މަސްތުވާތަކެތި

ހަތަރު ރަށަކުން ޑްރަގާއެކު މީހުން ހައްޔަރުކޮށްފި

ހަތަރު ރަށަކުން ޑްރަގް އަތުލައި ގަނެ ބައެއް މީހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހަތަރު ރަށަކުން މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލަތައް މިހާރު އެ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުން ބަލަމުން ގެންދާ ކަމަށެވެ.

ބާރަށުން ދެ މީހަކު ހައްޔަރު ކުރި

މާލެއިން ބާރަށަށް މަސްތުވާތަކެތި ގެންދަން އުޅޭ ކަމަށް މައުލޫމާތު ލިބި ހުކުރު ދުވަހު ހައްޔަރު ކޮށްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ދެ މީހުންގެ ތެރެއިން 25 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ މި މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ވެގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ.

އަދި 27 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ މާލެއިން ފުރައިގެން ބާރަށް ދިޔަ ބޯޓެއް އެރަށު ބަނދަރަށް ކައިރި ކުރުމުންނެވެ. އެމީހާ ބަލާ ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުވާ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ޖޫސްޕެޓީ ކޮތަޅުގެ ދެ ކޮތަޅު ފެނުނެވެ.

ހިރިލަންދޫން ފެނުނު ބޫޓު ކިބައެއް

ފުލުހުން ބުނި ގޮތުގައި ހިރިލަންދޫ ބަނދަރު ސަރަހައްދުން ފެނުނު ބޫޓު ކިބައެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައި ވެއެވެ. އެތަކެތި ހޯދާފައިވަނީ ހުކުރު ދުވަހު އެވެ. މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ގަމުން ދެ މީހަކު ހައްޔަރަށް

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މިދިއަ ބުރާސްފަތި ދުވަހު ލ. ގަމުން 27 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރި އެވެ. ފުލުހުން ބުނީ އެ ދެމީހުންނަކީ ވެސް ދިވެހިން ކަމަށާއި އޭގެ ތެރެއިން 52 އަހަރުގެ މީހާ ހައްޔަރު ކުރީ ދިރިއުޅޭ ގޭގައި ހުއްޓާ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެމީހުން ހައްޔަރުކޮށް ބެލި އިރު މަސްތުވާތަކެތި ކަމަށް ޝައްކުވާ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެ އެވެ. އެ ދެ މީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައި ދިނެވެ.

ހިންމަފުށީ ތިން ގެއަކާއި އޮފީހަކުން ޑްރަގު

ފުލުހުން ބުނީ، ބުރާސްފަތި އަދި ހުކުރު ދުވަހު ހިންމަފުށީގައި އޮޕަރޭޝަނެއް ހިންގައޮ އެ ރަށުގެ ތިން ގެއަކާއި އަމިއްލަ އޮފީހެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ 39 އަހަރުގެ ދިވެހި ފިރިހެނަކާއި ބަންގްލަދޭޝްގެ 31 އަހަރުގެ ފިރިހެނެކެވެ. އަދި ހައްޔަރު ކުރި ދެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.