކުރެވޭނީ ރާއްޖޭގައި،" ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ.

އެ މައްސަލައިގެ ހައްލެއް ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ ބިދޭސީންނަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ދީ، އެ މީހުން ދިރިއުޅޭނެ ތަނެއް ވެސް ދީގެން ކަމަށެވެ. އެ ދެކަން ނުކޮށްފި ނަމަ ރާއްޖެއަށް އިތުރު ހަމަނުޖެހުމާއި ކުރިއެރުން ހޯދަން ދަތިވާނެ ކަމަށް ވެސް ރައީސް ނަޝީދު ލިޔުއްވަ އެވެ.

"...[ބިދޭސީންނަށް ރަށްވެހިކަން ނުދީފި ނަމަ] ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ނުރަނގަޅު އަސަރު ކުރާނެ. އަޅުގަނޑު މި ބަސްތައް ލިޔުމުން ބައެއް ބޭފުޅުން ނުރުހިދާނެ. އެހެން ނަމަވެސް މީގެ ފަސް ދިހަ އަހަރު ފަހުން މި މައްސަލަ އޮންނާނީ އަދި މިއަށް ވުރެ މާ ބޮޑުވެފަ. އޭރުން ވެސް އަމަލު ކުރާން ޖެހޭނީ އަޅުގަނޑު މިއަދު ދަންނަވާ ބާވަތުގެ ގޮތަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެގޮތައް ބިދޭސީންގެ މައްސަލަ ހައްލު ކޮށްފައިވާ ގޮތުގެ މިސާލެއް ވެސް ރައީސް ނަޝީދު ލިޔުއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އިނގިރޭސިވިލާތުގެ ގިނަ ބޮޑެތި ސިޓީތަކުގައި އިންޑިޔާ ދަރިކޮޅާއި އެފްރިކާގެ ދަރިކޮޅުގެ ރަނގަޅު ޓައުންތައް ބިނާކޮށްފައި އެބަހުރި ކަމަށެވެ. އެ ގައުމުން ވެސް ބޭރު މީހުންގެ ކަންކަން ހައްލުކޮށްފައި ވަނީ އެ މީހުންގެ "ބޭރުކަން" ކަނޑާލައިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އެ މީހުން އިނގިރޭސިވިލާތުގައި ތިބެވޭ ގޮތް ހަދައިދީ، ދިރިއުޅޭނެ ތަނާއި ކުރާނެ މަސައްކަތް ހޯދައިދީ އަދި އާއިލާތަކަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދީގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"[އެ ބަދަލުތަކާއެކު] މިއަދު އިނގިރޭސި ދާހިލީ ވަޒީރަކީ އަދި މާލީ ވަޒީރަކީ ވެސް އިންޑިޔާ ދަރިކޮޅު މީހުން، ލަންޑަނުގެ މޭޔަރު ވެސް އެފަދަ، ކިތަންމެ މީހުންނެއް. ކިތަންމެ ވިޔަފާރިއެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާާޅުވެފައި ވަނީ އިމިގްރޭޝަން ގާނޫނުގެ އެ ބިލަށް ގެނައުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ތިން އިސްލާހެއް ހުށައަޅާފައި ވަނިކޮށެވެ. އެއީ އޭގެ ތެރެއިން އެއް އިސްލާހަކީ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ލިބިދިނުމެވެ. އެކަމާ އާންމުން ވަނީ ރުޅިގަދަވެ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.